މިއަހަރު ނިމުމުގެ ކުރިން ދެކުނުގެ އަތޮޅުތައް ދަތުރުފަތުރުގެ ނިޒާމުން ގުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން ހުވަދުއަތޮޅާއި ފުވައްމުލަކު ސިޓީއާއި އައްޑޫސިޓީ ދަތުރުފަތުރުގެ ނިޒާމުން ގުޅާލާނެ ކަމަށެވެ.

ރައީސް މިއަދު ވިދާޅުވީ ރާއްޖޭގެ އުތުރުގެ އަތޮޅުތައް އާރުޓީއެލް ފެރީގެ ނިޒާމުން ގުޅުވާލުމަށްފަހު މިހާރު ސަރުކާރުގެ އަމާޒުހުރީ ދެކުނުގެ އަތޮޅުތައް ދަތުރުފަތުރުގެ ނިޒާމުން ގަތާ ބަދަހިކުރުމަށް ކަމަށެވެ. ހަމައެއާއެކު އާރުޓީއެލްގެ މިނީބަހުގެ ޚިދުމަތް މާލެ ސަރަހައްދާއި ރާއްޖޭގެ ބިންބޮޑެތި ރަށްތަކުގައި ފަށާފައިވާކަން ރައީސް މިއަދު ފާހަގަ ކުރެއްވިއެވެ.

“މިއަދު ބޮޑުތިލަދުންމަތީގެ އިތުރުން ފާދިއްޕޮޅުގެ ހުރިހާ ރަށެއް ކޮންމެ ދުވަހަކު ހަމަ ކޮންމެ ދުވަހަކު. އެދަނީ އާރްޓީއެލްގެ ނިޒާމުން އަމުނާ ގަތާ ބަދަހިވަމުން. އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން ހުވަދު އަތޮޅާއި ފުވައްމުލަކު އަދި އައްޑޫ، އާރްޓީއެލްގެ މި ނިޒާމުން ގުޅާލާނެ” ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް ޞާލިޙުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް މުޅިރާއްޖޭގެ ހުރިހާ ރަށެއް އެކުގައި އަމުނާ ގަތާލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އީކުއެޓާ ހުރަސްކޮށް، ފުވައްމުލަކާ އައްޑޫ، އަދި ހުވަދޫ އެކުގައި މިއަހަރު ނިމުމުގެ ކުރިން ގުޅުވާލެވޭނެ ކަމަށް ރައީސް ސާލިޙު މިއަދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރަށްތައް ކިތަންމެ ގިނަވި ނަމަވެސް އެޚިދުމަތް ދޭން ބޭނުންވާ އުޅަނދު ތަކުގެ އަދަދު މައްޗަށް ދިޔަޔަސް އެކަމުގައި ސަރުކާރަށް ފަސްޖެހި ލަސްކުރެވެން ނެތް ކަމަށެވެ.

ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގެ ރަށްރަށުން ގެއްލިގެން ދިޔަ ތަނަވަސްކަމާއި ފުދުންތެރި އަމިއްލަ އިޤުތިޞާދު އަލުން އިޢާދަކުރުމުގެ ބޮޑު ބަދަލު ފެށެނީ އާރް.ޓީ.އެލްގެ ވިއުގައިން ކަމަށެެވެ. އޭގެއިތުރުން ގެއްލިދިޔަ އެތަނަވަސްކަމާ، ފުދުންތެރި އަމިއްލަ އިޤުތިޞާދު، ރާއްޖޭގެ ހުރިހާ ރަށަކާ، އަތޮޅަކަށް އަންނަން ޖެހޭ ކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ސްޕީޑް ފެރީގެ ޚިދުމަތް ބައެއް އަތޮޅުތަކުގައި މިހާރު ފަށާފައިވާއިރު، ރާއްޖޭގެ 188 ރަށުގައި ފެރީ ޓަރމިނަލްތައް ޤާއިމްކޮށް، މުޅިރާއްޖޭގައި ޚިދުމަތް ދިނުމަށް 82 ސްޕީޑްފެރީ އުޅަނދެއް ދަތުރުތަކުގައި ބޭނުންކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން