މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަގީރުންނާއި މިސްކީނުންގެ ދަފްތަރަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ މާލެ އާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭން ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް މިދިޔަ ޑިސެމްބަރު މަހުގެ 22 އިން މިއަހަރުގެ ޖެނުއަރީމަހުގެ 19 އަށް ހުޅުވައިލުމުން ރަޖިސްޓްރޭޝަނަށް ހުށަހެޅި ފަރާތްތަކަށް، ދަފްތަރުގައި ހިމެނިފައިވާކަން މިހާރު މެސެޖަކުން އަންގާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނެފައިވަނީ ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވިކަން ނާންގާ ފަރާތްތަކުން ޝަކުވާ ހުށަހަޅަން ބޭނުންނަމަ އެ ފުރުސަތު މި މަހުގެ 16 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ މުއްދަތުގެ ފަހުން ހުށަހަޅާ އެއްވެސް ޝަކުވާއެއް ބަލައި ނުގަންނާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 1443 ވަނަ އަހަރު މުޅިރާއްޖޭގައި ތިބީ 9041 ފަޤީރުންނެވެ.



ކިޔުންތެރިންގެ ހިޔާލު