ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުން ލަސްވަނީ ސައުދީ ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުން ލަސްވެފައިވާތީ، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް މިއަދު ވަނީ އެކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރ ޑރ. ޒާހިރާއި ސުވާލު ކުރަށްވާފައެވެ.

މެމްބަރު ޝަފީޤަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީއާއި ރައީސް އޮފީހާއި އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް މީގެކުރިން މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ސައުދީގެ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ރާއްޖެ ވަޑައިގެން މިސްކިތް ހުޅުވުމަށް ގިނަ ތައްޔާރީތައް ވެވުނު ނަމަވެސް މިހާރު އެކަން މަޑުޖެހިފައިވާކަމަށް ޑރ. ޒާހިރު ވިދާޅުވިއެވެ.

މިސްކިތް ރަސްމީކޮށް ހުޅުވާނެ ދުވަހެއް އަންގާނެ ކަމަށް ސައުދީން ބުނި ނަމަވެސް މިހާރު އެކަމުގައި ސައުދީ ސަރުކާރުން އެކަށީގެންވާ އިޖާބައެއް ނުލިބޭކަމަށް މިއަދުގެ ޖަލްސާގައި ޑރ. ޒާހިރު ވިދާޅުވިއެވެ.

ކިންގް ސަލްމާން މިސްކިތަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އެހީގެ ދަށުން ބިނާކޮށްފައިވާ މިސްކިތެކެވެ. އެ މިސްކިތް ރަސްމީކޮށް ނުހުޅުވި ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، މިސްކިތުގެ ނަމާދުކުރާބައިގައި މިދިޔަ ރޯދަމަހުން ފެށިގެން ވަނީ ނަމާދު ކުރަން ފަށާފައެވެ.

ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ބިނާކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރުމަށް ޚާއްޞަ ބައިގައި އެއްފަހަރާ 6000 މީހުންނަށް ނަމާދުކުރެވެއެވެ. ކިންގް ސަލްމާން މިސްކިތް ފަރުމާކޮށްފައިވަނީ ކުތުބުޚާނާއަކާއި، ޤުރުއާނާބެހޭ މަރުކަޒަކާއި، މަލްޓި ޕަރޕަސް ހޯލަކާއި، ޖަލްސާކުރާ މާލަމަކާއި، އޮޑިޓޯރިއަމަކާއި ޕާކިންގް އޭރިއާއެއްވެސް ހިމެނޭގޮތަށެވެ.

6 ފަންގިފިލާއަށް ބިނާ ކޮށްފައިވާ ސަލްމާން މިސްކިތުގެ މައި އިމާރާތުގެ އުސްމިނުގައި 33.5 މީޓަރު ހުންނައިރު، މިސްކިތުގެ ވަށައިގެން ބިނާކުރާ 5 މުންނާރުގެ އުސްމިނުގައި 44 މީޓަރު ހުރެއެވެ. އަދި ނަމާދުކުރުމަށް ޚާއްސަކޮށްފައިވާ ސަރަޙައްދުތަކާއި، މިސްކިތުގެ ގޯތިތެރެ ހިމެނޭހެން، ދިހަހާސް މީހުންނަށް އެއްފަހަރާ ބޮޑު ޖަމާޢަތުގައި ނަމާދުކުރެވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި، ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްގެން އަޅާފައިވާ ސަލްމާން މިސްކިތަކީ ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ ބިނާއެކެވެ.



ކިޔުންތެރިންގެ ހިޔާލު