ރާއްޖޭގެ ދެރަށެއްގައި ވަޤުފްގެ ދެ ޢިމާރާތެއް އެޅުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިވަގުތު ވަޤުފް އިމާރާތެއްގެ ގޮތުގައި ހުރީ 2017 ވަނަ އަހަރު ހުޅުވި "ދާރުލް އީމާން"އެވެ.

ދަޢުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ، ވަޤުފް ޢިމާރާތް އެޅުމަށް ދެ ބިމެއް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ހުޅުމާލެ އާއި ހދ.ހަނިމާދޫގައި ވަގުފް ދެ ޢިމާރާތެއް އެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަޤުފްގެ ކަންކަން ހަރުދަނާކުރުމަށް ވަޤުފް ޤާނޫނެއް އެކުލަވާލުމަށް ބިލް ޑްރާފްޓްކޮށް ނިމިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާލަސްތަކެއް ނުވެ އެ ބިލު ބަންޑާރަ ނާއިބުގެ އޮފީހަށް ފޮނުއްވާނެކަމަށްވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ ވިސްނުމަކީ ވަޤުފްގެ ޤާނޫނު އަންނައިރު ވަޤުފްގެ ޢިމާރާތްތަކެއްވެސް ހުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

ވަޤުފް އިމާރާތްތައް ކުއްޔަށްދީގެން ލިބޭ ފައިސާ ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ މިސްކިތް ބިނާކުރުމާއި، މިސްކިތްތައް މާރާމާތުކުރުމާއި، އަބާތުރަ ފިލުވުމުގެ ކަންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު