އަޅުގަނޑުމެން ކުޑައިރުއްސުރެ ޓީވީއެމުން ދައްކަމުން އަންނަ، ދިވެހި ބަހުން އަޑުއަޅާފައިވާ މިސްރުގެ ޢަރަބި ސިލްސިލާ "މުޙައްމަދުއްރަސޫލުﷲ" ގެ ޚާއްޞަ ރޯލުތައް އަދާކޮށްފައިވާ އެކްޓަރުންނާއި، އެކްޓްރެސްއިންގެ ތެރެއިން މިއަދު މި ގެނެސްދޭ ޝަޚުޞިއްޔަތަކީ މިސްރުގެ އެކްޓަރު ޙަމްޒާ އައްޝީމީއެވެ. ޙަމްޒާ އައްޝީމީއަކީ އެ ސިލްސިލާގެ އެކި ބައިތަކުގައި މުހިއްމު، ތަފާތު އެކި މީހުންގެ ރޯލު އަދާކޮށްފައިވާ އެކްޓަރެކެވެ. މިގޮތުން އޭނާ އަދާކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ ރޯލަކީ ސަލާމްލެއްވި އިބްރާހީމްގެފާނުންގެ ބަފައިކަލުން އާޒަރުގެ ރޯލެވެ. އެއަށްފަހު ސަލާމްލެއްވި ދާއޫދުގެފާނުންގެ ބައިގައި އުޅޭ ޔޫއާބުގެ ރޯލުވެސް ފާހަގަކޮށްލެވެއެވެ.

ޙަމްޒާ އައްޝީމީ އުފަންވީ 26 ޖެނުއަރީ 1939 ގައި މިސްރުގެ ވެރިރަށް ޤާހިރާގައެވެ. އޭނާއަކީ ކުޑައިރުއްސުރެ އެކްޓުކުރުމަށް ޝައުގު ހުންނަ މީހެކެވެ. އެގޮތުގެ މަތީން 1962 ގައި އޭނާ ޤާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަމުން ގެންދިޔަ ދުވަސްވަރު ޓީވީ ސިނަމާތަކުގައި ތަމްސީލުކުޅެން ފެއްޓިއެވެ. އަދި 1963 ގައި ޤާހިރާ ޔުނިވަރސިޓީގެ ޤާނޫނީ ފެކަލްޓީން ދަސްވެނިވުމަށްފަހުވެސް އޭނާ ގަސްތުކުރީ ފިލްމީ ދާއިރާއިންވެސް ޕްރޮފެޝަނަލް ތަމްރީނު ހޯދާށެވެ. މިގޮތުން މިސްރުގެ ހަޔަރ އިންސްޓިޓިއުޓް އޮފް ސިނަމާއަށް ވަދެ، ލިބުނު ސްކޮލަރޝިޕެއްގައި ބެލްގްރޭޑްގައި ހުންނަ ދުނިޔޭގެ ފެންވަރުގެ ފަންނީ އިންސްޓިޓިއުޓަކުން ކިޔަވައި 1968 ގައި ދަސްވެނިވެގެން އައެވެ.

ސްކޫލު ދުވަސްވަރާއި، ޔުނިވަރސިޓީގެ ދުވަސްވަރުގައިވެސް އެތަންތަނުގައި ބޭއްވި ތަފާތު އެކި ސްޓޭޖް ޝޯތަކުގައި ބައިވެރިވެ، އޭގެފަހުން ޓީވީ ސިނަމާތަކުގައި ތަމްސީލު ކުޅެން އުޅުމަށްފަހު، ދާއިރާއިން ކިޔަވައިގެން އައިސް ޙަމްޒާ އައްޝީމީ ދެން ފެށީ ތިއޭޓަރުތަކުގައި ރަސްމީކޮށް ތަމްސީލުކުޅުމުގެ މަސައްކަތްކުރާށެވެ. މި ގޮތުން ލިބުނު މަޤްބޫލުކަމުގެ ނަތީޖާއެއްގެ ގޮތުން ޓީވީ ސިލްސިލާތަކުންނާއި، ފިލްމުތަކުން ފުރުސަތު ލިބި އެ ދާއިރާއިން ކުރިއަރައިގެން ދިޔައެވެ.

ޙަމްޒާ އައްޝީމީގެ މަޝްހޫރުކަމުގެ އަސްލެއް ކަމުގައިވީ "މުޙައްމަދުއްރަސޫލުﷲ" ފަދަ ތަފާތު އެކި ދީނީ ސިލްސިލާތަކުގައި އޭނާ އަދާކޮށްފައިވާ ރޯލުތަކެވެ. "މުޙައްމަދުއްރަސޫލުﷲ" ގެ އިތުރުން އޭނާ ކުޅެފައިވާ މިފަދަ މަޝްހޫރު ދީނީ ސިލްސިލާތަކުގެ ތެރޭގައި "އަލްކަޢުބަތުލްމުޝްރިފާ"، "އަލްފުތޫޙާތުލްއިސްލާމިއްޔާ"، "ލާއިލާހައިއްލަﷲ" އަދި "އަލްއަޒްހަރުއްޝަރީފް މަނާރަތުލްއިސްލާމީ" ފާހަގަކޮށްލެވެއެވެ.

ހަމްޒާ އައްޝީމީގެ ކުޅަދާނަ އެކްޓިންގެ އިތުރުން އޭނާ ވަނީ އޭނާގެ އަޑުގެ ކުޅަދާނަކަން ދުނިޔޭގެ ފެންވަރުގެ ކުންފުނިތަކަށް ވެސް ދައްކައިދީފައެވެ. މިގޮތުން އޭނާ ވަނީ ވޯލްޓް ޑިޒްނީގެ ގިނަ އުފެއްދުންތަކަށް އަޑު ޑަބްކޮށްދީފައެވެ.

ޙަމްޒާ އައްޝީމީ ނިޔާވީ އުމުރުން 75 އަހަރުގައި 25 އޭޕްރީލް 2014 ވީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ނިޔާވީ ލޭ ވިހަވެގެން ޤާހިރާގެ އަލްޤަޞްރުލްޢައިނީ ހޮސްޕިޓަލުގެ އައިސީޔޫގައި ހަފްތާތަކެއް ވަންދެން ފަރުވާދިނުމަށްފަހު ގެއަށް ފޮނުވާލިތާ ދުވަސްކޮޅެއް ފަހުންނެވެ.

ޙަމްޒާ އައްޝީމީ ނިޔާވި އިރު އަތްނބަކާއި 2 ދަރިން ތިއްބެވެ. އަނބިމީހާގެ ނަން މިހާތަނަށް އެނގިފައެއް ނުވެއެވެ. ދަރިންގެ ނަމަކީ އަޙްމަދާއި ޔާސްމީނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން