ރޯދަމަހުގެ ޚާއްޞަ ޓީވީ ސިލްސިލާ "މުޙައްމަދުއްރަސޫލުﷲ" ގެ އެކްޓަރުންގެ ތެރެއިން މިއަދު މި ގެނެސްދޭ އެކްޓަރަކީ މިސްރުގެ ސިނަމާގައި ނަން ވިދާލާފައިވާ އެކްޓަރުންގެ ތެރޭގައި ހިމެނޭ ތައުފީޤް އައްދަޤަންއެވެ. ތައުފީޤް އައްދަޤަންއަކީ "މުޙައްމަދުއްރަސޫލުﷲ" ސިލްސިލާގައި ދައްކާ ރަސްރަސްކަލުންގެ ތެރެއިން އެންމެ ފުރަތަމަ ފެނިގެންދާ ރަސްގެފާނު "ނަމްރޫދު" ގެ ބައި އަދާކޮށްފައިވާ އެކްޓަރެވެ. ތައުފީޤް އައްދަޤަން ނަމްރޫދުގެ ކެރެކްޓަރ ހުށައަޅާދީފައިވާ ލެއް ފުރިހަމަކަމުން، އޭނާއަށް ގިނަބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. އެހެންނަމަވެސް ދިވެހީންގެ ތެރެއިން ތައުފީޤް އައްދަޤަން އެނގެނީ މަދު ބަޔަކަށެވެ.

ތައުފީޤް އައްދަޤަންގެ ފުރިހަމަ ނަމަކީ ތައުފީޤް އަމީން މުޙައްމަދު އައްދަޤަންއެވެ. އޭނާ އުފަންވީ 3 މެއި 1923 ގައި މިސްރުގެ މުޙާފަޡާ އަލްމުނޫފިއްޔާގެ އަވަށެއް ކަމަށްވާ ހޫރައިންގެ މުސްލިމް އާއިލާއަކަށެވެ. އޭނާއަށް އެކްޓިންގެ ތެރެއަށް ވަދެވެނީ އިއްތިފާގަކުންނެވެ. 1946 ގައި ހައިސްކޫލް ނިންމުމަށްފަހު މިންޔާ ސަހަރުގެ މުސްލިމު ޒުވާނުންގެ ޖަމިއްޔާގައި ބައިވެރިވެގެން އުޅުނު ދުވަސްވަރެވެ. އެ ދުވަސްވަރު އޭނާ މަސައްކަތްކުރަމުން ދިޔައީ އެ ސަހަރުގެ ޕްރޮސެކިއުޓަރުގެ އޮފީހުގައެވެ. މިހެން އުޅެނިކޮށް އެއްފަހަރަކު މުސްލިމު ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމުކޮށްގެން ކުޅެމުންދިޔަ ތަމްސީލް ޝޯއެއްގެ މައި އެކްޓަރަކު ބަލިވެގެން ހާޒިރު ނުވެގެން އޭނާގެ ބަދަލުގައި އެ ރޯލު އަދާކުރާނެ މީހަކު ހޯދަމުން ދަނިކޮށް، އޭގެ ޑައިރެކްޓަރަށް ތައުފީޤް އައްދަޤަންއާ ދިމާވެގެން އޭނާއަށް އެ ރޯލު ދިނީއެވެ. ތައުފީޤް އައްދަޤަންގެ އެކްޓިންގެ ހަޔާތް ފެށުނު ހިސާބަކީ މިއީއެވެ.

މިންޔާގައި އުޅެމުންދަނިކޮށް އޭނާގެ ބައްޕަ ނިޔާވުމާ ގުޅިގެން އާއިލާ ބެލުމުގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހުމުން އާއިލާ ގޮވައިގެން، އިތުރު ފުރުސަތުތައް ހޯދުމަށްޓަކައި، ތައުފީޤް އައްދަޤަން މިސްރުގެ ވެރިރަށް ޤާހިރާއަށް ބަދަލުވިއެވެ. ޤާހިރާގައި އޭނާ ފުރަތަމަ މަސައްކަތްކުރީ ރޭލްވޭ ވޯކްޝޮޕެއްގައެވެ. އެއަށްފަހު ޤާހިރާއިން ދިމާވި ފިލްމީ ދާއިރާގެ ފަންނާނުންތަކެއްގެ އެހީތެރިކަމާއެކު އެ ދާއިރާއިން ތައުލީމާއި ތަމްރީނު ހޯދުމަށްޓަކައި މިސްރުގެ ހައި އިންސްޓިޓިއުޓް އޮފް ޑްރެމެޓިކް އާޓްސްއަށް ވަދެ 1950 ގައި އެތަނުން ދަސްވެނިވިއެވެ.

ހައި އިންސްޓިޓިއުޓް އޮފް ޑްރެމެޓިކް އާޓްސްއިން ދަސްވެނިވުމަށްފަހު މިސްރުގެ ފްރީ ތިއޭޓަރުގައި ބައިވެރިވެ އެތަނުގައި ހަތް އަހަރު މަސައްކަތްކުރިއެވެ. އޭގެފަހުން ނެޝަނަލް ތިއޭޓަރުގައި ބައިވެރިވެ، ދާއިރާއިން ރިޓަޔަރވުމާ ހަމައަށް އެތަނުގެ މެންބަރެއްގެ ގޮތުގައި ހުއްޓެވެ. ތައުފީޤް އައްދަޤަން ފުރަތަމަ ކުޅުނު ފިލްމަކީ 1951 ގައި ރިލީޒްކުރި "ޡުހޫރް އަލްއިސްލާމް" އެވެ. ތިއޭޓަރުގައި އޭނާ ކުޅުނު ތަމްސީލުތަކުގައި ބަޠަލެއްގެ ބައި ކުޅުމުގެ ފުރުސަތު ލިބުނަސް ފިލްމުތަކުން އޭނާ ފެނިގެން ގޮސްފައިވަނީ މުޅީންހެން ނުބައިބައި ރޯލުންނެވެ. ބައެއް ފަހަރު ކޮމެޑީ ރޯލުތައް ވެސް ކުޅެފައި އެބަހުއްޓެވެ.

ތައުފީޤް އައްދަޤަން ނުބައިބައި ރޯލުތައް ކުޅުނުލެއް ގިނަ ކަމުންނާއި، ޚާއްޞަކޮށް ރާބޮއެ ވައްކަންކުރާ މީހެއްގެ ރޯލު ކުޅެފައިވާ ލެއް ގިނަކަމުން ވަރަށް ގިނަ މީހުންނަށް އަސްލަށް ވެސް އޭނާ ސިފެވެފައި އޮންނަނީ އެފަދަ މީހެއްގެ ގޮތުގައެވެ. އެގޮތުން ބައެއް މީހުން އޭނާގެ މަންމަގެ ގާތުގައި އެކަމުގެ ޝަކުވާކޮށް، އޭނާގެ މަންމަ ވެސް އެކަން ޤަބޫލުކުރާ ހިސާބަށް ދިޔަކަމަށް ބުނެވެއެވެ.

1951 ގައި "ޡުހޫރުލްއިސްލާމް" އިން ފެށި، ތައުފީޤް އައްދަޤަންގެ ފިލްމީ ހަޔާތް ނިމުނީ 1988 ގައި "އަލްމަޖްނޫން" އިންނެވެ. މަޝްހޫރު ގިނަ ފިލްމުތައް ކުޅެފައިވާ ތައުފީޤް އައްދަޤަންވަނީ 1984 ގައި ދިވެހި އެކްޓަރުންނާއެކީ ދިވެހިރާއްޖޭގައި ބޮޑު ބައެއް ކުޅެފައިވާ އަރަބި/ދިވެހި ފިލްމު "ޔޫސުފް ވަ ޒައިނަބް" (ޔޫސުފް އެންޑް ޒައިނަބް) ގައި ޔޫސުފްގެ ބައްޕަގެ ރޯލު އަދާކޮށްފައެވެ. "މުޙައްމަދުއްރަސޫލުﷲ" ސިލްސިލާގައި ނަމްރޫދު ރަސްގެފާނުގެ ބައި ކުޅުނު ތައުފީޤް އައްދަޤަން "ޔޫސުފް އެންޑް ޒައިނަބް" ގައި ރޯލެއް އަދާކޮށްފައިވާކަމަކީ ވަރަށް ގިނަ ދިވެހީންނަށް މުޅީން އަލަށް ލިބިގެންދާނެ މައުލޫމާތެއްހެން ހީވެއެވެ.

ތައުފީޤް އައްދަޤަން ނިޔާވީ އުމުރުން 65 އަހަރުގައި 26 ނޮވެންބަރު 1988 ގައި މިސްރުގެ މުހަންދިސީން ސަހަރުގެ އައްޞަފާ ހޮސްޕިޓަލުގައި، ކިޑްނީ ފެއިލްވެގެންނެވެ.

ތައުފީޤް އައްދަޤަން ކައިވެނިކުރީ ނަވާލް އައްރަޚާވީއާއެވެ. އެ ދެމަފިރިންނަށް ލިބުނީ ތިން ކުދީންނެވެ. އެއީ ފަޚްރުއްދީން ތައުފީޤް އައްދަޤަންއާއި، ހާލާ ތައުފީޤް އައްދަޤަންއާއި، މާޟީ ތައުފީޤް އައްދަޤަންއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން