ދިވެހީންގެ ތެރޭގައި މަޤްބޫލުކަމަށް ދެގޮތެއް ނުވެ، ޒަމާންތަކެއް ވާންދެން ޓީވީއެމުން ކޮންމެ ރޯދަމަހަކު ދައްކަމުން އަންނަ މިސްރުގެ ޓީވީ ސިލްސިލާ "މުޙައްމަދުއްރަސޫލުﷲ" ގެ އެކްޓަރުންގެ ތެރެއިން މިއަދު މި ގެނެސްދޭ އެކްޓަރަކީ މިސްރުގެ ސިނަމާގައި ކޮމީޑިއަނެއްގެ ގޮތުގައި ނަން ވިދާލާފައިވާ އެކްޓަރު ޢަބްދުލްމުންޢިމް އިބްރާހީމެވެ. ކޮމީޑިއަނެއްގެ ގޮތުގައި މަޝްހޫރުވެފައި ވީ ނަމަވެސް "މުޙައްމަދުއްރަސޫލުﷲ" ސިލްސިލާއިން ޢަބްދުލްމުންޢިމް އިބްރާހީމް ފެނިގެން ދަނީ ހެއްވާމަޖާ މީހެއްގެ ގޮތުގައެއް ނޫނެވެ. ވަރަށް ސީރިއަސް މީހެއްގެ ގޮތުގައެވެ. އާދެ، ސަލާމްލެއްވި އިބްރާހީމްގެފާނުންގެ ބައިގައި އުޅޭ "ލޯގާލް" ގެ ގޮތުގައެވެ. ފުރަތަމަ ފެނިގެން ދަނީ އިބްރާހީމްގެފާނުންގެ ބަފައިކަލުން އާޒަރުގެ ދުވަސްވީ ރަހުމަތްތެރިއެއްގެ ގޮތުގައެވެ. އަދި އަބަދުވެސް އިބްރާހީމްގެފާނަށް ހަމްދަރުދީވާ މީހެއްގެ ގޮތުގައެވެ. އެންމެފަހުން އެކަލޭގެފާނަށް ތަބާވެ ސަހާބީންގެ ތެރޭގައި ލޯގާލް ހިމެނިގެންދެއެވެ. ލޯގާލްގެ ގޮތުގައި "މުޙައްމަދުއްރަސޫލުﷲ" ގައި އޭނާ އަދާކޮށްފައިވާ ރޯލަކީ ކިތަންމެ ކުޑަ ރޯލެއް ނަމަވެސް އެ ރޯލަކީ ވަރަށް ޚާއްޞަ، ސިލްސިލާގެ ލޮނުހެޔޮވަރުކޮށްދޭ ރޯލުތަކުގެ ތެރެއިން ރޯލެކެވެ. އެ ރޯލުގެ ސަބަބުން ދިވެހީންނަށް ލޯގާލް އެނގިފައި ވީ ނަމަވެސް، އެ ރޯލު އަދާކުރި ޢަބްދުލްމުންޢިމް އިބްރާހީމަކީ ކާކުކަން ނޭނގެއެވެ.

ޢަބްދުލްމުންޢިމް އިބްރާހީމަކީ 24 ޑިސެންބަރު 1924 ގައި މިސްރުގެ ބަނީ ސުވައިފް ސަހަރަށް އުފަންވެފައިވާ މީހެކެވެ. އުފަންވީ ބަނީ ސުވައިފަށް ނަމަވެސް އޭނާއަކީ އަސްލު އަލްޣަރްބިއްޔާ މުޙާފަޡާގެ މީތު ބަދްރު ޙަލާވާއަށް ނިސްބަތްވާ މީހެކެވެ. ސާނަވީ ތައުލީމު ނިންމުމަށްފަހު މިސްރުގެ ހަޔަރ އިންސްޓިޓިއުޓް އޮފް ޑްރެމެޓިކް އާޓްސްއިން ވަދެ 1949 ގައި އެތަނުން ފުރަތަމަ ޑިގްރީ ހާސިލުކުރިއެވެ. އެއަށްފަހު އޭނާގެ އުސްތާޒު މިސްރުގެ މަޝްހޫރު ފަންނާނު ޒަކީ ޠުލައިމާތުގެ ޒަމާނީ ތިއޭޓަރުގައި ބައިވެރިވިއެވެ.

1949 އިން ފެށިގެން 1955 އާ ދެމެދު އޭނާ ވަނީ ޒަކީ ޠުލައިމާތުގެ ޒަމާނީ ތިއޭޓަރުގެ މަޝްހޫރު ގިނަ ތަމްސީލު ޝޯތަކުގައި ބައިވެރި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައެވެ. އޭގެ ފަހުން 1956 ގައި ވެޓެރަން އެކްޓަރު އިސްމާޢީލް ޔާސީންގެ ޓްރޫޕާ ގުޅި، އެ ޓްރޫޕާއެކީ ތަފާތު އެކި މަޝްހޫރު ތަމްސީލުތައް ކުޅުނެވެ. އަދި އޭގެ ފަހުން ރޭޑިޔޯ ޝޯތައް ވެސް ދީ، އެއިން މަޝްހޫރުކަން ހޯދުމަށްފަހު ޓީވީ ސިލްސިލާތަކާއި ފިލްތަކުން ފުރުސަތު ލިބި، އޭނާ ވަނީ ތަފާތު ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ.

ޢަބްދުލްމުންޢިމް އިބްރާހީމް ގިނަ ކޮމެޑީ ރޯލްތަކެއް ކުޅުނުއިރު، އޭގެ ތެރެއިން ގިނަ ބައެއްގެ މަޤްބޫލުކަން ލިބުނު ރޯލުތަކުގެ ތެރޭގައި ޢަބްދުލްފައްތާޙް ޤުޞްރީއާއި، ޙަސަން ފާއިޤްއާއި، ކަމާލް އައްޝަނާވީއާއެކީ "ސުއްކަރް ހާނިމް" ގައި އޭނާ އަދާކޮށްފައިވާ ރޯލާއި، ޔޫސުފް ވަހްބީއާއި، ހިންދު ރުސްތުމްއާއި، ފަހުން ހޮލީވުޑްގެ މަޝްހޫރު ތަރިއެއްކަމުގައި ހިމެނުނު ޢުމަރު ޝަރީފާއެކީ "އިޝާޢަތު ޙުއްބު" ގައި އޭނާ އަދާކުރި "މަޙްރޫސް" ގެ ރޯލު ފާހަގަކޮށްލެވެއެވެ. ޢަބްދުލްމުންޢިމް އިބްރާހީމަކީ ކޮމޭޑިއަނެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި އެކްޓަރެއް ނަމަވެސް، އޭނާ ވަނީ ބައެއް ފިލްމުތަކުގައި ބަތަލުގެ ރޯލު ވެސް ކުޅެފައެވެ. މިގޮތުން އޭނާގެ އެންމެ މަޝްހޫރު ރޯލަކީ "ސިއްރު ޠާޤިޔަތުލްއިޚްފާއު" ގައި އޭނާ އަދާކޮށްފައިވާ "ޢަޞްފޫރް" ގެ ރޯލެވެ.

ޢަބްދުލްމުންޢިމް އިބްރާހީމް 4 ކައިވެންޏެއް ކުރިއެވެ. ފުރަތަމަ ކައިވެންޏަކީ ފަންނުވެރިކަމުގެ ދާއިރާއާ ގުޅުމެއް ނެތް މީހަކާ ކުރި ކައިވެންޏެވެ. މިކައިވެނިން އޭނާއަށް 4 ކުދިން ލިބުނެވެ. އެއީ ސަލްވާ، ސުހައިރް، ސުމައްޔާ އަދި ޠާރިޤްއެވެ. ފުރަތަމަ އަނބިމީހާ ޒުވާން އުމުރުގައި ސިއްހީ މައްސަލަތަކެއް މެދުވެރިވެގެން ނިޔާވުމުން ދެވަނައަށް ކައިވެނިކުރީ ނިޔާވި އަނބިމީހާގެ އުޚުތަކާއެވެ. އެހެންނަމަވެސް އެ ކައިވެނި މާ ގިނަ ދުވަހަކު ދެމިނޯތެވެ. އެއަށް ފަހު ތިން ވަނަ ކައިވެނިކުރީ ލުބުނާނުގެ އަންހެނެއް ކަމަށްވާ ޢާއިދާ ތަލްޙޫމްއާއެވެ. މިކައިވެނިން ލިބުނީ އެންމެ ކުއްޖެކެވެ. އެއީ ނީފީންއެވެ. ޢަބްދުލްމުންޢިމް އިބްރާހީމްގެ ހަތަރުވަނަ އަދި އެންމެ ފަހުގެ ކައިވެންޏަކީ އޭނާ ފަދަ ފަންނާނު ކައުޘަރް އަލްޢަސަލްއާ ކުރި ކައިވެންޏެވެ. މި ކައިވެނި އޭނާ ނިޔާވަންދެން 20 އަހަރަށް ދެމިއޮތެވެ. އޭނާ އެ ކައިވެނިކުރީ ޢާއިދާ ތަލްޙޫމްއާ އިނދެގެން ހުރެ ދެ އަތްނބަށެވެ. އެހެންނަމަވެސް ޢާއިދާ ވަނީ ކެންސަރު ބަލީގައި ފަހުން ނިޔާވެފައެވެ.

ޢަބްދުލްމުންޢިމް އިބްރާހީމް ނިޔާވީ އުމުރުން 63 އަހަރުވާން މަހެއްހާ ދުވަހަށްވެފައި ވަނިކޮށް، 17 ނޮވެންބަރު 1987 ގައެވެ. އޭނާ ވަޅުލެވުނީ އޭނާ އެރަށަކަށް ނިސްބަތްވާ މީތު ބަދްރު ޙަލާވާ އަވަށުގައެވެ. އޭނާ ނިޔާވުމުގެ ކުރިން 1983 ގައި އޭނާއަށް ވަނީ ފިލްމީ ދާއިރާގެ ފަންނާނުންނަށް މިސްރުގައި ދެވޭ އެއްވަނަ ދަރަޖައިގެ އެވޯޑު ލިބިފައެވެ. އަދި ހަމަ އެހެންމެ 1986 ގައި އޭނާއަށް މިސްރުގެ ޤައުމީ ތިއޭޓަރުން ދޭ ރަން އައްޑަނަ ވެސް ލިބުނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން