"މުޙައްމަދުއްރަސޫލުﷲ" ގެ އެކްޓަރުންނާއި އެކްޓްރެސްއިންގެ ތެރެއިން މިއަދު މި ގެނެސްދޭ އެކްޓްރެސްއަކީ މިސްރުގެ ސިނަމާގައި ނަން ވިދާލާފައިވާ މަޝްހޫރު އެކްޓްރެސް ސަނާ މަޡްހަރެވެ. ސަނާ މަޡްހަރްވަނީ "މުޙައްމަދުއްރަސޫލުﷲ" ސިލްސިލާގެ ތަފާތު ދެ ބައެއްގައި ދެ މީހެއްގެ ރޯލު އަދާކޮށްފައެވެ. އެންމެ ފުރަތަމަ އޭނާ ފެނިގެން ދަނީ ސަލާމްލެއްވި ލޫޠުގެފާނުންގެ އަނބިކަމަނާގެ ގޮތުގައެވެ. ސަދޫމް ސަހަރަށް ނިސްބަތްވާ، ނުބައިނުލަފާ ފާސިދު އަންހެނެއްގެ ގޮތުގައެވެ. އެއަށްފަހު ސަލާމްލެއްވި ސުލައިމާނުގެފާނުންގެ ބައިގައި ސަބާގެ ރަނިކަމަނާ ބަލްޤީސްގެ ރޯލުވެސް އަދާކޮށްފައިވަނީ ހަމަ ސަނާ މަޡްހަރެވެ.

ސަނާ މަޡްހަރްގެ އަސްލު ނަމަކީ ސަނާ މުޙައްމަދު ޞުބައިޙްއެވެ. "ސަނާ މަޡްހަރް" މި ނަމަކީ އޭނާގެ ފިލްމީ ޙަޔާތުގައި ބޭނުންކުރަން އޭނާ އަމިއްލައަށް އިޚްތިޔާރު ކުރި ނަމެކެވެ. ސަނާ މަޡްހަރް އުފަންވީ 17 އޮގަސްޓު 1932 ގައެވެ.

ސާދާ މިޒާޖެއްގެ ސަނާ މަޡްހަރްގެ ފަންނީ ހަޔާތް ފެށުނީ 1959 ގައެވެ. ފަންނީ ހަޔާތުގެ ތެރެއިން އޭނާއަށް މަޝްހޫރުކަން ލިބުނީ 1963 ގައި ނުކުތް "ބަޔާޢަތު އަލްޖަރާއިދް" ފިލްމުގައި އޭނާ އަދާކޮށްފައިވާ ޒަކިއްޔާގެ ރޯލުންނެވެ. އެ ފިލްމަށް ފަހު އޭނާއަށް ލިބުނު މަޝްހޫރުކަމަށް ފަހުގައި ވެސް ސަނާ އޭނާގެ ސާދާ މިޒާޖަށް ބަދަލެއް ނުގެނެއެވެ. މިގޮތުން ފިލްމުތަކުގައި ނިވައިކަންކުޑަ ހެދުންލުމާއި، ޝަހުވާނީ މަންޒަރުތައް ހިމެނޭ ސީންތައް ކުޅުމުގެ ބަދަލުގައި އޭނާ އެފަދަ ފިލްމުތަކަށް ނޫނެކޭ ބުންޏެވެ. އޭގެ ސަބަބުން އޭނާއަށް ފިލްމުކުޅުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވިއެވެ.

ސަނާ މަޡްހަރް ކުޅުނު ގިނަ ފިލްތަކުގައި، އިސްތަށިގަނޑު ގޮތްގޮތަށް ހެދުމާއި، ކޮސްޓިއުމް ޑިޒައިންކުރުމާއި، އެޔާ ގުޅޭނެ ގަހަނާތައް އިޚްތިޔާރުކުރީ އޭނާ އަމިއްލައަށެވެ. އޭނާގެ ޤުދުރަތީ އިސްތަށިގަނޑަކީ ބްލޮންޑް އިސްތަށިގަނޑަކަށް ވުމާއެކު ވެސް ފިލްމު ކުޅުމަށްޓަކައި އެ އިސްތަށިގަނޑުގެ ކުލަ ބަދަލުކުރުމަކީ އޭނާ ރުހުނު ކަމެއް ނޫނެވެ. އެކަންކަމަކީ މިސްރުގެ ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރާ އެހެން އެކްޓްރެސްއިންނާ، ސަނާ މަޡްހަރާ ވަރަށް ބޮޑަށް ފަރަގުކޮށްދިން ކަންކަމެވެ.

ސަނާ މަޡްހަރް 1960 ގެ ތެރޭގައި ފެށި ފިލްމީ ހަޔާތް ނިންމާލީ 1985 ގައި ބުރުގާ އަޅައި ހިޖާބުވުމަށްފަހުގައެވެ. އޭގެ ފަހުން އުމުރުން 85 އަހަރުގައި، 6 އޮގަސްޓު 2018 ގައި ނިޔާވުމާ ހަމައަށް ވެސް އޭނާ އުޅުނީ ފިލްމީ ކަންކަމާ މުޅީން ދުރުގައެވެ. އަދި ހަޔާތުގެ ފަހު ބައި ހޭދަކުރީ މީޑިއާއާ ވެސް ދުރުގައި ވަރަށް އެކަހެރިކޮށެވެ.

ސަނާ މަޡްހަރްގެ ވިއްސަކަށް އަހަރުގެ ފިލްމީ ހަޔާތުގައި އޭނާ ކުޅެފައިވަނީ ޖުމްލަ 13 ފިލްމެވެ. އޭގެ ތެރޭގައި "އަނަ ބަރީއާ" (1959)، "ޝަޖަރަތުލްޢާއިލާ" (1960)، "ރިޖާލް ފިލްޢާޞިފާ" (1960)، "ބަޔާޢަތު އަލްޖަރާއިދް" (1963)، "އައްނަޡާރާ އައްސައުދާ" (1963)، "އަލްޢިނަބް އަލްމުއްރު" (1965)، "އަޣްލާ މިން ޙަޔާތީ" (1965)، "ސިއްތު ބަނާތު ވަ ޢަރީސް" (1965)، "ޝާޠައި އަލްމަރަޙް"(1967)، "ޖަރީމާ ފިލްޙައްޔިލްހާދީ" (1967)، "މަދްރަސަތިލް ޙުސްނާ" (1971) ހިމެނެއެވެ.

ބޮޑު ސްކްރީން ފިލްމުގެ އިތުރުން އޭނާ ވަނީ ވަރަށް ގިނަ، އަދި މަޝްހޫރު ޓީވީ ސިލްސިލާތައްވެސް ކުޅެފައެވެ. އޭގެ ތެރޭގައި "މުޙައްމަދުއްރަސޫލުﷲ" ސިލްސިލާގެ ފުރަތަމަ ބަޔާއި ދެވަނަ ބައި ހިމެނެއެވެ. ފުރަތަމަ ބައި ނިކުތީ 1980 ވަނަ އަހަރުގެތެރޭގައެވެ. ދެވަނަ ބައި ނިކުތީ 1981 ގައެވެ. އޭގެ އިތުރުން ވެސް ދީނީ ދެ ސިލްސިލާއެއް ކަމަށްވާ "ކަޢުބަތުލްމުޝްރިފާ" އާއި "ފުތޫޙާތިލްއިސްލާމިއްޔާ" ގައިވެސް އޭނާ މުހިއްމު ރޯލުތައް އަދާކުރިއެވެ.

ސަނާ މަޡްހަރްގެ ޒަވާޖީ ހަޔާތަށް ބަލާއިރު އޭނާ ކައިވެނިކުރީ މިސްރު ސިފައިންގެ ޕައިލެޓެއް ކަމަށްވާ ޙަސަން އަލްޤަޞްރީއާއެވެ. ނަމަވެސް 1967 ގައި ކުރެވުނު އަރަބި-އިޒްރޭލު ހަނގުރާމައިގައި 8 ޖޫން 1967 ގައި ޙަސަން އަލްޤަޞްރީ، ހަޔާތުގެ ކުރީކޮޅު ޝަހީދުވިއެވެ. އެއަށްފަހު ސަނާ މަޡްހަރް އިތުރު ކައިވެންޏެއް ނުކުރެއެވެ. ސަނާ މަޡްހަރާއި ޙަސަން އަލްޤަޞްރީގެ ކައިވެންޏަށް ދަރިއަކު ލިބިފައިވާ ކަމެއް ސާފުވެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން