ދިވެހި ބަހުން އަޑުއަޅަލައިގެން، 1989 ވަނަ އަހަރުން ފެށިގެން ޓީވީއެމުން ދައްކަމުން އަންނަ މިސްރުގެ އަރަބި ސިލްސިލާ "މުޙައްމަދުއްރަސޫލުﷲ" ގެ އެންމެ މަޤްބޫލު ބައިތަކުގެ ތެރެއިން އެއްބަޔަކީ ސަލާމްލެއްވި މޫސާގެފާނުންގެ ބައެވެ. ދީނީ ގޮތުން ނަބީބޭކަލުން ސިފަކޮށް، ދެއްކުމަކީ ރަނގަޅު ކަމަކަށް ނުވާތީ، މި ސިލްސިލާގައި އެފަދަ ބޭކަލުން ދެއްކުމުގެ ބަދަލުގައި، އެ ބޭކަލުން ދައްކަވާ ވާހަކަފުޅުތައް އެހެން މީހަކު މެދުވެރިކޮށް ގެނެސްދީފައިވެއެވެ. މިގޮތުން މޫސާގެފާނު ދައްކަވާ ވާހަކަފުޅުތައް ގެނެސްދެނީ އެކަލޭގެފާނުގެ ސަހާބީންގެ ތެރެއިން ބޭކަލެއްގެ ރޯލު އަދާކޮށްފައިވާ، މިސްރުގެ މަޝްހޫރު ފަންނާނު ޔޫސުފް ޝަޢުބާންއެވެ. މިއަދުގެ ލިޔުން މި ޚާއްޞަކުރަނީ ޔޫސުފް ޝަޢުބާންގެ މައްޗަށެވެ.

ޔޫސުފް ޝަޢުބާންއަކީ ގާތްގަނޑަކަށް ބައި ގަރުނު ވާންދެން މިސްރުގެ ފިލްމް އިންޑަސްޓްރީގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކުޅަދާނަ ފަންނާނެކެވެ. އޭނާ އުފަންވީ 16 ޖުލައި 1931 ގައި ޤާހިރާގެ ޝުބްރާ އަވަށުގައެވެ. ޔޫސުފް ޝަޢުބާންއަކީ ކުޑައިރުއްސުރެ ކުރެހުމަށް ޝައިގުހުންނަ މީހަކަށްވާތީ ސްކޫލު ނިންމާފައި އޭނާ ގަސްތުކުރީ އެ ދާއިރާއިން ކުރިޔަށް ދާށެވެ. އެހެން ނަމަވެސް އޭނާގެ އާއިލާއިން ބޭނުންވީ އޭނާ ސިފައިންގެ ތެރެއަށް ވައްދާށެވެ. އެކަމާ އޭނާ ދެކޮޅު ހެދުމުން ޤާނޫނު ކިޔަވަން ޢައިން ޝަމްސް ޔުނިވަރސިޓީގެ ލޯ ކޮލެޖަށް ވަންނަން އާއިލާއިން މަޖުބޫރުކުރިއެވެ. ލޯ ކޮލެޖުގައި ކިޔަވަމުން ދިޔައިރު އޭނާ ހަޔަރ އިންސްޓިޓިއުޓް އޮފް ޑްރެމެޓިކް އާޓްސްއަށް ވެސް ވަނެވެ. އަދި ލޯ ކޮލެޖުގެ ތިންވަނަ އަހަރު ކޯސް ފުރިހަމަ ނުކޮށް ދޫކޮށްލާފައި ޑްރެމެޓިކް އާޓްސްއިން ކުރިޔަށް ދިޔުމަށް ގަސްތުކުރިއެވެ. އެގޮތުން ކުރިޔަށް ގޮސް، 1962 ވަނަ އަހަރު އެތަނުން ދަސްވެނިވިއެވެ.

ޔޫސުފް ޝަޢުބާންގެ ފިލްމީ ހަޔާތް ފެށުނީ އޭނާ ކޮލެޖުގައި ކިޔަވަން އުޅުނު ދުވަސްވަރުގައެވެ. އެގޮތުން އޭނާ ކުޅުނު ފުރަތަަމަ ފިލްމަކީ 1958 ގައި ނުކުތް "ސަހްމުﷲ" އެވެ. އޭގެ ފަހުން ދިގު ދެމިގެން ދިޔަ ފިލްމީ ހަޔާތުގައި އޭނާ ވަނީ 100 އަށްވުރެ ގިނަ ފިލްމު ކުޅެފައެވެ. މީގެ ތެރޭގައި މަޝްހޫރު އެތައް ފިލްމެއް ހިމެނެއެވެ. އަދި 1963 ގައި ޓީވީ ސިލްސިލާތައް ކުޅެން ފަށައި، އޭނާގެ މުޅި ފިލްމީ ހަޔާތުގައި ޖުމުލަ 130 އަށްވުރެ ސިލްސިލާ ކުޅެފައިވެއެވެ. 1958 އިން ފެށިގެން ބޮޑު ސްކްރީން ފިލްމު ކުޅެމުން އައިސް 1995 ގައި ބޮޑު ސްކްރީން ފިލްމު ކުޅުމާ ދުރަށްދާން އޭނާ ގަސްތުކުރިއެވެ. އަދި އަހަރަކު އެކެއް ނުވަތަ ދެ ސިލްސިލާއެއް ކުޅެން ވަގުތުކޮޅެއް ދީފައި ބާކީ ވަގުތު އޭނާ ހުސްކުރަން ބޭނުންވީ ފިލްމީ ދާއިރާއަށް އަލަށް ނިކުންނަށް އެކްޓަރުންނަށް ކޯޗުކޮށްދިނުމަށެވެ.

1963 ގައި "އަލްޙުއްބު އަލްކަބީރް" ސިލްސިލާ ކުޅެމުންދިޔަ އިރު ޔޫސުފް ޝަޢުބާން އާއި މިސްރު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އަދި އެންމެ ރީތި ފަންނާނުންގެ ތެރޭގައި ހިމެނޭ ލައިލާ ޠާހިރުގެ ކައިވެނީގެ ގޮށްޖެހި ޚަބަރު އާއްމުކޮށް އިއުލާނު ކުރި އެވެ. ލައިލާ ޠާހިރަކީ "މުޙައްމަދުއްރަސޫލުﷲ" ސިލްސިލާގެ ދެ ބައެއްގައި މުހިއްމު ދެ ރޯލު އަދާކޮށްފައިވާ ފަންނާނެކެވެ. އެއީ ސަލާމްލެއްވި ޔޫސުފްގެފާނުންގެ ބައިގައި މިސްރުގެ ޢަޒީޒުގެ އަނބިކަނބަލުން ޒުލައިޚާގެ ރޯލާއި، ސަލާމްލެއްވި ދާއޫދުގެފާނުންގެ ބައިގައި ބަތުސަބާގެ ރޯލެވެ. ޔޫސުފް ޝަޢުބާން، ލައިލާ ޠާހިރާ ކުރި ކައިވެނި ދެމިއޮތީ ހަތަރު ވަރަކަށް އަހަރަށެވެ. ކައިވެނި ނިމުނީ ތިން ފަށްވެގެންނެވެ.

ލައިލާ ޠާހިރަށް ފަހު ޔޫސުފް ޝަޢުބާން ކައިވެނި ކުރީ މިސްރުގެ ރަސްދަރިކަނބަލެއް ކަމަށްވާ އަލްއަމީރާ ފައުޒިއްޔާގެ ދަރިކަނބަލުން ނާދިޔާ އިސްމާއީލް ޝީރީންއާއެވެ. ޔޫސުފް ޝަޢުބާންގެ ފުރަތަަމަ ދަރިފުޅު ސީނާ ލިބުނީ މި ކައިވެނިންނެވެ. ޔޫސުފް ޝަޢުބާން ތިންވަނައަށް ކައިވެނިކުރީ ކުވައިތުގެ އީމާން ޚާލިދު އައްޝަރީޢާން އާއެވެ. މިކައިވެނި އޭނާއަށް އަންހެން ދަރިފުޅަކާއި ފިރިހެން ދަރިފުޅެއް ލިބުނެވެ. އަންހެން ދަރިފުޅަކީ ޒައިނަބެވެ. ފިރިހެން ދަރިފުޅަކީ މުރާދެވެ.

ޔޫސުފް ޝަޢުބާން ނިޔާވީ އުމުރުން 90 އަހަރުވާން ކައިރިވެފައި ވަނިކޮށް، 28 ފެބްރުއަރީ 2021 ގައެވެ. ނިޔާވީ ކޮވިޑަށް ފަރުވާކުރަމުން ދަނިކޮށް މިސްރުގެ ޖީޒާގެ އަލްޢަޖޫޒާ ހޮސްޕިޓަލުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން