1980 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ޓީވީ މޯލްޑިވްސްއިން، ދިވެހި ބަހުން އަޑު އަޅައިގެން، ދައްކަމުން އަންނަ މިސްރުގެ އަރަބި ސިލްސިލާ "މުޙައްމަދުއްރަސޫލުﷲ" ގެ ބައިތަކުގެ ތެރެއިން، ދިވެހީންގެ ތެރޭގައި އެންމެ މަޤްބޫލު އެއް ބަޔަކީ ސަލާމްލެއްވި މޫސާގެފާނުންގެ ބައެވެ. މިއަދު މި ގެނެސްދެނީ މި ބައިގައި ފިރްޢައުނުގެ ރޯލު އަދާކޮށްފައިވާ މިސްރުގެ މަޝްހޫރު ފަންނާނު މުޙައްމަދު އައްދަފްރާވީއާ ބެހޭ މައުލޫމާތުކޮޅެކެވެ. "މުޙައްމަދުއްރަސޫލުﷲ" ސިލްސިލާގައި ފިރްޢައުނުގެ ރޯލުގެ އިތުރުން މުޙައްމަދު އައްދަފްރާވީ ވަނީ އެހެން ދެ ރޯލެއް ވެސް އަދާކޮށްފައެވެ. މިގޮތުން އެންމެ ފުރަތަމަ ބައިގައި ސަލާމްލެއްވި އިބްރާހީމްގެފާނަށް، މިސްރުން ތަބާވީ މީހުންގެ ތެރޭގައި ހިމެނޭ ބޭކަލެއްގެ ރޯލުވެސް އޭނާ އަދާކޮށްފައިވެއެވެ. ހަމަ އެހެންމެ، ސިލްސިލާގެ އެންމެ ފަހު ބައިގައި ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާގެ ބޮޑުބޭބޭފުޅު އަބޫލަހަބުގެ ރޯލު ވެސް އަދާކޮށްފައިވަނީ މުޙައްމަދު އައްދަފްރާވީއެވެ.

މުޙައްމަދު އައްދަފްރާވީގެ ފުރިހަމަ ނަމަކީ ކާމިލް މުޙައްމަދު އައްޞަޣީރް އަޙްމަދު އައްދަފްރާވީއެވެ. އޭނާ އުފަންވީ މިސްރުގެ ކަފްރް އައްޝައިޚް މުޙާފަޡާގެ އަވަށެއް ކަމުގައިވާ ދަސޫޤްގައި 29 މެއި 1931 ގައެވެ. ޤާހިރާ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްގައި ކިޔަވައި 1953 ގައި ދަސްވެނިވުމަށްފަހު، މުޙައްމަދު އައްދަފްރާވީ، މިސްރުގެ ހަޔަރ އިންސްޓިޓިއުޓް އޮފް ޑްރެމެޓިކް އާޓްސްއަށް ވަދެ 1955 ގައި ޑްރެމެޓިކް އާޓްސް އިން ބެޗެލަރސް ޑިގްރީއެއް ހާސިލުކުރިއެވެ.

މުޙައްމަދު އައްދަފްރާވީގެ ފިލްމީ ހަޔާތް ފެށުނީ 1959 ގައި ރިލީޒްކުރި ހަތަރު ފިލްމަކުންނެވެ. އެއީ "ސަމްރާ ސައިނާ" އާއި، "ﷲއަކްބަރް" އާއި، "ޙުއްބު ވަ ދަލަޢު" އާއި "ޤަބްލަނީ ފިއްޡަލަމް" ކިޔާ ހަތަރު ފިލްމަކުންނެވެ. 1959 ގައި ފެށުނު އޭނާގެ ފިލްމީ ހަޔާތް ނިންމާލީ އޭގެ 51 އަހަރު ފަހުން 2010 ގައި ނުކުތް ސިލްސިލާ "އައްޞައިފުލްމާޟީ" އިންނެވެ. މުޅި ފިލްމީ ހަޔާތުގައި އޭނާ ވަނީ ގާތްގަނޑަކަށް 300 އެއްހާ ފަންނީ މަސައްކަތުގައި ބައިވެރިވެފައެވެ. އޭގެ ތެރޭގައި މަޝްހޫރު އެތައް ބޮޑު ސްކްރީން ފިލްމަކާއި، ޓީވީ ސިލްސިލާއަކާއި، ސްޓޭޖް ތަމްސީލުތައް ހިމެނެއެވެ.

މުޙައްމަދު އައްދަފްރާވީއަކީ މިސްރު ސިނަމާގައި ނަން ވިދާލާފައިވާ ކުޅަދާނަ ފަންނާނެކެވެ. އޭނާގެ ކުޅަދާނަކަމަށްޓަކައި އޭނާއަށް ވަނީ ތަފާތު އެކި އެވޯޑުތަކާއި އިނާމުތައް ލިބިފައެވެ. މިގޮތުން ފާހަގަކޮށްލެވޭ އެވޯޑުތަކުގެ ތެރޭގައި 1979 ގައި މިސްރުގެ އޭރުގެ ރައީސް މުޙައްމަދު އަންވަރުއްސާދާތުގެ އަތްޕުޅުން ލިބުނު އެވޯޑު ހިމެނެއެވެ. ހަމައެހެންމެ 1985 ގައި މިސްރު ޓީވީގެ ރިހިޔޫބީލް ފާހަގަކުރުމުގެ ހަފްލާގައި ލިބުނު އެވޯޑުވެސް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން 2004 ގައި މިސްރުގެ ޢަރަބި ޢީދުގައި އޭނާއަށް ޚާއްޞަ އައްޑަނައެއް ވެސް އަރުވާފައިވެއެވެ.

މުޙައްމަދު އައްދަފްރާވީއަކީ އޭނާގެ އާއިލީ ދިރިއުޅުން އޭނާގެ ފިލްމީ ހަޔާތާ މުޅީން ވަކީން ގެންގުޅުނު ފަންނާނެކެވެ. އެހެންކަމުން މި ލިޔުން ލިޔުމަށްޓަކައި އޭނާގެ އަނބިދަރީންގެ މައުލޫމާތު ހޯދަން ކުރި މަސައްކަތުން އެއިން މީހެއްގެ ނަމެއް އޮޅުންފިލާ ގޮތެއް ނުވިއެވެ. އެހެންނަމަވެސް އޭނާގެ އަތްނބަކާއި ދަރިން ތިބިކަން އެނގެއެވެ. މިއަށްވުރެ އިތުރު މައުލޫމާތެއް ނޭނގެއެވެ.

މުޙައްމަދު އައްދަފްރާވީ ނިޔާވީ ގިނަ ދުވަސްތަކެއް ވާންދެން ކިޑްނީއަށް ފަރުވާކުރަމުން ގެންދަނިކޮށެވެ. އޭނާ ބަލި ޙާލުގައި އޮތް އިރު ފިލްމީ ދާއިރާގެ މީހުންނާއި އަދި ޢާއިލާގެ މީހުން ފިޔަވައި އެ ނޫން ބަޔަކަށްވެސް އޭނާއަށް ޒިޔާރަތްކުރުމުގެ ފުރުސަތެއް އޭނާ ނުދެއެވެ. އެއީ އޭނާ އެ ޙާލުގައި އޮތް އިރު އެއްވެސް ބަޔަކަށް ފެންނަން ބޭނުން ނުވާތީއެވެ. ނިޔާވީ 2011 ޖެނުއަރީ 5 ވީ ބުދަ ދުވަހުގައި އޭނާގެ ގޭގެ އެނދުމަތީގައެވެ. އޭރު އުމުރަކީ 79 އަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން