އިރްފާން ޚާން ލީޑް ރޯލުން ފެނިގެންދާ ފިލްމު "ދަ ސޮންގް އޮފް ސްކޯޕިއަންސް" އޭނާގެ އެންމެ ފަހު ފިލްމުގެ ގޮތުގައި މި މަހުގެ ފަހުކޮޅު ރިލީޒްކުރުމަށް ހަމަޖެހިއްޖެއެވެ.

ދަ ސޮންގް އޮފް ސްކޯޕިއަންސް ފިލްމާ ބެހޭ ގޮތުން ފިލްމު އުފެއްދި ފަރާތްތަކުން ނެރުނު ބަޔާނެއްގައި، ބަދަލު ހިފުމާއި ލަވައެއްގެ ރިޑެމްޕްޓިވް ޕަވަރގެ މި ޓްވިސްޓްޑް ލަވް ސްޓޯރީގައި އިރުފާން ޚާން ކުޅެފައިވަނީ ޖަމަލު ވިޔަފާރިވެރިއެއްގެ ރޯލެއްކަމަށް ހާމަކޮށްފައިވެއެވެ.

ދަ ސޮންގް އޮފް ސްކޯޕިއަންސް ޑައިރެކްޓްކޮށްފައިވަނީ މީގެ ކުރިން އިރްފާން ފެނިގެންދިޔަ، "ޤިސާ: ދަ ޓޭލް އޮފް އަ ލޯންލީ ގޯސްޓް" ވެސް ޑައިރެކްޓްކޮށްފައިވާ އަނުޕް ސިންގް އެވެ.

މަރުވެފައިވާ އެކުވެރިޔާ ލީޑުން ފެނިގެންދާ ފިލްމު ރިލީޒް ކުރުމާ ގުޅޭ ގޮތުން އަނޫޕް ސިންގް ބުނީ، މިފިލްމަކީ ދިރިއުޅުމުގައި ލިބޭ އިހުތިޔާރުތަކާއި ބެހޭ ފިލްމެއްކަމަށެވެ.

"މި ފިލްމު ސްކްރީނިން ކުރުމަކީ އިރްފާންގެ އާއިލާއަށާއި، އިރްފާން ދެކެ ލޯބިވި އަހަރެމެން އެންމެންގެ ހިތްތަކަށް ފިނިކަން ގެނެސްދޭނެ ފިލްމެއް ކަމަށް އުންމީދު ކުރަން."

މިފިލްމު ކުރިން ރިލީޒް ކުރަން ހަމަޖެހުނީ 2017 ވަނަ އަހަރުއެވެ. ނަމަވެސް އޭރު ރިލީޒް ކުރުން ފަސްކުރި މިފިލްމު ރިލީޒްކުރުމަށް މިހާރު ހަމަޖެހިފައިވަނީ މިހިނގާ އޭޕްރީލް މަހުުގެ 28 ވަނަ ދުވަހުއެވެ. މި ފިލްމު ޚާއްސަކޮށް ރިލީޒް ކުރަނީ އިރްފާން ޚާން މަރުވިތާ ތިންވަނަ އަހަރީ ދުވަހާއި ދިމާކޮށެވެ.

އިންޑިއާގެ ސިނަމާތަކުންނާއި، ބައިނަލް އަގުވާމީ ސިނަމާތަކުގައިވެސް ފާހަގަކޮށްލެެވޭ އިރްފާން ޚާން ވަނީ ފިލްމީ ދުނިޔޭގެ އެކި މަސައްކަތްތަކުގައި 30 އަހަރު ހޭދަކޮށްފައެވެ. އަދި އޭނާގެ މަސައްކަތްތަކަށް ގިނަ ކާމީޔާބީތަކެއް ހާސިލުކޮށްފައިވާއިރު، 2011 ވަނަ އަހަރު އޭނާއަށް ވަނީ އިންޑިއާގެ ހަތަރު ވަނައަށް އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ ޕަދްމާ ޝްރީވެސް ލިބިފައެވެ.

އިރްފާން ޚާން މަރުވީ ނިއުރޯއެންޑޮކްރައިން ކެންސަރު ބަލީގައި، 2020 ވަނަ އަހަރުގެ އޭޕްރީލް 29 ވަނަ ދުވަހުއެވެ. އޭނާ މަރުވީ އުމުރުން 53 އަހަރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން