ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން ފިލްމީ ދުނިޔެއިން ފެނިލުމަށް ތައްޔާރުވަމުންދާއިރު، އޭނާ ފެނިގެންދާ ފިލްމުން ޝާހްރުކް ޚާންވެސް ކުޑަ ކެމިއޯ ރޯލަކުން ފެނިގެންދާނެކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ސުހާނާ ޚާން ބޮލީވުޑަަށް ތައާރަފް ވާން ހަމަޖެހިފައިވަނީ ޒޯޔާ އަހުތަރުގެ ދަ އާޗީސް އިންނެވެ. މިފިލްމަކީ ދަ އާޗީސް ކޮމިކްސް އަސްލަކަށް ބަލައި، ހިޔާލީ ވާހަކައެއް މައްޗަށް ބިނާކުރާ ފިލްމެއްކަމަށް ޒޯޔާ އަހުތަރު ހާމަކޮށްފައިވެއެވެ.

މިފިލްމަކީ ސުހާނާގެ އިތުރުން އަމީތާބްގެ ކާފަ ދަރި އަގަސްޓިޔާ ނަންދާ، އަދި ސްރީ ދޭވީގެ ހަގު ދަރި ހުޝީ ކަޕޫރްވެސް ފިލްމީ ދާއިރާއަށް ތައާރަފްކޮށްދޭނެ ފިލްމެވެ. ރިޕޯޓުތައް ބުނާގޮތުން މިފިލްމުގައި ޝާހްރުކް ޚާންވެސް ކުޑަ ކެމިއޯ ރޯލަކުން ފެނިގެންދާނެއެވެ. ނަމަވެސް އޭގެ ތަފްސީލެއް އަދި ފިލްމު ޕްރޮޑަކްޝަން ޓީމުން ހާމަކޮށްފައެއް ނުވެއެވެ.

ޒޯޔާ އަހުތަރުގެ ދަ އާޗީސް ރިލީޒް ކުރާނެ ވަކި ތާރީހެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ. މިފިލްމު ރިލީޒް ކުރާނީ އޮންލައިން ސްޓްރީމިންގް ޕްލެޓްފޯމް ނެޓްފްލިކްސް އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން