އިދިކޮޅު ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާކަމަށް ތުހުމަތުކުރެވޭ ބައެއް ކޯޅުންތަކާމެދު ރައީސް ޔާމީންގެ ޖަލު ނޯޓަކުން ފިޔަވަޅުތަކެއް އަޅައި އިންތިޒާމުތަކަށް ބަދަލު ގެނެސްފިއެވެ.

"ރަސް އޮންލައިން" އަށް ޚަބަރު ލިބިފައިވާގޮތުގައި ރައީސް ޔާމީން ދާދިފަހުން ފޮނުއްވި ޖަލު ނޯޓުގައި ވަނީ ޕީޕީއެމްގެ ލީޑަރޝިޕުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދާމެދު ބައެއް ފިޔަވަޅުތައް އެޅުއްވުމަށެވެ. ޝިޔާމަކީ ޕީޕީއެމްގެ ނައިބުރައީސެކެވެ. އަދި ސަޢީދަކީ ޕީޕީއެމްގެ ގޮތްޕެއްގެގޮތުގައި ހިނގާ ޕީއެންސީގެ ނައިބު ރައީސެކެވެ.

ރައީސް ޔާމީންގެ ޖަލު ނޯޓާއެކު އެދެބޭފުޅުން ޕީޕީއެމްގެ ފަންޑު ރައިސިން ކޮމިޓީންވަނީ ނަގާފައެވެ. ފަންޑު ކޮމިޓީއަކީ އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނާ، އެއާ ގުޅިގެން ޕާޓީން މިވަގުތު ހިންގާ ސިޔާސީ ޙަރަކާތްތަކަށް ޚަރަދުކުރުމުގެ ކަންކަން އިންތިޒާމުކޮށް ގޮތް ނިންމާ ކޮމިޓީއެވެ. މީގެ އިތުރުން ޕީޕީއެމްއާއި ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް ޕާޓީގެ މެދުގައި ހިނގާ ސިޔާސީ މަޝްވަރާތަކާ ގުޅިގެން ޕީޕީއެމް/ޕީއެންސީން އެކުލަވާލާފައިވާ ކޮމިޓީއަށްވެސް ބައެއް ބަދަލުތައް ގެނައުމަށް ރައީސް ޔާމީންގެ ޖަލު ނޯޓުން އަންގަވާފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ޕީޕީއެމް/ ޑިމޮކްރެޓްސް މަޝްވަރާ ކޮމިޓީންވެސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ދުރަށްލާފައެވެ.

ފަހަކަށްއައިސް އިދިކޮޅު ޕީޕީއެމްގެ ތެރޭގައި ބައެއްކަހަލަ ކޯޅުންތައް ހިނގަމުންދާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެކަން ޔަޤީނާ ގާތަށް މިހާރު ކަށަވަރުވެފައިވާއިރު، އެޙާލަތުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓާމެދު ވަނީ ވާދަވެރިކަން ބޮޑުވެފައެވެ. މިކަމާމެދު ޕާޓީގެ ލީޑަޝިޕުން އެއްބަހެއް ނުވެއެވެ. ނަމަވެސް އެއަޑުތައް ޕާޓީގެ އެތެރެއިންނާއި ބޭރުންވެސް އިވެއެވެ.

އެތެރޭގެ ކޯޅުންތަކުގެތެރެއިން ނައިފަރުދާއިރާގެ މެމްބަރު ޝިޔާމާމެދު ބައެއް ތުހުމަތުތައްކޮށް ސޯޝަލްމީޑިއާގައިވެސް އެއަޑުތައްވަނީ ފެތުރިފައެވެ. އެގޮތުން ޝިޔާމާއި އިންޑިއާ އެމްބަސީއާދެމެދު ގޮތްނޭނގޭ ގުޅުންތަކެއް އޮތްކަމަށާ، އަދި ޝިޔާމާއި ރައީސް ނަޝީދާ ދެމެދުވެސް އެފަދަ ގާތްގުޅުންތަކެއް އޮންނަކަމަށް ތުހުމަތުކުރެވެއެވެ. މިއީ ޕީޕީއެމްގެ މައި ލީޑަޝިޕަށް މުޅިން ސާފުނުވާ އާދަޔާ ޚިޅާފު ގުޅުންތަކެއްކަމަށް ތުހުމަތުކޮށް ޕީޕީއެމްގެ ތެރޭގައިވެސް ބައެއް ސުވާލުތައް އުފައްދައެވެ. އަދި ރައީސް ޔާމީންގެ ސީދާ އިރުޝާދެއްނެތި ޝިޔާމު އިސްވެ ހުންނަވައި ބައެއް ޙަރަކާތްތައް ހިންގަވާކަމުގެ ތުހުމަތުވެސް ކުރެވެއެވެ.

ޕީޕީއެމް/ ޑިމޮކްރެޓްސްގެ މަޝްވަރާތަކުގައި ދެކެވިފައިވާ ބައެއް ވާހަކަތަކާއި އެންމެފަހުން ޕީޕީއެމުން ޖުމްހޫރީ މައިދާނުގައި ބޭއްވި ޙަރަކާތަކީވެސް ޔާމީންގެ އިރުޝާދެެއްނެތި ހިންގާފައިވާ ކަންކަންކަމަށް މަޢުލޫމާތު ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން