އަންނަ ރިޔާސީ އިންތިޚާބަށް އެންމެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅައި ނިންމީ އިދިކޮޅު ޕީޕީއެމުންނެވެ. އެއީ މިހާރުވެސް 11 އަހަރުގެ ޖަލުޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނެވެ. އެހައި އަވަހަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑެޓުގެ ގޮތުގައި ޕްރައިމެރީއަކާ ނުލައި އެމަނިކުފާނު ކަނޑައެޅީވެސް ޝަރުޢީ ޙުކުމުން ރެކެންވެގެންކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ. އެހެންނަމަވެސް އެކަމެއް ނުވިއެވެ. ކޮންމެއަކަސް މިހާރު ރައީސް ޔާމީނަކީ ޤައިީދީއެކެވެ. އޮންނެވީ ޖަލުގައެވެ. އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް އަދި ނެތެވެ.

އިދިކޮޅު ޕީޕީއެމަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޕާޓީއެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަކީ ޕީޕީއެމަށް ނުހަނު ބޭނުންތެރި މުހިންމު ކަމެކެވެ. ސަބަބަކީ ސިޔާސީ ޕާޓީއެއްގެ ބުރަދަން މިންކުރާ އެންމެ މުހިންމު ކަމަކީ އިންތިޚާބުތަކުގައި ވާދަކުރުމާއި އެއިން ހޯދާ ނަތީޖާއަށް ވުމެވެ. އިންތިޚާބުން އަދި ކާމިޔާބު ނުކުރެވުނަސް ވާދަކޮށްގެން އެކަށީގެންވާ ޢަދަދެއްގެ ވޯޓު ހޯދުމަކީވެސް ޕާޓީއެއް އެކަށީގެންވާ މެމްބަރުންނާއެކު ދެމިއޮތުމަށް މުހިންމު ކަމެކެވެ.

ޕީޕީއެމަށް މިއިންތިހާބު މުހިންމުވާ އަނެއް ސަބަބަކީ އެޕާޓީގެ ލީޑަރު ހުރަގެއިން ނެރުމެވެ. މި އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ޕާޓީގެ ލީޑަރު މިނިވަން ކުރުމުގެ މަގު ވެސް ފަހިވާނެތީއެވެ. އަދި ލީޑަރާއި ޕާޓީން ބޭނުންވާ ގޮތަށް ބަދަލު ހިފޭނީވެސް މި އިންތިހާބު ކާމިޔާބު ކުރެވި ވެރިކަމަށް އާދެވިގެން ކަމަށް ވާތީއެވެ.

ރާއްޖޭގެ ރިޔާސަތަށް ނުހަނު ޤާބިލް ޢިލްމީ އެތައް ލީޑަރުންނެއް ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި މިވަގުތުވެސް އެބަތިއްބެވެ. ލީޑަރޝިޕްގައިވެސް އެބަތިއްބެވެ. އޭގެތެރެއިން އެއް ބޭފުޅަކީ ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ. އެއީ ޢިލްމީ ބޭފުޅެކެވެ. އުނދަގޫ ޙާލަތެއްގައި ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. ޚާރިޖީ ގުޅުންތަކަށްފަރިތަ ބައިނަލްއަޤުވާމީ ކަންކަން ދަންނަ ޤާބިލް ބޭފުޅެކެވެ.

އަނެއް ބޭފުޅަކީ މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒެވެ. އެއީ މިހާރުގެ ޙާލަތަށް ބަލާއިރިވެސް ޕީޕީއެމްގެ ޢާންމު މެމްބަރުންގެ މެދުގައި އެންމެ މަޤުބޫލު އެއް ބޭފުޅާއެވެ. ވަރުގަދަ އެމްޑީޕީއާ ވާދަކުރައްވައި އެމްޑީޕީގެ ވެރިކަމުގައި މާލޭގެ މޭޔަރުކަން ހޯއްދެވޭނީ ސިޔާސީގޮތުންވެސް ވަރަށް ވަރުގަދަވީމާކަން ޤަބޫލުކުރަންޖެހެއެވެ.

އިތުރު ބޭފުޅުންނަށް ބަލާއިރު، ޑރ.މުޙައްމަދު ޝަހީމަކީވެސް ޤާބިލް ލީޑަރެކެވެ. ދީނީ ޢިލްމުވެރިއެވެ. އިސްލާމީ ދުނިޔޭގައި މަޝްހޫރު ނުފޫޒުގަދަ ޝަޚުސިއްޔަތެކެވެ. ރައްޔިތުންގެ އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މުޙައްމަދު ޣައްސާން މައުމޫނާއި، މުޙައްމަދު ސަޢީދާއި އަޙްމަދު ޝިޔާމްފަދަ ބޭފުޅުންނަކީވެސް ކަމަށް ޤާބިލް ސިޔާސީ ޝަޚުސިއްޔަތުންނެވެ.

މިއިން އެއްވެސް ބޭފުޅަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ޝައުޤުވެރިކަމެއް ނެތް ބޭފުޅުންނެކޭ ދެންނެވުމަކީ ބުއްދިހަމަޖެހޭކަމެއް ނޫނެވެ. މިވަގުތު މި ބަޙުސްގެތެރެއަށް މިއިން ބޭފުޅަކު ވަދެވަޑައިނުގަންނަވަނީ ބިރުފުޅުންނެވެ. މިއަދު ޖަލުގައި އޮންނެވިޔަސް އަދިވެސް ޕީޕީއެމްގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ރައީސް ޔާމީންދެކެ ބިރުގަންނަކަމީ ގަބޫލު ކުރަންޖެހޭ ހަގީގަތެކެވެ. އެހެނީ ޔާމީނަކީ ކޮންމެ މީހަކަށް ކޮންމެ ގޮތެެއްވެސް ހައްދަވާފާނެ ބޭފުޅަކަށްވާތީއެވެ.

ޕާޓީގެ ރައީސްގެ ޙައިސިއްޔަތުން ޔާމީނަށް އޮތް ބާރުގެ ބޭނުން ކުރައްވައިގެން މިއަދުވެސް އެގެންދަވަނީ އަމިއްލަފުޅު މަސްލަޙަތުގައި ޕާޓީ ފަނާވާން ދޫކޮށްލައްވަމުންނެވެ. އިޚްލާސްތެރި ނިޔަތެއްގައިވިޔަސް ޔާމީން ބޭނުންފުޅު ނުވާގޮތަކަށް ބަހެއް ވިދާޅުވާ ބޭފުޅަކަށްވެސް އޮތީ އަދިވެސް ބިރުވެރިކަމެވެ. ޕީޕީއެމްގެ އެތެރެއިން އިވެނީ މިއަޑެވެ. ފެންނަނީ މިމަންޒްރެވެ.

ވެރިކަމަށްފަހު ޔާމީން އެއޮންނެވީ މުޅިންހެން ޖަލުގައެވެ. އިދިކޮޅު ސިޔާސީ ޕާޓީއެއްގެގޮތުގައި ޕީޕީއެމް ހިންގެވީ އަދުރޭމެން، ޝިޔާމުމެން، ސަޢީދުމެން، ޝުޖާމެންފަދަ ބޭފުޅުންނެވެ. ކޮންމެރެއަކުހެން މަގުމަތީގައި ސިޔާސީ ޙަރަކާތްތައް ހިންގައި ހައްޔަރުވެ ބަންދުވެ އަނިޔާ ލިބުނީ އެބޭފުޅުންނަށެވެ. އެއްވެސް ވަރުބަލިކަމެއްނެތި ޕާޓީ ނަގައި ކޮޅަށްޖަހަން މަސައްކަތްކުރި ބަޔަކީ އެއީއެވެ.

އެހެންނަމަވެސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭނެކަން ޔަޤީންކޮށް އެނގޭއިރުވެސް ރަނިންމޭޓަކަށް އެނެންގެވީ ޕީޕީއެމްގެ މަސައްކަތުގައި ނުވެސް އުޅުއްވާ ބޭފުޅެކެވެ. ޑރ.މުޙައްމަދު ޖަމީލް އަޙްމަދެވެ. ތެދެކެވެ. ޔާމީންގެ ވަކީލެއްގެގޮތުގައި ފަހަކަށްއައިސް ޖަމީލް އައީ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް އެއީ ޔާމީނާއި ޕީޕީއެމްއަށް ޚިޔާނާތްތެރިވެފައިވާ ބޭފުޅެއްކަމަށް ޕީޕީއެމްގެ އެތައްބަޔަކު އަދިވެސް ދެކެއެވެ.

ޔާމީންގެ ވެރިކަމުގައި ފުރަތަމަ ނައިބުރައީސްގެ ގޮތުގައި ހުންނަވަނިކޮށް ޑރ.ޖަމީލް މަޤާމުން ވަކިކުރީ ސީރިޔަސް ތުހުމަތުތަކެއްގައެވެ. ރައްޔިތުންގެ މަޖިލީހުގެ ޔައުމިއްޔާތައް ޗެކްކޮށްލީމާ، މިއަދުވެސް އެހުރީ ފެންނާށެވެ. ރައީސަށް އީޚްލާސްތެރިކަމެއް ނެތުމާއި އަމިއްލަ އެޖެންޑާއެއްގައި މަސައްކަތްކުރެއްވުމާއި ޕީޕީއެމްގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތުހުމަތެވެ. އަދި ސިއްރިއްޔާތުގައި އިދިކޮޅު ފަރާތްތަކާ ގުޅިގެން "ބަޣާވާތް" ކުރެއްވުމުގެ ތުހުމަތެވެ.

މިތުހުމަތުތައް ކުރައްވައި ޑރ.ޖަމީލަށް އިންތިހާއަށް ފާޑުވިދާޅުވި ޕީޕީއެމްގެ މެމްބަރުން އަދިވެސް އެތިއްބެވީއެވެ. މިއިން އެއްވެސް ތުހުމަތެއް މިހާތަނަށް ޕީޕީއެމުންވެސް އަދި ރައީސް ޔާމީންވެސް އަނބުރާ ނުގެންދަވައެވެ.

މިތުުހުމަތުތަކަކީ އަސްލެއް އޮތް ތުހުމަތުތަކެއްކަމަށް ބާރުލިބުނީ މަޤާމުން ވަކިކުރުމާއެކު ޑރ.ޖަމީލް ގުޅިވަޑައިގަތީ އޭރުގެ އިދިކޮޅު ފަރާތްތަކާ ކަމުގައި ވުމެވެ. އިންގިރޭސިވިލާތަށް ވަޑައިގެން އެމްޑީޕީއާއި އިދިކޮޅު އެހެން ޕާޓީތަކާ ގުޅިވަޑައިެގެން އިދިކޮޅު އިއްތިޙާދެއް އުފެއްދެވީ ޑރ.ޖަމީލެވެ. އެއިއްތިޙާދުގެ އިސް ލީޑަރަކީވެސް އޭނާއެވެ. ޔާމީންގެ ވެރިކަން ވެއްޓުމުގެ އަސްލަކީ އެއީއެވެ. ޔާމީނާ ދެކޮޅަށް އަލްޖަޒީރާގެ ސްޓީލިން ޕެރަޑައިސް ހެދީ ޑރ.ޖަމީލްގެ އިއްތިޙާދުން އެދިގެންނެވެ. ޔާމީނާ ދެކޮޅަށް ހުތުރު އެތައް ތުހުމަތެއް ލައިވް ޓީވީގައި ސީދާ ޑރ.ޖަމީލް ކުރެއްވިއެވެ. ޔާމީނު ރާއްޖޭގެ ވެރިކަމުގައި ބެހެއްޓުމަކީ ހެޔޮވާވަރުގެ ކަމެއް ނޫންކަމަށާ، ވެރިކަން ވައްޓާލުމަށްފަހު ޔާމީން ދިގުމުއްތަކަށް ޖަލަށް ލާނެކަމަށް ވިދާޅުވިއެވެ.

ޑރ.ޖަމީލްގެ މިވާހަތައް އަދި ހަނދާންނެތޭހާ ދުވަހެއް ނުވެއެވެ. އެއީ އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ތެރެއެވެ. އޭގެ ފަސް އަހަރުފަހުން މިފަދަ ބޭފުޅަކު ޔާމީންގެ ރަނިންމޭޓަކަށް ހަމަޖެއްސެވުމަކީ ޕީޕީއެމްގެ ތެރެއަށް ބޮމެއް ވައްޓާލުންފަދަ ކަމެކެވެ. އަދި އެއްޗެކޭ ވިދާޅުނުވެ ތިއްބެވިޔަސް ޕީޕީއެމްގެ ލީޑަރ ޝިޕްގައި އިސްކޮށް ތިއްބެވި ބޭފުޅުން މިކަމާމެދު ނުރުހޭކަން ޔަޤީނެވެ. އެބޭފުޅުން ދެންދާނީ މަޑުމަޑުން ދުރަށެވެ. ސަބަބަކީ ޖަލުގައި އޮތް އެންމެ ބޭފުޅެއްގެ ޒާތީ މަސްލަޙަތުގައި މިއޮއްބޮޑު ޕާޓީ އޮޔާ ދާތަން ބަލަން ތިބުމަކީ މޮޔަކަމަކަށް ވާތީއެވެ. ޤާބިލް އެތައްބަޔަކު ތިއްބައި އިންތިޚާބުގައި ރަނގަޅު ފައިޓެއް ދޭނެ ފުރުސަތު ޕާޓީއަށް ގެއްލިދާތަން ބަލަން ނުތިބެވޭނެއެވެ.

މިހާރުވެސް ބައެއް ބޭފުޅުންގެ ޢަމަލުފުޅުތަކުން މިކަމުގެ އަސަރު ފެނަންފަށައިފިއެވެ. ޑރ.ޝަހީމް އިސާހިތަކު ޕީޕީއެމުން ވަކިވެ އެހެން ޕާޓީއަކާ ނުވަތަ ލީޑަރަކާ ގުޅުމުގެ ފުރުސަތު ބޮޑެވެ. އެފަދަ ބައެއް މަންޒަރުތައް ދަނީ ފެންނަމުންނެވެ. މާވަށު ދާއިރާގެ މެމްބަރު ސަޢީދުގެ އަޑުވެސް ކުއްލިޔަކަށް މަޑުވެއްޖެއެވެ. ނައިފަރު މެމްބަރު ޝިޔާމްވެސް އުޅުއްވަނީ ތަންކޮޅެއް ދުރުދުރުންނެވެ. މަޖުބޫރުވެވަޑައިގެން އިހައްދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި މޭޔަރު މުއިއްޒުވެސް ދެން މަޑުން ހުންނަވަފާނެހެނެއް ހިޔެއް ނުވެއެވެ. އުންމީދެއް ނެތްކަމެއްގައި ވަކި ބޭފުޅެއްގެ ޒާތީ މަސްތަޙަތު ޙިމާޔަތްކުރަން މިފަދަ ސިޔާސީ ލީޑަރުންގެ ސިޔާސީ ޙަޔާތް ބަރުބާދުކޮށްލަންވީ ސަބަބެއް އެބައޮތްތޯއެވެ؟

ކޮންމެއަކަސް ކަށަވަރުނުވާ ކެންޑިޑޭޓާއެކު މިނެރުނު ރަނިންމޭޓަކީ ޕީޕީއެމްގެތެރަށް ޔާމީން ވައްޓަވާލެއްވި ބޮމެކެވެ. މިއާއެކު ޕާޓީއަށް ލިބޭނެކަމަށް ފެންނަނީ ނިކަމެތިކަމެވެ. ބައިބައި ވުމާއި ހަލާކެވެ. ރޫޅުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން