ގއ. ވިލިނގިލި
ގއ. ވިލިނގިލި
ރޯހައުސް މައްސަލާގައި ގއ. ވިލިނގިލީގައި މިއަދު އިޙްތިޖާޖް ކުރި މީހާއަށް ބަޔަކު ވަނީ ދޮގު މަޢުލޫމާތު ދީފައި ކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.

“ރަސް އޮންލައިން” އަށް މަޢުލޫމާތު ދެއްވަމުން ވިލިނގިލީ ކައުންސިލްގެ ރައީސް މިއަދު ވިދާޅުވީ، މީގެ ކުރިން އެރަށުގައި އަޅާފައިވާ 50 ރޯ ހައުސްގެ ތެރެއިން 2 ރޯހައުސް މިހާތަނަށް އެއްވެސް މީހަކަށް ދީފައިނުވާ ކަމަށެވެ. އަދި އެ ދެ ރޯހައުސް ދޭނެ ފަރާތެއް ކަނޑައަޅާނީ މިހާރު އެރަށުގައި ޢިމާރާތް ކުރަމުންދާ ރޯހައުސްތަކާއި އެކުގައި ކަމަށާއި، އެ މަސައްކަތް ފެށުމަށް ހައުސިން މިނިސްޓްރީއާއި ކައުންސިލް ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

“ކުރީގެ 2 ރޯހައުސްއާއި މިހާރު 75 ޕަސެންޓް ނިމިފައި ހުރި ރޯހައުސްތައް އެއްކޮށް އިއުލާނު ކޮށްގެން ގެންދަން މިނިސްޓްރީގައި އެދިފައިވާނީ ޕޯޓަލް ތެރެއިން.” ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އޭގެއިތުރުން ކައުންސިލްގެ ރައީސް ވިދާޅުވީ، މިއަދު އިޙްތިޖާޖު ކުރި މީހާއަށް ބަޔަކު ދޮގު މަޢުލޫމާތު ދީފައިވާ ކަމަށާއި، އެގޮތުން ކައުންސިލް ބޭނުން ބަޔަކަށް އެ 2 ރޯހައުސް ދީފައިވާ ކަމަށްބުނެ އޮޅުވާލާފައިވާ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް އަސްލެއް އޮތް ވާހަކަތަކެއް ނޫން ކަމަށް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.

“އަދި އިޢުލާނުވެސް ނުކުރަން އެ ރޯހައުސްތަކަށް.” ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް މިހެން ވިދާޅުވެފައިވާއިރު، ގއ. ވިލިނގިލީ ކައުންސިލް ކުރިމަތީގައި އޮށޯވެގެން މިއަދު އިޙްތިޖާޖު ކުރި އަންހެން މީހާ ބުނެފައިވަނީ،، އޭނާއަށް ލިބެންޖެހޭ ރޯހައުސް ނާއިންސާފުން ބަޔަކަށް ދީފައިވާ ކަމަށެވެ. އަދި އިންސާފު ނުލިބެނީސް ނުތެދުވާނެ ކަމަށްވެސް އެމީހާ ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު