ވެށިފަހިމާލެ ޕްރޮގްރާމް-
ވެށިފަހިމާލެ ޕްރޮގްރާމް-
"ވެށިފަހި މާލެ ޕްރޮގްރާމު" ގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތަކުގެ ތެރެއިން 48 ބިމެއް، އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނެވެރިންނަށާއި އިންވެސްޓްވާ ގޯތިތަކުގެ ވެރިފަރާތްތަކަށް ވިއްކުމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައިވަނީ، 2011 ވަނަ އަހަރު ހިންގި ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް ނަގާފައިވާ ބިންތައް ވިއްކަން ނިންމާފައިވަނީ 28 ޖޫން 2021 ގައި ގެޒެޓުކޮށްފައިވާ އުސޫލުގެ ދަށުން ކަމަށެވެ. މިގޮތުން ވިއްކުމަށް ހަމަޖެހިފައިވަނީ މާލެއާއި ވިލިމާލެ ހިމެނޭހެން ޖުމްލަ 48 ބިމެކެވެ.

އެއީ މާފަންނުގެ 21 ބިމާއި، މައްޗަންގޯޅީގެ 10 ބިމާއި، ހެންވޭރުގެ 9 ބިމާއި، ގަލޮޅުގެ 7 ބިމާއި، ވިލިމާލޭގެ 1 ބިމެވެ. މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް 2،000 (ދެހާސް) ދިވެހި ރުފިޔާގެ މަގުންނެވެ.

މި ބިންތައް ގަތުމަށް ޝައުގުވެރިވާ، ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނެވެރިންނަށާއި އިންވެސްޓްވާ ގޯތިތަކުގެ ވެރިފަރާތްތަކަށް ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ 8 ނޮވެމްބަރު 2026 އިން ފެށިގެންނެވެ. އަދި ބިން ގަތުމަށް އެދި ހުށަހަޅާ ފޯމާއި ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް 8 ޑިސެމްބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ބިން ގަތުމަށް އެދޭ ފޯމާއި ކަމާބެހޭ ޗާޓުތައް އެ މިނިސްޓްރީގެ ރިސެޕްޝަނުންނާއި ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ ނުވަތަ އެއްވެސް ޝަކުވާއެއް އޮތްނަމަ، މިނިސްޓްރީގެ ފޯނު ނަންބަރު 4004900 އަށް ގުޅުމަށް ނުވަތަ ރަސްމީ ގަޑީގައި މިނިސްޓްރީއަށް ވަޑައިގެން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ވެށިފަހީގެ ނަމުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށާފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުއެވެ. މި މަޝްރޫއުގެ ދަށުން މާލެއިން ބިން ދޫއްކޮށްލާ ފަރާތްތަކަށް އެ ބިމުގެ ބަދަލުގައި ހުޅުމާލެއިން ބިން ދޫކުރުމަށްވަނީ ނިންމާފައެވެ. ބިން ދޫކޮށްލި މީހުންގެ ތެރެއިން ބައެއް މީހުންނަށްވަނީ ފްލެޓާއި ބިން ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް