އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ވެރިކަން ލިބިއްޖެނަމަ ގައުމުގެ ކަންކަން ހަމަމަގުން ކައްސާލާ ގައުމު ފުނޑާލާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ އޮތް ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދުވަނީ މި ސަރުކާރުން ގައުމުގެ ކަންކަން ހިންގުމުގައި ގެންގުޅޭ ސިޔާސަތުތަކަށް އަލިއަޅުވާލައްވައި، ކުރީ ސަރުކާރުން ވެރިކަންކުރި ގޮތާއިމެދު ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒު ކުރައްވާފައެވެ.

ސައީދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރާއްޖެ ވެއްޓިފައި އޮތް އިގުތިސާދީ އަނދަވަޅުން ސަލާމަތް ކުރުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމަށެވެ. އެގޮތުން ރައީސްގެ ވެރިކަމުގައި މިވީ ދުވަސްތަކުގައި ހޯއްދެވި އެންމެ ބޮޑު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ ގައުމު ނުދަރާ ސަލާމަތް ކުރެއްވުން ކަމަށް ވިދާޅުވިއެވެ.

އަދި ކުރީ ސަރުކާރުން ހަރަދަށް ޒިންމާވާ ގާނޫނު ސަސްޕެންޑު ކުރުމަށްފަހު ފައިސާ ޗާޕުކޮށް އިގުތިސާދު ފުނޑާލިނަމަވެސް މި ސަރުކާރުން ކުރިއަށްދަނީ ފައިސާ ޗާޕު ނުކޮށް އިގުތިސާދު ހަމައަކަށް އެޅުވުމަށްކަމަށް ވިދާޅުވެ ކުރީ ސަރުކާރަށް ސައީދުވަނީ ފާޑުވިދާޅުވެފައެވެ.

ސައީދު ވިދާޅުވީ، އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ ގައުމު ފުނޑާލާނެކަމަށެވެ. އަދި އެމްޑީޕީ ވެރިކަމުން ފައިބަންޖެހޭގޮތް ވެއްޖެނަމަ ރާއްޖެއިން ބޭރަށްގޮސް ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން ވާހަކަދައްކާ، ސިނާއަތްތައް ފުނޑޭގޮތަށް ވާހަކަ ދައްކާކަމަށެވެ.

ސައީދު ވިދާޅުވީ، މިއަދު އެމްޑީޕީން ފާޑުކީނަމަވެސް، އޭރު އެމްޑީޕީ ސަރުކާރުގައި ހަރަދަށް ޒިންމާވާންޖެހޭ ގާނޫނަށް ގެނައި އިސްލާހާމެދު އޭރުވެސް ޕީއެންސީގެ މެންބަރުން ދެކޮޅުހަދަމުން އަޑުއުފުލަމުން ދިޔަކަމަށެވެ. ނަމަވެސް އެމްޑީޕީން އެ އަޑު އެދުވަހު ނޭހިކަމަށް ސައީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން