ޕީޕީއެމްގެ ކުރީގެ ދެލީޑަރުން-
ޕީޕީއެމްގެ ކުރީގެ ދެލީޑަރުން-
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލި ސަބަބާއި، އެކަމާ ގުޅޭ މުހިންމު އިތުރު ހަ ކަމެއް ސާފުކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.

މި މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ޕީޕީއެމްގެ އެއް ފައުންޑިންގ މެންބަރު އަދި އެ ޕާޓީ އުވާލިއިރު ސެނެޓަރެއްގެ ގޮތުގައި ހުރި، އިސްލާމިކް މިނިސްޓްރީގެ ކުރީގެ ނައިބު އަލީ އާދަމެވެ.

އީސީއަށް ފޮނުވި ސިޓީގައި އަލީ އާދަމް ބުނެފައިވަނީ، ޕީޕީއެމްއަކީ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ތާއީދުކުރި އަދި ލޯބިކުރި ޕާޓީއެއް ކަމަށެވެ. އަދި އުވައިލުމާ ހަމައަށް ވެސް އެ ޕާޓީއަކީ ރާއްޖޭގައި އެންމެ މެންބަރުން އެންމެ ގިނަ އެއް ސިޔާސީ ޕާޓީކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

އަލީ އާދަމްގެ ސިޓީގައި ޕީޕީއެމްގެ ގިނަ އަދަދެއްގެ އާންމު މެންބަރުންނަށް ވާނުވާ ނޭނގޭ ގޮތަށް، އެ ވަގުތު ޕާޓީގެ ލީޑަޝިޕްގައި ތިބި ބަޔަކު ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމުގެ ބޭނުމުގައި މަކަރުވެރި އަދި ހީލަތްތެރި ގޮތަކަށް ޕާޓީ އުވައިލުމަށް ނިންމާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ. އަދި މިކަމުގެ ޝަކުވާތައް އާންމު މެންބަރުންގެ ފަރާތުން ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު އޭނާއަށް މެދުކެނޑުމެއްނެތި ލިބެމުންދާ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

ޕީޕީއެމް އުވައިލުމާ ގުޅޭގޮތުން ޖުމްލަ ހަތް ކަމެއް ސާފުކޮށްދިނުމަށް އަލީ އާދަމް އެދިފައިވާއިރު، އޭގެ ތެރޭގައި ޕާޓީ އުވައިލީ ކޮން އަސާސަކަށް ބިނާކޮށްގެންތޯ އާއި، އުވައިލުމަށް އީސީން ނިންމިއިރު ބެލި ކަންކަމުގެ އިތުރުން، އެ މަރުހަލާ ފުރިހަމަ ކުރިއިރު އަމަލުކުރި އިޖުރާއަތުތަކަކީ ކޮބައިކަން ހިމެނެއެވެ. އަލީ އާދަމް ބުނެފައިވަނީ، އުއްމީދު ކުރައްވަނީ ސަރުކާރު ބަންދު ނޫން ރަސްމީ 7 ދުވަހުގެ ތެރޭގައި މި ސިޓީގެ ޖަވާބު އީސީން ލިބިގެންދާނެ ކަމަށެވެ.

ޕީޕީއެމަކީ 21 ޖުލައި 2005 ގައި ރައީސް މައުމޫން އުފެއްދެވި ދިވެހިރައްޔިތުންގެ ޕާޓީ، ޑީއާރުޕީގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، ކުރީގެ ރައީސް މައުމޫން އަބްދުއްޤައްޔޫމާއި އެމަނިކުފާނުގެ ސަޕޯޓަރުން ޑީއާރުޕީން ވަކިވެގެން 27 އޮކްޓޫބަރު 2011 ގައި ރަޖިސްޓްރީ ކުރި ޕާޓީ އެކެވެ. އޭގެކުރިން ޑީއާރުޕީގައި އުފެދުނު ޚިޔާލުތަފާތުވުން ތަކުގައި ރައީސް ޔާމީން ވަނީ 4 އޮގަސްޓް 2008 ގައި ޕީޕަލްސް އެލަޔަންސް (ޕީއޭ) އުފައްދަވާފައެވެ. އަދި އެޕާޓީ އުވާލާފައިވަނީ، 2013 ގައެވެ.

ޕީޕީއެމުން ވަނީ 2013 ގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށް އެ އިންތިޚާބު ކާމިޔާބު ކޮށްފައެވެ. 2013ގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމެވެ.

ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ރައީސް މައުމޫނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން ރައީސް މައުމޫން ޕީޕީއެމުން ބޭރުކުރިއެވެ. އަދި ޕީޕީއެމް ރައީސް މައުމޫންގެ އަތްޕުޅުން އަތުލެއްވުމަށް ކޯޓަށް މައްސަލަ ހުށައެޅުއްވުމަށްފަހު ބެކަޕް ޕާޓީއެއްގެ ގޮތުގައި 31 ޖެނުއަރީ 2019 ގައި ރައީސް ޔާމީން ވަނީ ޕީއެންސީ އުފައްދަވާފައެވެ.

ޕީޕީއެމް އިން ބޭރުކުރުމުން ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި 20 ނޮވެމްބަރު 2019 ގައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ވެސް 2025 ވަނަ އަހަރުގެ ޖެނުއަރީ 29 ގައި އީސީން ވަނީ އުވާލާފައެވެ.

ޕީއެންސީން ވަނީ 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށް އެ އިންތިޚާބު ކާމިޔާބު ކޮށްފައެވެ. 2023ގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ޑރ. މުޢިއްޒުއެވެ.

އޭގެފަހުން ކުރީގެ ރައީސް ޔާމީން އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިޔާލު ތަފާތުވެ ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން 25 އޭޕްރީލް 2024 ގައި ޕީއެންއެފް އުފައްދަވައިފައެވެ. އަދި އޭގެ ފަހުން ޕީޕީއެމްގެ ހަރަކާތްތައް ނުހިންގާ އޮތުމަށް ފަހު ޕީޕީއެމް އުވާލަން އެޕާޓީގެ ސެނެޓުން ނިންމީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 2 ވަނަ ދުވަހުއެވެ.

އީސީން އެންމެ ފަހުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، ޕީޕީއެމް އުވާލިއިރު އެޕާޓީގެ ދަފްތަރުގައި 12،174 މެންބަރުން ތިއްބެވެ. އަދި ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެ ޕާޓީ ރަސްމީކޮށް އުވާލާފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.

ޕީޕީއެމް އުވާލުމަށް އީސީން ނިންމައި އެކަން އިޢުލާނު ކޮށްފައިވާއިރު ރައީސް މައުމޫން އެންމެ ފުރަތަމަ އުފެއްދެވި ޑީއާރުޕީން ކުރިފަޅައިގެން އުފެދުނު ޕާޓީތަކުގެ ތެރެއިން މިވަގުތު އުވާނުލައި އޮތީ، ރައީސް ޔާމީން އުފެއްދެވި ޕީއެންސީ އާއި، ޕީއެންއެފް އެވެ.



ކިޔުންތެރިންގެ ހިޔާލު