އއ މާޅޮސް އޯކިޑުމާގޭ އަބްދުއްރަޙުމާން އާދަމް (65އ)
އއ މާޅޮސް އޯކިޑުމާގޭ އަބްދުއްރަޙުމާން އާދަމް (65އ)
މި ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އއ މާޅޮސް އޯކިޑުމާގޭ އަބްދުއްރަޙުމާން އާދަމް (65އ) މަރުވީ ބޮލަށް ލިބުނު އަނިޔާތަކެއްގެ ސަބަބުން ކަމަށް އޭނާގެ އޮޓޮޕްސީ ވަގުތީ ރިޕޯޓުން ދައްކާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ، އަބްދުއްރަހްމާން އާދަމް މަރުވެފައި ވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އޮޓޮޕްސީގެ ވަގުތީ ރިޕޯޓުން ދައްކާ ކަމަށެވެ. އަދި މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ،

އަބްދުއްރަޙްމާންގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން އިންޑިއާގެ ތިރުވަނަންތަޕޫރަމަށް ފޮނުވާފައި ވަނީ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. އޮޓޮޕްސީ ހެދުމަށްފަހު އޭނާގެ ހަށިގަނޑު ޖުލައި މަހުގެ 23 ވަނަ ދުވަހުގެރޭ 7:50 ހާއިރު ވަނީ ރާއްޖެއަށް ގެނެސްފައެވެ. އަދި ޖުލައި 24 ވަނަ ދުވަހު އެހަށިގަނޑު ވަނީ ވަޅުލައިފައެވެ.

އުމުރުން 65 އަހަރުގެ އަބްދުއްރަހްމާނުގެ ބޮލަށް ރަހުމު ކުޑަ އަނިޔާތަކެއް ދިނުމާ ގުޅިގެން ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ދުވަހުގެ ދަންވަރު 01:50 ހާއިރުއެވެ. އަދި އޭނާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވީ ފަތިހުގެ ވަގުތެއްގައެވެ.

މިމައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ، މާޅޮހު އަތިރިމައްޗާއި ގޮނޑުދޮށް އަދި ރަށުގެ ފަޅުތެރެއިން ބައެއް ބަލައި ފާސްކޮށްފައެވެ. އެއީ އަބްދުއްރަހުމާނަށް ހަމަލާދޭން ބޭނުންކުރި އެތި ނުވަތަ ތަކެތި ހޯދަން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

މީގެ އިތުރުން ފުލުހުން ވަނީ އެރަށުގައި ހުންނަ ދެ ސީސީޓީވީ ކެެމާރާއެއްގެ ފޫޓޭޖުވެސް ހޯދާފައެވެ. އަދި އަބްދުއްރަހުމާން ޒަހަމްވެފައި ވަނިކޮށް އެތަނުގެ ތެރެއަށް ވަދެއުޅުނު މީހުންގެ ބޮޑީ ސާމްޕަލާއި ފިންގަރ ޕްރިންޓްވެސް ފުލުހުން ވަނީ ނަގާފައެވެ.

އަބްދުއްރަހްމާންގެ ބޮލަށް ދިން ހަމަލާތަކުގެ ސަބަބުން ބޮލުގެ ބޮޑުބައި ޗިސްވެފައިވާއިރު، އޭނާ މަރަށް ތެޅެނިކޮށް ފެނިފައި ވަނީ އޭނާގެ އަންހެނުންނަށެވެ. އޭނާގެ ތިން ދަރިން ތިބި ނަމަވެސް ޙާދިސާ ހިނގިއިރު އެއްވެސް ދަރިއަކު ރަށުގައި ނެތެވެ.



ކިޔުންތެރިންގެ ހިޔާލު