އިސްރާއީލުގެ ރައީސް އިސްހާޤު ހަރޒޮގް، އެޤައުމުގެ ކުރީގެ ސިފައިންގެ ވެރިޔާ އަދި ޔާޝާރު ޕާޓީގެ ލީޑަރު ގާދީ އައިޒެންކޮޓްއަށް އާ ސަރުކާރެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު ހަވާލުކުރެއްވުމަށް ނިންމަވައިފިއެވެ.

މިއީ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށްވުރެ ބޮޑު ތާއީދެއް އައިޒެންކޮޓްއަށް ލިބިވަޑައިގަތުމާ ގުޅިގެން ނިންމެވި ނިންމުމެކެވެ.

އިސްރާއިލްގެ ރައީސްގެ ތަރުޖަމާނު ބުނީ ހަރޒޮގް ވަނީ ހޮނިހިރު ދުވަހުގެ އިރުއޮއްސުނު ވަގުތު އައިޒެންކޮޓްއަށް މި ނިންމުން އަންގައިފައިކަމަށެވެ. އަދި އާދީއްތަ ދުވަހު ބާއްވާ ރަސްމިއްޔާތެއްގައި ސަރުކާރު އެކުލަވާލުމުގެ ރަސްމީ މެންޑޭޓް އޭނާއަށް ހަވާލުކުރައްވާނެކަމަށް ރިޕޯޓްތައް ބުނެއެވެެ.

ހުސްވި އޮކްޓޯބަރު 27 ގައި ބޭއްވުނު ޢާންމު އިންތިޚާބުގައި އެއްވެސް ފަރާތަކަށް ސާފު އަޣުލަބިއްޔަތެއް ލިބިފައިނުވާތީ، ސަރުކާރު އެކުލަވާލުމުގެ ފުރުޞަތު ދޭނެ ފަރާތެއް ނިންމެވުމަށްޓަކައި ހަރޒޮގް ވަނީ މި ހަފްތާގައި ސިޔާސީ ޕާޓީތަކާއެކު މަޝްވަރާތައް ބާއްވަވާފައެވެ.

މަޝްވަރާތަކަށްފަހު، ޢަރަބި ޕާޓީތައް ހިމެނޭ ގޮތަށް ޤާނޫނުހަދާ މަޖިލީހުގެ 67 މެންބަރަކު ވަނީ އައިޒެންކޮޓް ސަރުކާރު އެކުލަވާލުމަށް ތާއީދުކުރައްވާފައެވެ. އޭގެ ބަދަލުގައި މިހާރުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ތާއީދުކުރެއްވީ އެންމެ 46 މެންބަރުންނެވެ.

ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ މަޖިލީހުގެ 120 ގޮނޑީގެ ތެރެއިން މަދުވެގެން 61 ގޮނޑީގެ ކޯލިޝަނެއް ހެދުމަށް އައިޒެންކޮޓްއަށް 28 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި އިތުރު 14 ދުވަހުގެ މުއްދަތެއް އިތުރުކޮށްދިނުމުގެ އިޚްތިޔާރު ރައީސަށް ލިބިވަޑައިގަންނަވައެވެ.

އޮކްޓޯބަރު މަހުގެ އިންތިޚާބުގައި އައިޒެންކޮޓްގެ 4 ޕާޓީގެ އިއްތިހާދަށް ލިބުނީ 48 ގޮނޑިއެވެ. އަދި ނަތަންޔާހޫގެ ކަނާތުފިޔައިގެ އަދި ދީނީ ބްލޮކަށް 53 ގޮނޑި ލިބުމާއެކު، ދެފަރާތަށްވެސް ޕާލަމެންޓްރީ އަޣުލަބިއްޔަތަށް ބޭނުންވާ 61 ގޮނޑި ހަމައެއްނުވިއެވެ. މިއިންތިޚާބުގައި ފަލަސްޠީނު ދަރިކޮޅުގެ އިސްރާއީލު ރައްޔިތުން ތަމްސީލުކުރާ ޢަރަބި ޕާޓީތަކުން ވަނީ ރެކޯޑު އަދަދަކަށް، އެއީ 19 ގޮނޑި ކާމިޔާބުކޮށްފައެވެ.

ޢަރަބި ޕާޓީތަކާއެކު ސަރުކާރެއް އެކުލަވާލުމަކީ އައިޒެންކޮޓް އިންކާރުކުރައްވާ ކަމެކެވެ. އެފަދަ ކޯލިޝަނެއް ހަދައިފިނަމަ އޭނާއަށް 67 ގޮނޑީގެ ބްލޮކެއް ލިބޭނެއެވެ. ނަމަވެސް، އަލްޓްރާ-އޯތޮޑޮކްސް ދެ ޕާޓީ ކަމަށްވާ ޔުނައިޓެޑް ތޯރާ ޖުޑާއިޒަމް އާއި ޝާސް ޕާޓީގެ ތާއީދު ހޯއްދަވައިފިނަމަ، ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 61 ގޮނޑި އައިޒެންކޮޓްއަށް ހަމަވާނެއެވެ.

އައިޒެންކޮޓަށް ސަރުކާރެއް އެކުލަވައިލުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިވެފައެވެ. އިދިކޮޅު އިއްތިހާދުގައި ހިމެނޭ ބައެއް ޔަހޫދީ ޕާޓީތަކުން އަރަބި ޕާޓީތަކާއެކު ސަރުކާރު އެކުލަވައިލުމަށް ދެކޮޅުހަދާއިރު، ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ބަލައިގަތުމަށް އައިޒެންކޮޓް ކުރާ ޝަރުތުތަކަށް އަރަބި ބައެއް ޕާޓީތަކުން އެއްބަހެއް ނުވެއެވެ.

އައިޒެންކޮޓަށް ދީފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރެއް ނުއުފެއްދިއްޖެނަމަ، ރައީސް ހަރުޒޮގް ދެން ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު ދޭނީ ނަތަންޔާހޫ އަށެވެ. އަދި އާ ސަރުކާރެއް އެކުލަވައިލެެވެންދެން ވަގުތީ ބޮޑުވަޒީރުގެ މަގާމުގައި ނަތަންޔާހޫ ދެމިހުންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު