އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އެއްޖިންސުން ކައިވެނިކޮށްދިނުމަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ކިލަނބުކުރުމަށް ހިންގާ ޖަރީމާއެއް ކަމަށާއި، އެފަދަ ކަންކަން ހިންގިޔަ ނުދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ނިމުނު ހަފުތާގައި ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކޮށްދިން ކަމަށް ބުނާ މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވެފައިވަނިކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ އެ މައްސަލަ ބަލަމުންދާކަން ހާމަކޮށްފައެވެ.

އިސްލާމިކް މިނިސްޓަރު މިރޭ ވިދާޅުވީ، ރާއްޖޭގެ ޤާނޫނުއަސާސީއާއި ކަމާ ގުޅޭ އެހެނިހެން ޤާނޫނުތަކާ ޚިލާފަށް މިފަދަ ކަންކަން ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. އަދި މި މައްސަލަ ތަޙުޤީޤުކޮށް ފިޔަވަޅު އަޅައިދިނުމަށް އެދި ވޭތުވެދިޔަ ބުދަ ދުވަހު އިސްލާމިކް މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް ހުށަހަޅުއްވާފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، ރާއްޖެ މާއްދިއްޔަތުގެ ތެރެއަށް ވައްޓާލައި، އިސްލާމީ ޝަހުސިއްޔަތު ކިލަނބުކޮށްލަން ހިންގާ މިފަދަ ޖަރީމާތަކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭނެ ކަމަށެވެ.

މިމައްސަލަ އާއި ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދެ ފިރިހެނަކު އެއް ޖިންސުން ކައިވެނިކޮށްދޭ ވީޑިއޯ އެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ އަމަލަކީ ރާއްޖޭގެ ގާނޫނުތަކުގެ ދަށުން ހުއްދަ ނޫން އަމަލަކަށްވާތީ، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށްވެފައި، ދީނީ އަދި ޝަރުއީ އުސޫލުތަކާއި، ރާއްޖޭގެ ގާނޫނުތަކާއި، އާންމު އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު މިފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެފަދަ އަމަލުތަށް ހިންގާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެެެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް