އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް
ރައްޔިތުން މިއަދު ސިޔާސީ ޕާޓީތަކާމެދު ފޫހިވެފައިވާ ކަމަށާއި، ޑިމޮކްރެޓިކް ވިސްނުން ހުރި ސިޔާސީ ޕާޓީތަކުން އެކަމާއި މެެދު ވިސްނަން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

"ރީބޫޓް" ގެ ނަމުގައި ގެނެސްދޭ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ މުހައްމަދު މުއިއްޒު 'ދޮގު' ވާހަކަތަކެއް ދެއްކި ނަމަވެސް ރައްޔިތުންނާއި ހިސާބަށް އެވާހަތައް ދިޔަ ކަމަށެވެ. އަދި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ވަރަށް ގިނަ ވާހަކަތަކެއް ރައްޔިތުންނާއި ހިސާބަށް ހުށައަޅައިގެން، އެކަން ރައްޔިތުންނަށް ކަމުގޮސްގެން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ވިސްނުން ގާނޫނުގައި އޮތް ގޮތާ ދިމާލަށް ދާކަމަށެވެ. އެހެންނަމަވެސް މިހާރު ދިމާވެފައިވާ މައްސަލައަކީ ޑިމޮކްރަސީ ގަބޫލު ނުކުރާ ބޮޑު ޕަސެންޓެއް ރާއްޖޭގައި އޮތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި ހާއްސަ ގޮތެއްގައި އެ ބައިގައި ސިޔާސީ މީހުން ހިމެނޭ ކަމަށާއި، އެމީހުން ދޮގު ހަދައިގެން ނުވަތަ ޒާތީ އެކި ކަންކަމުގައި ވިޔަސް، ރައްޔިތުން ދެބައި ކޮށް އެމީހުންގެ ފަޅިއަށް ރައްޔިތުން އަރުވައިގެން މަސައްކަތްތަކެއް ކުރާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ހަގީގަތުގައި ވެގެން މިއުޅޭ ގޮތަކީ ރައްޔިތުން ވަރަށް ފޫހި ވެއްޖެ މި ސިޔާސީ ޕާޓީތަކާއި ސިޔާސީ ކަންކަމުގެ ތެރެއިން. އެއީ ވަރަށް ހިތާމަވެރިކަމެއް. އެއީ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރެވޭނީ ސިޔާސީ ނިޒާމެއްގެ ތެރެއިން." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކާމެދު ރައްޔިތުންގެ ހިތުގައި ތަޣައްޔަރު ކަމެއް އުފައްދަނީ ރައްޔިތުންގެ ބާރާއި އިދިކޮޅު މީހުންކަމަށެވެ. އެފަދަ މީހުންގެ ކަންކަމަށް ރައްޔިތުން ބޯލަނބާ މަންޒަރު ފެންނަ ކަމަށާއި އެއީ ވަރަށް ބިރުވެރި ކަމެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އޭރަށް އެ ދެވެނީ ހުދުމުހުތާރު ހުރިހާ ނިޒާމަކާ ދިމާއަށް." ފައްޔާޒު ވިދާޅުވިއެވެ.

އެހެންކަމުން މިކަމާމެދު ސިޔާސީ ޕާޓީތަކުން ވިސްނަން ޖެހޭ ކަމަށާއި ވިސްނައިގެން އެކަމަށް ހުޝިޔާރުވެ ތިބެ ރައްޔިތުންގެ އިތުބާރު ހޯދަން ވަރަށް ބައިވަރު ކަންތައްތަކެއް ކުރަން ޖެހޭ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް