ރައީސް މުޙައްމަދު ނަޝީދު
ރައީސް މުޙައްމަދު ނަޝީދު
ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ ފާގަތިކަމާއި ފުދުންތެރިކަމަށް ހުރަސްއެޅިފައިވާ ކަމަށާއި، ޤައުމަށް އެންމެ ފައިދާހުރި ހެޔޮ ވެރިކަމެއް ޤާއިމުކުރެވޭނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްގެން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހާ ގުޅުވައިގެން "ސަންގު ޓީވީ" އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ރައީސް ނަޝީދު ވަނީ، މިހާރުގެ ރިޔާސީ ނިޒާމުގައި ހުރި ގޮންޖެހުންތަކާއި ނުރަނގަޅު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ރިޔާސީ ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިވަޑައިގަންނަވާ ހާލަތްތަކުގައި، ދައުލަތުގެ އެންމެހާ ބާރުތައް އެއް ފަރާތަކަށް ޖަމާވެ، ހުދުމުޚުތާރު ވެރިކަމަކަށް މަގުފަހިވެގެންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެފަދަ ހާލަތްތަކުގައި ޤައުމީ މުހިންމު ނިންމުންތަކުގައި މަޝްވަރާކުރުމުގެ ފުރުޞަތު ހަނިވެގެންދާ ކަމަށާއި، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ޖާގަ ލިބި، އާންމު ރައްޔިތުންނަށް އެންމެ އިންސާފުވެރި ގޮތުގައި ޚިދުމަތްތައް ލިބުމަށް ހުރަސްއެޅޭކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މައްސަލަތަކަށް އޮތް ދާއިމީ ޙައްލެއްގެ ގޮތުގައި ރައީސް ނަޝީދު ހުށަހަޅުއްވަނީ، ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރު ހިންގާ އެންމެ މަތީ ވެރިޔާ ނުވަތަ ބޮޑުވަޒީރުގެ މަސްއޫލިއްޔަތު ވަކިކުރެވިފައިވާ ބަރުލަމާނީ ނިޒާމެކެވެ.

އެގޮތުން، ސަރުކާރު ހިންގުމުގެ އެންމެ އިސްވެރިޔަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވާ ބޭފުޅަކަށް ހަދައި، ދައުލަތުގެ ވެރިޔާގެ ނުފޫޒު ސަރުކާރު ހިންގުމުގެ ނިޒާމުގެ މައްޗަށް ނުފޯރާނެ ގޮތަށް ކަންކަން ބައްޓަންކުރުމަކީ، ރާއްޖޭގެ މުސްތަޤުބަލާއި ދެމެހެއްޓެނިވި ޑިމޮކްރަސީއަކަށްޓަކައި އެންމެ އެކަށީގެންވާ ގޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު