އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އީރާނުގެ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ބާވަތްތައް ލިބުމުގައި ދިމާވި ދަތިތަކުން އަރައިގަނެ، ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިންޑިއާގެ އިޤްތިޞާދު ހަރުދަނާކަމާއެކު ބަލަހައްޓަމުންދާކަން ފާހަގަކޮށް، މޫޑީސް އިންވެސްޓާސް ސަރވިސްއިން ވަނީ އެ ޤައުމުގެ އިޤްތިޞާދީ ކުރިއެރުމުގެ އަންދާޒާ މަތިކޮށްފައެވެ. އެގޮތުން، މާރިޗު 2027 ގެ ނިޔަލަށް ނިމޭ މާލީ އަހަރު އިންޑިއާގެ އިޤްތިޞާދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި 6.5 އިންސައްތައިގެ ބަދަލުގައި، މިހާރު ލަފާކުރަނީ 7 އިންސައްތައިން ކުރިއަރާނެ ކަމަށެވެ.

ވިޔަފާރިތަކަށާއި މުދާ ގަންނަ ފަރާތްތަކުގެ މެދުގައި އޮތް ޑިމާންޑް ވަރުގަދަވެ، އިންވެސްޓްމަންޓްތައް ފުޅާވަމުން ދިޔުމުގެ ސަބަބުން، ކުރިއަށް އޮތް މެދު ރާސްތާގައި ވެސް އިންޑިއާގެ އިޤްތިޞާދީ ކުރިއެރުން 7 އިންސައްތައިގައި ދެމެހެއްޓޭނެ ކަމަށް މޫޑީސްއިން ހާމަކުރެއެވެ.

ތެލާއި ގޭސް އެތެރެކުރާ ވަސީލަތްތައް ސިންދަފާތުކޮށް (ޑައިވަރސިފައިކޮށް)، ތެލުގެ އަގުބޮޑުވުމުގެ ނޭދެވޭ އަސަރު އާންމުންނަށް ކުޑަކުރުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ އެހީގައި، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތަކަށް އައި ލޮޅުންތަކުން އަރައިގަތުމަށް އިންޑިއާއަށް ވަނީ ބޮޑު ލުއިފަސޭހަކަމެއް ލިބިފައެވެ.

ހަމައެއާއެކު، އިންވެސްޓްމަންޓްތަކާއި ވިޔަފާރީގެ ދާއިރާއަށް އައި ބޮޑު ކުރިއެރުމާއެކު، މިދިޔަ އޭޕްރީލް-ޖޫން ކުއާޓަރުގައި އިންޑިއާގެ އިޤްތިޞާދު ވަނީ 7.8 އިންސައްތައިގެ ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފައެވެ.

އެހެންނަމަވެސް، އާންމު ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ކުރިމަތިވާ ހުރަސްތަކުގެ އިތުރުން، އިންވެސްޓްމަންޓްތަކަށް އަސަރުކޮށްފާނެ ފަދަ މަނިޓަރީ ހަރުކަށި ސިޔާސަތުތަކަކީ މި ކުރިއެރުމަށް ހުރި ބޮޑެތި ގޮންޖެހުންތަކެއް ކަމުގައިވެސް މޫޑީސްއިން ވަނީ ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު