މެންބަރު ޑރ. އަޙުމަދު ޝަމްހީދު
މެންބަރު ޑރ. އަޙުމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދުގެ ހިއްސާ އޮންނަ "ޑުޕްލެކްސް" ކުންފުނިން ނެގި ލޯނަށް، އަމިއްލަ ހައިސިއްޔަތުން މިއަދާ ހަމައަށްވެސް ފައިސާ ދައްކަވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޝަމްހީދު ހިމެނިވަޑައިގަންނަވާހެން، ފަސް މީހަކު ގެރެންޓީ ދީގެން ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑުން ނެގި 500،000 (ފަސްލައްކަ) ޑޮލަރުގެ ލޯނަށް ފައިސާ ނުދައްކާ މައްސަލައިގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އޮތީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. މި މައްސަލައިގައި ނުދައްކައި އޮތް 244،826.52 ޑޮލަރާއި، ޗެރިޓީގެ ގޮތުގައި އަރާފައިވާ 36،000 އަށްވުރެ ގިނަ ޑޮލަރާއެކު، ނުދައްކައިވާ މުޅި ޖުމްލަ ފައިސާ ޚަލާޞްކުރުމަށް މިދިޔަ އަންގާރަ ދުވަހު ސިވިލް ކޯޓުން ވަނީ ގެރެންޓީ ދިން މީހުންގެ މައްޗަށް ހުކުމްކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ޝަމްހީދު ވިދާޅުވީ، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަކީ އޭނާގެ ކުރީގެ ރައްޓެހިންތަކަކާއެކު ވިޔަފާރިކުރުމަށް އުފެއްދި ކުންފުންޏެއް ކަމަށެވެ. ނަމަވެސް، ކުންފުނި ހިންގުމުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދި، އޭނާ ކުންފުނީގެ ހިންގުމާ ދުރުގައި ހުންނަވާތާ މިހާރު ހަތް އަހަރު ވެދާނެކަމަށް ޝަމްހީދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެެވެ.

"ލޯނު ނެގި ކުންފުނިން އެ ފެސިލިޓީއަށް ފައިސާ ދައްކަމުން ނުދާކަން އަޅުގަނޑަށް އެނގުނު ހިސާބުން ފެށިގެން، ކުންފުނި ހިންގުމާއި ފައިނޭންސް ކަންކަމާ ހަވާލުވެ ތިއްބެވި ފަރާތްތަކާ ވާހަކަދައްކައިގެން ލޯނުގެ ފައިސާ ދެއްކުމަށް ތަކުރާރުކޮށް އެދުނިން. ނަމަވެސް، އެ ފަރާތްތަކުން ފައިސާ ނުދައްކާތީ، އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން އެ ހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް މިދަނީ ފައިސާ ދައްކަމުން،" ޝަމްހީދު ވިދާޅުވިއެވެ.

މީގެއިތުރުން، އެ ލޯނަކީ އޭނާގެ އަމިއްލަ ބޭނުމަކަށް ނެގި ލޯނެއް ނޫންކަމަށް ވީނަމަވެސް، ކޯޓުގެ ހުކުމާ އެއްގޮތަށް އެ ލޯނު ދައްކައި މުޅިން ޚަލާޞްކުރައްވާނެކަމުގެ ޔަޤީންކަން ޝަމްހީދު ވަނީ ދެއްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް