ކޮޕް31 ލީޑަރސް ސަމިޓުގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ވާހަކަފުޅު ދައްކަވަނީ--
ކޮޕް31 ލީޑަރސް ސަމިޓުގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ވާހަކަފުޅު ދައްކަވަނީ--
ސާފު ހަކަތައަށް ބަދަލުވުމުގެ މަސައްކަތްތައް އަވަސްކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މުޢިއްޒު މިކަމަށް ގޮވާލެއްވީ ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ލީޑަރސް ސަމިޓުގެ ހަވާސާގައި ބޭއްވި މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމުގައި ދެއްވި ތަޤުރީރުގައެވެ.

"ހައި-ލެވެލް ޑައިލޮގް އޮން ކްލީން އެނަރޖީ ޓްރާންސިޝަން އެންޑް އިލެކްޓްރިފިކޭޝަން: 35 ބައި 35: ޕަވަރިން ދަ ފިއުޗާ" ގެ ނަމުގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވަނީ ލުއިފަސޭހަ މާލީ އެހީތެރިކަމާއި، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ހަކަތައިގެ އުމްރާނީ ތަރައްގީއަށް ބޭނުންވާ އިންވެސްޓްމަންޓްތައް ހޯދުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.މޫސުމީ ބަދަލުތަކުން އަރުވައިގަތުމަށް ސާފު ހަކަތައަށް ބަދަލުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިގުތިސާދު ހިމާޔަތްކޮށް އިތުބާރުހުރި ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުުން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ. ހަމައެއާއެކު، ބޭރުން އެތެރެކުރާ ތެލަށް ރާއްޖެއިން އިންތިހާއަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަކީ ގައުމީ ފެންވަރުގައި އެންމެ އިސްކަންދޭ އެއް ސިޔާސަތުކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ކަނޑައަޅާފައިވާ އަމާޒަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތަ އުފެއްދުން ފުޅާކޮށް، އެނަރޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާކަމަށެވެ. އަދި ރާއްޖޭގެ ރަށްތައް ޖިއޮގުރަފީ ގޮތުން ވަކިވަކިން އެކަހެރިކޮށް އުފެދިފައިވުމުގެ ސަބަބުން، ހަކަތައިގެ އުމްރާނީ ވަސީލަތްތައް ތަރައްގީކޮށް ބެލެހެއްޓުމަށް ބޮޑު ހަރަދެއް ހިނގާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް