ޑޮކްޓަރ އަޙްމަދު ޝަމްހީދު: ހުޅުމާލެ ދެކުނު ދާއިރާ މަޖުލީސް މެންބަރު
ޑޮކްޓަރ އަޙްމަދު ޝަމްހީދު: ހުޅުމާލެ ދެކުނު ދާއިރާ މަޖުލީސް މެންބަރު
ޤާނޫނު ހަދަން ޖެހޭނީ ކުށެއްކުރާ މީހަކަށް ޢަދުލުވެރި ޝަރިޢަތެއްކޮށް އޭނާގެ މައްޗަށް ކުށް ސާބިތުވެގެން ނޫނީ ޙައްޤު އަދަބެއް ނުލިބޭފަދަ އުސޫލަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ޑރ. ޝަމްހީދު ވިދާޅުވީ، މަޖިލީހުން ހަދާ ޤާނޫނުތަކަކީ ކުށެއް ކޮށްފި މީހަކަށް ޙައްޤު ޝަރީޢަތެއް ކުރެވި، އޭނާގެ މައްޗަށް ކުށް ސާބިތުކުރުމަށް ފުރިހަމަ ފުރުސަތު ލިބިދޭ އެއްޗަކަށް ވާންޖެހޭ ކަމަށެވެ. އަދި ހުށަހެޅިފައިވާ އިސްލާހުތަކުގައި ވިސްނަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަމްހީދު ވިދާޅުވީ، ޝަރީޢަތުގެ ކުރިމަތީގައި ދައުލަތާއި ދަޢުވާ ލިބޭ ފަރާތަކީ ހަމަހަމަ ދެ ފަރާތް ކަމަށާއި، ދެފަރާތަށްވެސް އެއްހަމައެއްގައި ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ. އެހެންކަމުން ހެކި ސިއްރުކުރުމަށް މަސައްކަތްކޮށް، އެއްފަރާތަކަށް ޤާނޫނުން އިތުރު ބާރުތަކެއް ދޭއިރު ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގައި ބައެއް ޝަރީޢަތްތަކުގައި އިންޓެލިޖެންސް ރިޕޯޓު ސިއްރު ހެއްކެއްގެ ގޮތުގައި ބޭނުންކުރުމަކީ ވަރަށް އާންމު ކަމެއްކަން ފާހަގަކުރައްވައި، އިންޓެލިޖެންސް ރިޕޯޓަކީ އޭގެ ޒާތުގައި ހެއްކެއް ނޫން ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އެހެންކަމުން ބައިނަލްއަޤްވާމީ މުޢާހަދާތަކާވެސް އެއްގޮތަށް މިފަދަ އިސްލާހުތައް ގެންނައިރު ފުޅާ ދާއިރާއެއްގައި ބަލަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ދާދިފަހުން މަޖިލީހުގައި ބަހުސްކުރެވުނު ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލާ މި އިސްލާހުތަކާ ވަރަށް ބޮޑު ގުޅުމެއް އެބައޮތް ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ އުސޫލުތައް ޖިނާއީ އިޖުރާއަތުގެ ޢާންމު ޤާނޫނުގެ ތެރެއަށް ލުމުން ހުރިހާ ޝަރީޢަތްތަކަކަށް އެކަން ތަންފީޒުވެގެންދާނެތީ، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށް އެހީތެރިވުމުގެ ގޮތުން އެކަންކަން ޚާއްޞަ ޤާނޫނުގެ ތެރޭގައި ޚާއްޞަ ޙާލަތްތަކެއްގެ ގޮތުގައި ހިމެނުން މާ ރަނގަޅުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑރ. ޝަމްހީދު ވަނީ މިކަންކަމަށް ރިޢާޔަތްކުރުމަށްފަހު، ކޮމެޓީ މަރުހަލާގައި މި ބިލާ މެދު އިތުރަށް ފުޅާކޮށް ބަހުސްކޮށް، ފައިނަލް އިސްލާހު މަޖިލީހުގެ ތަޅުމަށް ފޮނުވައިދިނުމަށް އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް