ސަރުކާރުގެ ދަތުރުފަތުގެ ސިޔާސަތު ތަންފީޒު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ތަޢާރަފް ކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ޏ. އަދި ސ. އަތޮޅުގައި ފެރީގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

އަތޮޅުތަކުގައި ފެރީގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތާއެކު، 2023 ގެ ނިޔަލަށް ހއ އިން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ރަނގަޅު ފެރީ ނިޒާމަކުން ގުޅާލުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އަދި ހަރުދަނާ ދަތުރުފަތުރުގެ ނިޒާމަކުން މުޅިރާއްޖެ ގުޅާލެވިގެން މެނުވީ ރާއްޖެ ތަރައްޤީ ނުކުރެވޭނެކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.

އާރުޓީއެލްގެ ޚިދުމަތް ކުރިއަށް ގެންދާ އެމްޓީސީސީން ބުނެފައިވަނީ އާރުޓީއެލްގެ ދަށުން ހުވަދު އަތޮޅާއި ޒޯން 6 ވަނީ ހައިވޭލިންކަކުން ގުޅާލެވިފައި ކަމަށެވެ. އެގޮތުން، މިއަދުން ފެށިގެން 24 އޯގަސްޓްގެ ނިޔަލަށް އާރް.ޓީ.އެލް ފެރީ ރޫޓްތަކުގައި ކަސްޓަމަރުންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

“އާރް.ޓީ.އެލް. ޒޯން 5 އަދި ޒޯން 6 ފެރީ ރޫޓްތަކުގެ ޚިދުމަތް ހަފުތާއަކު ހަތް ދުވަހު، އާރް.ޓީ.އެލް. ބްރޭންޑްގެ 02 ސްޕީޑް ފެރީ މެދުވެރިކޮށް، 02 ރޫޓަކުން ލިބިވަޑައިގަންނަވާނެއެވެ.” އެމްޓީސީސީން ބުނެފައިވެއެވެ.

އެމްޓީސީސީން ބުނީ ހިލޭ ދަތުރު ކޮށްދިނުމުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، އާރުޓީއެލް ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުޞަތު ދިނުމާއިއެކު، ކަސްޓަމަރުންގެ ޚިޔާލާއި އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުން ކަމަށެވެ.

ހިލޭ ދަތުރުކުރާ މުއްދަތުގައި ކައުންސިލް މެދުވެރިކޮށް ޖާގަ ދޫކުރި ނަމަވެސް ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ފެށުމާއެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެ ކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

އާރުޓީއެލްގެ ދަތުރުތަކަށް ޓިކެޓް ލިބޭނީ އެމްޓީސީސީން އެކަމަށް ހާއްޞަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށް ކަމަށް އެ ކުންފުނިން ބުނެއެވެ.

ހަމައެއާއެކު އާރް.ޓީ.އެލް ފެރީ ޚިދުމަތުގެ ޝެޑިއުލް އާރް.ޓީ.އެލް ވެބްސައިޓު އަދި އާރް.ޓީ.އެލް ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށާއި އިތުރު މަޢުލޫމާތު އެމްޓީސީސީގެ ހޮޓްލައިން 1650 އިން ލިބޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

އާރް.ޓީ.އެލް. ފެރީތަކަކީ ޖުމްލަ 50 ފަސެންޖަރުންނަށް އަރާމު ކަމާއެކު ދަތުރުކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެކެވެ. މި އުޅަނދުތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ ވީލްޗެއަރ ސްޕޭސް އާއި ސްޓްރެޗަރ ސްޕޭސް ހުންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން