ފުރަތަމަ ފަހަރަށް އިންޑިއާގެ ގައުމީ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ބަތަލުގެ އެވޯޑް ހާސިލުކުރި ފިލްމީ ތަރިއަކަށް ދެކުނު އިންޑިއާގެ މަޝްހޫރު ފިލްމީ ބަތަލު އައްލޫ އަރްޖުން ވެއްޖެއެވެ.

ޢާންމުކޮށް އިންޑިއާގައި ކޮންމެ އަހަރެއްގައިވެސް ދެވޭ މި ޝަރަފްވެރި އެވޯޑް މިހާތަނަށް ހާސިލުކޮށްފައިވަނީ ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ފިލްމީ ތަރިންނެވެ.

އައްލޫ ގިނަ ބައެއްގެ މެދުގައި މަޝްހޫރުކަން ހޯދާފައިވަނީ ތެލުގޫ ފިލްމު "ޕުޝްޕާ" އިންނެވެ. އޭނާއަށް މި އެވޯޑް ލިބުނީވެސް "ޕުޝްޕާ" ގައި ދެއްކި ހުނަރުވެރި އެކްޓިންގގެ ސަބަބުންނެވެ.

ބުރާސްފަތި ދުވަހު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި 69 ވަނަ ގައުމީ ފިލްމު އެވޯޑް ހާސިލުކުރި ތަރިންގެ ތެރޭގައި މަޝްހޫރު ހިންދީ ފިލްމީ ތަރިން ކަމަށްވާ އާލިއާ ބަޓްއާއި ކްރީތީ ސަނޯން ހިމެނެއެވެ. އާލިއާ ބަޓް އާއި ކްރިތީ ސަނޯން އަށް އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިފައިވަނީ "ގަންގޫބާއީ ކަތިއާވާޅީ" އާއި "މިމީ" އިންނެވެ.

މީގެ އިތުރުން އެވޯޑް ލިބުނު އިތުރު ކެޓަގަރީތަކަށް ބަލާއިރު އާންމުންގެ މެދުގައި އެންމެ މަގުބޫލު ފިލްމަކަށް "ދަ ކަޝްމީރް ފައިލްްސް" ހޮވިފައިވާއިރު، އެންޓަޓައިންމަންޓް ދާއިރާއިން އެންމެ މޮޅު ފިލްމަކަށް ހޮވުނީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި ތެލުގޫ ފިލްމު "އާރްއާރްއާރް" އެވެ. އަދި ހިންދީ ފިލްމު "ޝޭރްޝާހް" ވަނީ ސްޕެޝަލް ޖޫރީ އެވޯޑް ހާސިލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން