ބޮލީވުޑްގައި އަރަމުން އަންނަ ތަރި، ޖާންވީ ކަޕޫރްގެ އެންމެ ފުރަތަމަ 'ސީރިއަސް' ލޯބިވެރިޔާ ދޫކޮށްލަން ޖެހުނީ މައިންބަފައިންގެ ސަބަބުން ކަމަށް އޭނާ ހާމަކޮށްފިއެވެ.

ޓީވީ ޝޯވއަކަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން، ޖާންވީ ބުނީ މީހަކާއި ލޯބީގެ ގޮތުން ގުޅުމަށް އޭނާގެ މަންމައާއި ބައްޕަ ނުގަބޫލުވުމާއި ގުޅިގެން އޭނާގެ ލޯބިވެރިޔާއާއި އޮތް ގުޅުން ނިމުމަކަށް ގެންނަން ޖެހުނު ކަމަށެވެ. ޖާންވީއަކީ ހިންދީ ފިލްމު އިންޑަސްޓްރީގެ ކުރީގެ މަޝްހޫރު ބަތަލާ ސްރީ ދޭވީ އާއި ޕްރޮޑިއުސަރ ބޮނީ ކަޕޫރްގެ ދޮށީ ދަރިފުޅެވެ.

ޖާންވީ ބުނީ އޭނާގެ ބޯއިފްރެންޑްއާއި އެކީގައި ވަގުތު ހޭދަކުރުމަށް މައިންބަފައިން ގާތުގައި އެތަކެއް ދޮގު ހަދައިގެން ދިއުން އޭނާއަށް އެންމެ ފަހުން ކުޅަދާނަ ނުވީ ކަމަށެވެ. މާ ގިނަ ދުވަހެއް ނުވަނީސް، ލޯބިވެރިޔާއާއި ރުޅި ވާން ޖެހުނީމަ، މައިންބަފައިންނަށް ކަންތައްތައް ސިއްރުނުކުރުމުގެ މުހިންމުކަން އޭނާއަށް ވިސްނިގެންދިޔަ ކަމަށެވެ.

"އަހަރެންނަށް ވިސްނުނީ މައިންބަފައިންގެ ރުހުން ލިބި، އެމީހުންނާއެކު ހާމަކަން ބޮޑު ގޮތެއްގައި ކަންކަން އޮތުމުން ހުރިހާ ކަމެއް އެހާ ފަސޭހަވެގެންދާނެ ކަން. އެއީ ތިމާގެ ނިންމުންތަކާ މެދު އިތުބާރު އުފެދޭ ކަމެއް." ޖާންވީގެ އިންޓަވިއުގައި ބުނެފައިވެއެވެ.

މިވަގުތު ޖާންވީއާއި ޝިޚާރް ޕަހަރިޔާއާއި ލޯބީގެ ގުޅުމެއް އޮންނަ ކަމުގެ ވާހަކަތައް ފެތުރެމުން އެބަ ދެއެވެ. ޝިޚާރްއަކީ އިންޑިޔާގެ މިނިސްޓަރެއްގެ ދަރިއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން