ބޮލީވުޑްގެ ފުންނާބު އުސް ބަތަލު ޝާހް ރުކް ޚާންގެ ކުރިއަށް އޮތް އެކްޝަން ފިލްމު "ޖަވާން" ގެ ޓްރެއިލާ ނެރެން ހަމަޖެހިފައިވަނީ ދުބާއީގެ ބުރްޖް ޚަލީފާގައި ކަމަށް އޭނާ ހާމަކޮށްފިއެވެ.

ޝާހު ވަނީ އޮގަސްޓް 31 ވަނަ ދުވަހުގެތޭ 9 ޖަހާ އިރު ބުރްޖް ޚަލީފާގައި މި ފިލްމުގެ ޓްރެއިލާ ލޯންޗް ކުރާ ޚާއްސަ ހަފްލާއެއް ބާއްވާނެ ކަމަށް އިއުލާންކޮށްފައެވެ. އެއާއިއެކު އޭނާ ވަނީ ފިލްމުގެ ލަވައެއް ކަމުގައިވާ "ނޮޓް ރަމައިޔާ ވަސްތަވައިޔާ" ވެސް ބެލުންތެރިންނަށް ދައްކާލާފައެވެ.

ޝާހުގެ އަމިއްލަ ކުންފުނި, ރެޑް ޗިލީޒް އެންޓަޓެއިންމަންޓުން މިހާތަނަށް ބޭނުންކުރި އެންމެ ބޮޑު ބަޖެޓެއްގައި އުފެއްދި "ޖަވާން" އަކީ ދެކުނު އިންޑިއާ ފިލްމު އިންޑަސްޓްރީގެ ކުޅަދާނަ ޑައިރެކްޓަރ އެތުލީގެ ޑައިރެކްޝަނެކެވެ.

މި ފިލްމުގައި ޝާހުއާއި އެކީ މައިގަނޑު ރޯލްގައި ފެނިގެންދާނީ ދެކުނު އިންޑިއާއަށް ނިސްބަތްވާ މަގްބޫލު ބަތަލާ، ނަޔަންތާރާއެވެ. މިއީ ނަޔަންތާރާއާއި ޝާހު އެއް ސްކްރީނަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. މި ދެ ތަރިންގެ އިތުރުން ޕްރިޔާމަނީ، ވިޖޭ ތިލަޕާތީ، ޔޯގީ ބާބޫ އާއި ސާންޔާ މަލޯތްރާ ފަދަ ބައިވަރު ފިލްމީ ތަރިން "ޖަވާން" ގައި ހަރަކާތްތެރިވެއެވެ.

ޝާހުގެ ކާމިޔާބު ފިލްމު "ޕަތާން" އަށްފަހު ދެން އެންމެ ހިޓް ފިލްމަކަށް ވެގެންދާނީ މި ފިލްމު ކަމަށް ތަޖުރިބާކާރުން ލަފާ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން