މަރިޔަމް ލަމްޙާ ރަޝީދު   16 ސެޕްޓެމްބަރު 2023 - 13:40
ދިމާވާކަމެއްގެ ސަބަބުން އިންސާނާ ޑިޕްރެޝަންގެ ތެރެއަށް ވައްޓާލުމަކީ ވެދާނެކަމެކެވެ. އެކަން ފިރިހެނުންނާއި އަންހެނުންނަށް އަދި ކުޑަކުދިންނަށްވެސް ދިމާވެދާނެއެވެ. ޑިޕްރެޝަން ޖެހުމުން އާއިލާގެ އަޅާލުމާއި އޯގާތެރިކަން އެކަން ތަހައްމަލުކުރަމުންދާ މީހާއަށް ބޭނުންވެއެވެ.

މިލިޔުން މި ޚާއްސަކޮށްލަނީ ފިރިމީހާ ޑޕްރެޝަން ތަހައްމަލު ކުރަމުންދާކަން ދެނެގަންނާނެ އަލާމާތްތަކާއި އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމުގެމައްޗަށެވެ.

ޑިޕްރެޝަން ތަހައްމަލު ކުރަމުންދާ ފިރިމީހާގެ ކިބައިން ފެނިދާނެ އަލާމާތްތައް:

1. ދިގުދެމިގެންދާ ހިތާމަ:

ފިރިމީހާ އެއްވެސް ސަބަބެއް ނެތި އަބަދުހެން ދެރަވެފައި ނުވަތަ މާޔޫސްވެފައި ހުންނަކަމަށް ފާހަގަވުމަކީ ޑިޕްރެޝަންގެ އަލާމާތެކެވެ. މިހެންވުމުން އާއްމުކޮށް ހީސަމާސާކޮށް އުޅުނު ފިރިމީހާގެ މޫނުމަތިން އަބަދުހެން އުދާސްކަން ވެރިވެފައި ހުންނަ މަންޒަރު ފެންނާނެއެވެ.

ކުރެވިދާނެ ކަންތައް:ފިރިމީހާގެ ހަލާތާއިމެދު ކަންބޮޑުވާކަން އަންގައިދީ އޭނާ ތިބާއާއި މުއާމަލާތް ކުރުމަށް ހިތްވަރު ދޭށެވެ. އަދި ކޮންމެ ވާހަކައެއް ބުނިނަމަވެސް އެއްވެސް ރުޅިވެރިކަން އިސްނުކޮށް ފިރިމީހާގެ ވާހަކަތައް އަޑުއަހާނެކަން އިހުސާސްކޮށްދީ އޭނާއަށް ވާހަކަ ދެކެވޭނެފަދަ މާހައުލެއް ބިނާކުރާށެވެ.

2. ޝައުގުވެރިކަން ގެއްލުން:

ކުރީގައި ވަރަށް ގިނަ ކުޅިވަރުތަކާއި އިވެންޓުތަކާއި ރައްޓެހިންނާއިއެކު ތަންތަނަށް ދިޔަނަމަވެސް ޑިޕްރެޝަންއަށް ދިއުމުން އެހުރިހާކަމެއްގެ ޝައުގުވެރިކަން ގެއްލެއެވެ. އަދި އަބަދުހެން ގޭގައި ހުންނަކަން ފާހަގަވާނެއެވެ. ވަކިން ޚާއްސަކޮށް ކުރިން އެގޮތަށް ނޫޅޭ ފިރިޔަކު މިހެން ކުއްލިޔަކަށް އުޅެން ފަށައި މޫނުމަތިން އުޖާލާކަން ގެއްލެން ފެށުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

ކުރެވިދާނެ ކަންތައް: މި ހަރަކާތްތަކުގައި އެކުގައި ބައިވެރިވުމަށް ލަފާދީ އޭނާގެ އެކުވެރިންނާއި އެމީހުންގެ ބައިވެރިންނާއިއެކު ވަގުތު ހޯދައި އެކަންކަން އަމިއްލަޔަކަށް އިސްނަގައިގެން ކުރެވިދާނެއެވެ. އަދި ފިރިމީހާ ޝައުޤުވެރިވާ ކަންކަން ހޯދައި އެކަންކަން ކުރުމަށް ހިއްވަރުދެވިދާނެއެވެ.

3. ކެއުމަށް އަންނަ ބަދަލުތަކާއި ބަރުދަނަށް އަންނަ ބަދަލު:

ކެއުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ބަރުދަން ލުއިވުން ނުވަތަ އިތުރުވުމަކީވެސް ޑިޕްރެޝަންގެ އަލާމާތެކެވެ. ފިރިމީހާ ކުއްލިޔަކަށް ކާއެއްޗެއްސާއި ދުރުވެ މީހާގެ ހަށިގަނޑު ހިއްކާލައި މުޅިން ނިކަމެތިވުމަކީވެސް ދިމާވެދާނެކަމެކެވެ. ނުވަތަ ގިނަ އެއްޗެހި އަބަދުހެން ކެއުމުގެ އާދައެއް ހިފައި ފަލަވުމަކީވެސް މިބަލީގައި އުޅޭ މީހުންނަށް ދިމާވެދާނެކަމެކެވެ.

ކުރެވިދާނެ ކަންތައް: އެކުގައި ބެލެންސް ޑައިޓެއް ތައްޔާރުކޮށް އެގޮތަށް ކެއުންތައް ތައްޔާރުކޮށް ދުޅަހެޔޮ ކެއުމުގެ އާދަތަކަށް ހިތްވަރު ދިނުމަކީ މިހާލަތުގައި މުހިންމުކެމެކެވެ. އަދި އޭނާއަށް ހިއްވަރުދިނުމުގައި އޭނާގެ ސިފައާ މެދު މަލާމަތްކުރުމާއި ދިމާކުރުމުން މުޅިން ދުރުހެލިވާންވާނެއެވެ.

4. ނިދުމުގެ މައްސަލަތައް:

ނިދި ނުލިބުން ނުވަތަ މާގިނައިން ނިދުމަކީ ގަވާއިދުން ދިމާވާ ކަމަކަށް ވެގެންދެއުމަކީ ޑިޕްރެޝަންގައި އުޅޭ މީހުން ތަހައްމަލުކުރާ ކަމެކެވެ.

ކުރެވިދާނެ ކަންތައް: ނިދުމަށް ޚާއްސަ ރޫޓިންއެއް ހަދައި، އޭނާ ހޭލާ ހުންނަން މަޖުބޫރުކުރުވާފަދަ، ނުވަތަ ފިކުރުބޮޑުވާފަދަ ކަމެއް ނުވަތަ ހާސްވާފަދަ ކަމެއް އޮތްތޯ އަހައި އެކަމަކާއި ބެހޭގޮތުން މަޝްވަރާކުރުމަކީ މިކަމުގެ ހައްލެއް ހޯދުމަށް އަނބިމީހާއަށް ކުރެވިދާނެކަމެކެވެ.

5. ރުޅިގަދަވުން:

އާއްމު ހާލަތާއި ޚިލާފަށް ފިރިމީހާ ޑިޕްރެޝަން ތަހައްމަލު ކުރާނަމަ، ކުދިކުދި ކަންކަމާއިވެސް މާބޮޑަށް ރުޅިގަދަވެ، އުނދަގޫވެ، ނުވަތަ ރުންކުރުކޮށް ވާހަކަ ދައްކާކަން ފާހަގަކުރެވޭނެއެވެ. އަދި ބައެއްފަހަރު އެއްޗެތި ގޮވާލާފައި ފަހުން އައިސް އެކަމާއި ރޮއިހެދުމަކީވެސް ފެނިދާނެކަމެކެވެ. ގަސްދެއްނެތި އެކުގައި އުޅޭ މީހުންނާއި ރުޅިހަދާލައި އުޅުމަކީ އޭނާގެ މިޒާޖާއި ޚިލާފުކަމެއްނަމަ އެކަމާއި ވިސްނާލުން މުހިންމެވެ.



ކުރެވިދާނެ ކަންތައް: ފިރިމީހާ ހަމަޖެހިލައިގެން ހުންނަ ވަގުތެއް ބަލައި އޭނާއާއި ގާތްވެލައި އޭނާގެ އަތް ތިބާގެ އަތުތެރެއަށް ލާފައި އޭނާގެ ބައިވެރިޔެއް ހުރިކަން އިހުސާސްކޮށްދޭށެވެ. އަދި ކަންކަމާއި ކުރިމަތިލުމަށް ތިބާއޭނާއާއިއެކުވާކަން ބުނެދޭށެވެ. އަދި މިހާރަކަށް އައިސް އޭނާގެ މިޒާޖަށް އަންނަ ބަދަލުގެ ސަބަބުން ތިބާ ކަންބޮޑުވާކަން ބުނާށެވެ. އޭނާ ފިކުރުބޮޑުވާ ކަންކަމާއި އެކަންކަމަށް ހައްލު ހޯދާނެ ގޮތްތައް ހޯދުމަށް އެހީތެރިވުމަށް ތިބާ ހުރިކަން އޭނާއަށް އެންގައިދޭށެވެ.

ޑިޕްރެޝަން ބައްޔާއި ބެހޭގޮތުން ފިރިމީހާއާއި މުވާމަލާތުކުރަން ހަދާނީ ކިހިނެއް؟

- ރަނގަޅު ވަގުތު ހޯދުން: ވާހަކަ ދެއްކުމަށްޓަކައި ދެމީހުންވެސް ގެއަށް އަތުވެ ގޭގެ ކަންކަން ތަރުތީބުވެ ހަމަޖެހިލައި ހުރިހާކަމެއް ނިމުމުން އެކަކު އަނެކަކަށް ވަގުތުކޮޅެއް ހުސްކޮށްލައި ފޯނާއި ޓީވީފަދަ ހުރިހާ އެއްޗެއް ދުރުކޮށްލާށްށެވެ.

- ތިބާގެ ކަންބޮޑުވުންތައް ހިއްސާކުރުން: އޭނާގެ މައްޗަށް ތުހުމަތު ކުރާ އުސޫލުން ވާހަކަ ނުދައްކައި 'އަހަރެން' ނުވަތަ ތިބާ މުވާމަލާތުކުރާ އިބާރާތެއް ބޭނުންކޮށްގެން، ފިރިމީހާގެ މިޒާޖަށް ބަދަލު އައިސްފައިވުމުން ތިބާ ދެރަވާވާހަކަ ބުނާށެވެ. އަދި ތިބާގެ ކަންބޮޑުވުންތައް ހިއްސާކުރާށެވެ. އެވަނިކަމެއް މިވަނި ގޮތަކަށް ކުރިއޭ މިހެންނޭ އަބަދުހަދަނީ ކިޔައި އެއުސޫލުން ވާހަކަދެއްކުން ދޫކޮށްލާށެވެ.



- ސަޕޯޓިވް ވުން: ތިބާ އަޅާލާކަން އޭނާއަށް އިހުސާސްކުރެވޭނެ ގޮތަށް ވާހަކަދެއްކުމާއި އެހީތެރިވުމަށް ތައްޔާރަށް ހުންނާނެކަން އަބަދުވެސް އޭނާއަށް އިހުސާސްކޮށްދޭށެވެ. އަދި ޕްރޮފެޝަނަލް އެހީތެރިކަން ހޯދުމަށް ލަފާދޭށެވެ.

ޕްރޮފެޝަނަލް އެހީތެރިކަން ހޯދަންވީ ކޮން އިރަކު؟

ފިރިމީހާއަށްޓަކައި ތިބާގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް މުހިންމެވެ. އަދި ބައެއް މީހުން އަނބިމީހާގެ ހިއްވަރުން އެކަނި އެކަމުން އަރައިގަނެއެވެ. ނަމަވެސް ބައެއް މީހުންނަށް ޕްރޮފެޝަނަލް އެހީތެރިކަން ބޭނުންވާ ހާލަތެއް އަތުވެދާނެއެވެ. ތިރީގައިވާ ހާލަތެއް އަތުވެއްޖެނަމަ އެހީތެރިކަން ހޯދުމަށް ވިސްނާށެވެ.

- އޭނާގެ އަލާމާތްތައް ގޯސްވެ ނުވަތަ ދެ ހަފްތާއަށް ވުރެ ގިނަ ދުވަހު ދެމިގެންދިއުން

- އަމިއްލައަށް ގެއްލުން ދިނުމާއި ނުވަތަ އަމިއްލައަށް މަރުވުމުގެ ވާހަކަ ދެއްކުން

- ދުވަހުގެ މަސައްކަތްތައް ކުރުމަށާއި ދޭދޭ ގުޅުންތައް ދެމެހެއްޓުމަށް ނުކުޅެދުން

މިފަދަ ހާލަތްތަކުގައި ވަގުތުން ސައިކޮލޮޖިސްޓަކަށް ދައްކައި ޑޮކްޓަރުގެ މަޝްވަރާއާއި ލަފާހޯދަންވާނެއެވެ.

ފިރިމީހާގެ ކިބައިގައި ހުންނަ ޑިޕްރެޝަންގެ އަލާމާތްތައް ދެނެގަނެ އެކަންކަމާއިމެދު ވިސްނުމާއި އެ ހާލަތާ ކުރިމަތިލާން އެނގުމަކީ ތިމާގެ ޞިއްހަތަށާއި އޭނާގެ ޞިއްޙަތަށް ވެސް ވަރަށް މުހިންމު ކަމެކެވެ. އަދި އެހީތެރިކަން ހޯދުން އެއީ ތިބާގެ ވަރުގަދަކަމުގެ ނިޝާނެއްކަމުގައި ދެކޭށެވެ. އެއީ އެއްވެސް ހާލަތެއްގައި ބަލިކަށިވުން ނޫންކަން ގަބޫލުކޮށް ފިރިމީހާއަށްވެސް އެގޮތަށް ވިސްނައިދޭށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން