ސިނަމާލެ ބްރިޖު ހައިވޭގައި މަގުމަތީގެ ސަލާމަތް ބަލަހައްޓަން ތިބި ފުލުހުންގެ ޗެކްޕޮއިންޓެއްގައި، ބާރުބާރަށް ދުއްވާފައި އައި ސައިކަލަކުން ޖެހި ފުލުސް އޮފިސަރަކަށް ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ފަސް ދުވަހަށް ބަންދުކުރަން ކޯޓުން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ބަންދުގެ މުއްދަތު ޖަހާފައިވަނީ ހދ. ކުޅުދުއްފުށި، އުއްދަޑިމާގެ، ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤް (20އ) އާއި، ކ. ގާފަރު، މަލަ، އަޙްމަދު ސިނާޒް (30އ) ގެ އިތުރުން މި ހާދިސާގައި ޝާމިލްވާކަމަށް ތުހުމަތުކުރެވޭ 21 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި، ފުލުސް މީހާގެ ގައިގައި ސައިކަލު ޖެއްސީ ޢަބްދުﷲ ސައްމާޙް ކަމަށްވާއިރު، އަޙްމަދު ސިނާޒް އިނީ އެ ސައިކަލުގެ ފަހަތުގައެވެ. އަދި މި ހަތަރު މީހުންގެ ޔޫރިން ސާމްޕަލްގެ ވަގުތީ ނަތީޖާއިން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުުހުން ވަނީ އެމައްސަލައިގައި ހައްޔަރުކުރި ސައްމާޙް އާއި ސިނާޙްގެ ފޮޓޯ އާންމުކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހު 04:29 ހާއިރު، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައި ބާރު ސްޕީޑުގައި ދުއްވުން ހުއްޓުވުމަށް ޤާއިމުކޮށްފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައެވެ. ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވި މި ސައިކަލު ކޮންްޓްރޯލް ނުވެ ގޮސް ޖެހުނީ ޗެކްޕޮއިންޓުގެ ބެރިކޭޑުގައެވެ. އަދި އެވަގުތު ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ މޫނުމައްޗަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

އަނިޔާ ލިބުނު އޮފިސަރަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. ފުލުހުންގެ ޚިދުމަތުން އަންނަނީ މި ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު