އުމުރުން 39 އަހަރުގެ އަލީއާ ރޯޒާއަކީ ރަޝިޔާގެ މިލިޓަރީ ޖެނެރަލް ރޭންކްގެ އާއިލާއަކަށް އުފަންވި ހަމައެކަނި އަންހެން ދަރިފުޅެވެ. އެހެންކަމުން، އޭނާވެސް ވަނީ އަސްކަރިއްޔާއަށް ޚިދުމަތްކޮށްފައެވެ. އެހެން ނަމަވެސް، ރަޝިޔާއިން އޭނާ ޓްރެއިން ކުރުވީ މުޅިން ތަފާތު މަސައްކަތަކަށެވެ.



އިނގިރޭސި ވިލާތުގެ ނޫހަކަށް މައުލޫމާތު ދެމުން އަލީއާ ވަނީ އޭނާއަށް ކުރެވުނު ތަފާތު ތަޖުރިބާ ހިއްސާކޮށްފައެވެ. އެގޮތުން، އޭނާ ވަނީ އަހަރުތަކެއް ވަންދެން ފިރިހެނުން މަޅީގައި ޖައްސަންވީގޮތުގެ ޓްރެެއިނިންގ ހަދާފައެވެ. ރަޝިޔާގެ އަސްކަރިއްޔާއިން އޭނާއަށް މި ޚާއްސަ ޓްރެއިނިންގ ދިނީ ސަބަބުތަކާ ނުލައެއް ނޫނެވެ.

އަލީއާގެ މިޝަނަކަށްވީ ބޭރުގެ އެޖެންޓުން ނުވަތަ އާންމު ފިރިހެނުން އޭނާގެ އިޝްގުގައި ޖައްސާފައި އެމީހުންގެ ސިއްރުތައް ހޯދުމެވެ. ފިރިހެނުންގެ އިތުބާރު ހޯދުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް އެމީހުންގެ ފަރާތުން ހަގީގީ ލޯބި ހޯދުމަކީ އެއަށްވުރެ އުނދަގޫ ކަމެއްކަން އަލީއާ ދަނެއެވެ.

އެހެން ނަަމަވެސް، މިހާރު އޭނާ ވަނީ އެ މަސައްކަތް ދޫކޮށްލާފައެވެ. އޭނާ ގަބޫލުކުރާގޮތުގައި ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދީގެން ނުވާނެއެވެ. މިހާރު އަލީއާ އޭނާގެ އުކުޅުތައް ބޭނުންކުރަނީ އާދައިގެ އަންހެނުންނަށް އެހީތެރިވުމަށެވެ.

އޭނާ ހުޅުވި ޕްރައިވެޓް މެންބަރ ކްލަބެއްގައި 2000 ވަަރަކަށް މީހުން އުޅެއެވެ. ހުރިހާ ކްލަބްތަކާއި ކްލާސްތަކުގެ މެމްބަރޝިޕްތަކަށް ކޮންމެ ސެޝަނަކަށް 22 ޕައުންޑްގެ އަގެއް ކަނޑައަޅައިގެން އޭނާއަށް އަހަރެއްގެ މައްޗަށް މިލިއަނުން ފައިދާ ވާ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

އަލީއާ ވަނީ އޭނާ ނަގައިދޭ ކްލާސްތަކުގައި ދޭ ބައެއް ފިލާވަޅުތައް "ަދަ ޑެއިލީ މެއިލް" އާއި ހިއްސާކޮށްފައެވެ.

އަލީއާ ކިޔާދިންގޮތުގައި އޭނާ ރަޝިޔާގެ ރައްޔިތަކަށްވިޔަސް އޭނާ ވައްތަރީ އޭޝިޔާ ދަރިކޮޅުގެ މީހަކާއިއެވެ. އެކަމުގެ ސަބަބުން ސްކޫލު ދައުރުގައި އޭނާ ގަނާގެ ޝިކާރައަކަށްވިއެވެ. އެހެން ނަމަވެސް، އޭނާގެ ކޮންފިޑެންސް ނުވަތަ އަމިއްލަ ނަފްސު މައްޗަށް ކުރާ އިތުބާރަކަށް ބަދަލެއް ނައެވެ.

އަލީއާ ބުނީ ފިރިހެނެއްގެ ހިތް އަތުލުމަށް ކޮންމެހެން ބުރުސޫރަ ރީތި އަންހެނަކަށް ނުވިޔަސް، ކޮންފިޑެންސްއިން އެކަނި ފުދޭނެ ކަމަށެވެ. އަލީއާ އޭނާގެ ނަފްސު ސިފަކޮށްފައިވަނީ އަންހެން "ޖޭމްސް ބޮންޑް"އެއްގެ ގޮތުގައެވެ.

''އެމީހުން އަހަންނަށް ދަސްކޮށްދިނީ ޖާސޫސުކުރުމާ ބެހޭ ހުރިހާ ކަމެއް، ހިނގާނެ ގޮތާއި، މޭކަޕް ކުރާނެ ގޮތާއި، އަދި އެންމެ މުހިންމު ކަމަކީ ފިރިހެނުންގެ ސައިކޮލޮޖީ ވިސްނޭނެ ގޮތް." އޭނާއަށް ލިބުނު ޓްރެއިނިންގއާއި ބެހޭގޮތުން އަލީއާ ބުނެފައި ވެއެވެ.

މީހާ ކިތަންމެ ފަލަވިޔަސް ނުވަތަ ކުރުވިޔަސް، އެމީހެއްގެ ކިބައިގައި އެމީހަކަށް ރީތިވާ ފަސް ސިފައެއް ހޯދައިގެން އަމިއްލަ މީހާއާއި ދިމާލަށް ލޯގަނޑު ކުރިމަތީގައި ކޮންމެ ދުވަަހަކު ހުއްޓިހުރެގެން ތިމާއަކީވެސް ގަޔާވާ ސިފަތައް ހުންނަ މީހެއްކަން ގަބޫލުކުރުމަށް އޭނާ ނަސޭހަތްތެރިވިއެވެ.

"ތިމާ މީހާގެ ސިކުނޑިއަށް މިފަދައިން ވިސްނައިދީގެން ރަނގަޅު މޫޑެއްގައި ހުރުމުން ތިމާ ބޭނުން ކޮންމެ ފިރިހެނެއްގެ ހިތް އަތުލެވޭނެ." އަލީއާ ކިޔާދިނެވެ.

އަލީއާ ބުނީ އޭނާގެ މަޅީގައި ޖައްސަން ބޭނުންވާ އެޖެންޓުންގެ އިތުބާރު ހޯދަން އެމީހުންނާއި ބެހޭގޮތުން ވަރަށް ބައިވަރު ކަންތައްތައް އެނގޭ ކަމަށް ހެދިގެން އުޅުނު ކަމަށެވެ. އެގޮތަށް ވާހަކަދެއްކުމުން މަޑުމަޑުން އެމީހުންގެ އިތުބާރާއި ޝައުގު ހޯދަން ފަސޭހަވި ކަމަށެވެ. އަދި ހަމައެއާއިއެކު، ފިރިހެނުން އަހާ ސުވާލުތަކަށް ނުސީދާ ޖަވާބު ދީގެންވެސް ޝައުގުވެރިކަން ދެމެހެއްޓޭނެ ކަމުގައި އަލީއާ ބުންޏެވެ.

"ފިރިހެނަކު ސީދާ ސުވާލެއް ކޮށްފިނަމަ ރަނގަޅު ޖަވާބަކީ "ގެސް ކުރަން ވީ ނޫންތޯ؟" އެވެ. މިފަދައިން ޖަވާބުތައް ބެހެއްޓުމަށް އަލީއާ އިރުޝާދު ދިނެވެ.

އޭނާ ވަނީ ވާހަކަދެއްކުމުގައި ބޭނުންކުރަންވީ އިތުރު މިސާލެއްވެސް ބުނެދީފައެވެ.

"ރަހުމަތްތެރިއެއް ކައިރިން އެމީހަކާއި ބެހޭ ވާހަކައެއް އަޑުއެހިކަމަށް ބުނޭ. ދެން އޭނާ އެއީ ކޯޗެއްހޭ އެހުމުން ޖަވާބެއް ނުދީ. އޭރުން އެމީހާ ހުންނާނީ ސުވާލު މާކެއްގައި. އެ ސުވާލު މާކު ނުފިލާހާ ހިނދަކު އޭނާ ތިބާގެ ޚިޔާލަކުން ދުރަށް ނުދާނެ." އަލީއާ ކިޔާދިނެވެ.

މީގެ އިތުރަށްވެސް، އެހާ ފަސޭހައިން ފިރިހެންމީހާ ބޭނުން ވާ ކަންތައްތަކަށް ދޫ ދީގެން އޭނާއަށް އިސްކަން ނުދިނުމަކީ މުހިންމު ކަމެއް ކަމަށް އަލީއާ ފާހަގަކުރިއެވެ.

"ތިމާ މީހާއަކީ ލިމިޓެޑް އެޑިޝަނެއްކަމަށް ވިސްނާ." އަލީއާ ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން