ބޯޓު ދަތުރުކުރާ ދިވެހިންނަށް ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމެންޓް ދޫކުރަން ފަށާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު އަޙްމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރާބެހޭ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާ މެދުވެރިކުރަށްވައި ފޮނުއްވި މެސެޖެއްގައި ހަނަފީ ވިދާޅުވީ، ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ބޯޓު ދަތުރުކުރާ ކޮންމެ މީހެއްގެ އަތުގައިވެސް އޮންނަން ޖެހޭ އެސްއައިޑީ މިއަދުން ފެށިގެން ބޯޓު ދަތުރުކުރާ ފަރާތްތަކަށް ދޫކުރާނެ ކަމަށެވެ.

އެސްއައިޑީ އެޕްލިކޭޝަން ހުށަހެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. އަދި ޖުލައި މަހުގެ ތެރޭގައި އެސްއައިޑީ ދޫކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް އޭރު މިނިސްޓްރީން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނީ، އެސްއައިޑީ އަށް ހުށަހަޅާފައިވާ ފަރާތްތަކަށް މިއަދު ހަވީރު 6:00އާ ހަމައަށް އިމިގްރޭޝަންގެ ކައުންޓަރުން އެ ކާޑު ދޫކުރާނެ ކަމަށެވެ. އަދި ރަސްމީ ދުވަސްދުވަހު ހެނދުނު 8:30 އިން ހަވީރު 5:00 އަށް އެސްއައިޑީދޫކުރާނެ ކަމަށްވެސް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.

އެސްއައިޑީއަކީ ކަނޑުދަތުރުކުރާ ފަރާތްތަކަށް ދުނިޔޭގެ ބަނދަރުތަކާއި އެއާޕޯޓުތަކަށް ވަނުމަށް ކޮންމެހެން ބޭނުންތެރި ކާޑެކެވެ. އަދި ސީމަން ފޮތަކީ ކަނޑުދަތުރުކުރާ ފަރާތްތަކުން ޕާސްޕޯޓެއްގެ ގޮތުގައި ބޭނުންކުރާ އަދި އެފަރާތްތަކާ ބެހޭ މައުލޫމާތާއި ތަޖުރިބާ އާއި ފެންވަރު ބަޔާންކުރާ ފޮތެކެވެ.

ރާއްޖޭން ވަނީ 2015 ވަނަ އަހަރު އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ ވައިޓް ލިސްޓުގައި ހިމެނިފައެވެ. އަދި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އާއި މެރިޓައިމް ލޭބާ ކޮންވެންޝަން (އެމްއެލްސީ) ކޮންވެންޝަން ވެސް ރާއްޖޭން ވަނީ ތަސްދީގުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން