ފޮޓޯ: ޕީޕީއެމް
ފޮޓޯ: ޕީޕީއެމް
ރާއްޖެއިން ބޭރަށް ނުގޮސް، ފަރުވާ ހޯދޭ ފެންވަރަށް ދަރުމަވަންތަ ހޮސްޕިޓަލް ތަރައްގީކުރައްވާނެ ކަމުގައި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ޑރ. މުއިއްޒު ރައްޔިތުންގެ ގާތަށް" ނަމުގައި ރޭ ބޭއްވި ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލަކީ ދިވެހިން ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ބަރޯސާވުން ހުއްޓުމަކަށް ގެނައުމަށް އުފެއްދި ތަނެއް ކަމަށެވެ. އެހެންކަމުން، އެމަނިކުފާނުގެ ތަސައްވުރަކީ އެ ހޮސްޕިޓަލަކީ ރާއްޖެއިން ބޭރުގެ މީހުންވެސް ފަރުވާ ހޯދުމަށް އާދެވޭނެ ފެންވަރުގެ ތަނަކަށް ހެއްދެވުން ކަމުގައި ޑރ.މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސިޔާސަތަކަށް ވާނީ އެ ދަރުމަވަންތަ ހޮސްޕިޓަލް ދެންމެ މި ދެންނެވި ގޮތަށް އިތުރަށް ފުޅާކޮށް، އިތުރު އިމާރާތްތައް އަޅައި، އިތުރު ހިދުމަތްތައް ދެވޭނެ ތަނަކަށް ހަދައި، ރާއްޖޭގެ ރައްޔިތުން، އަބަދު އެއް ގައުމަކަށް ބޭސްފަރުވާއަށް، ކިތަންމެ ކުޑަކަމަކު ވިޔަސް ދާން ޖެހޭ ދިއުން ނިމުމަކަށް ގެނައުން. އެއިރުން ރާއްޖެއިން ބޭރަށް ގޮސް މި ހޭދަކުރަން ޖެހޭ ބޭރު ފައިސާ ހޭދަ ކުރުން ވެސް ނިމުމަކަށް ގެނެސް، ރާއްޖޭގަ ތިބެގެން ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ލިބިގެންދާނެ. އަދި އޭގެ އިތުރަށް ރާއްޖެއިން ބޭރުން ވެސް މީހުން ރާއްޖެ އައިސް ރާއްޖޭގެ ހިދުމަތް ހޯދާ ތަނަކަށް އެތަން ހެދިގެން ދާނެ." މުއިއްޒު ވިދާޅުވިއެވެ.

ހަމައެއާއިއެކު، މިވަގުތު ދަށް ފެންވަރެއްގައި އޮތް އައިޖީއެމްއެޗް ޚިދުމަތްތައް ބޮޑުތަނުން ރަނގަޅުކުރަން ބޭނުންފުޅުވާ ކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް، ޑރ. މުޢިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި ދެކުނުގެ ތިން އަތޮޅުގައި ކެންސަރަށް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން