ފަލަސްތީންގެ ޣައްޒާ ސިޓީގެ ޙައްޤުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ފޮނުވާ ސިޓީއެއްގައި ހޮލީވުޑްގެ ގިނަ ފަންނާނުން ސޮއިކޮށްފިއެވެ.

މި ސިޓީގައި އެމެރިކާގެ މަޝްހޫރު ފަންނާނުން ވަނީ 7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ޣައްޒާގެ ޢާންމުންނަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށް އެމެރިކާއިން ބާރުއެޅުމަށް ގޮވާލާފައެވެ.

އެގޮތުން "ޣައްޒާގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތައް ހުއްޓުވުމަށް އެމެރިކާއަށް ވަރަށް މުހިންމު ރޯލެއް އަދާކުރެވޭނެ ކަމަށް،" އެ ސިޓީގައި ބަޔާންކޮށްފައި ވެއެވެ.

ސިޓީގައި ސޮއިކުރި ތަރިންގެ ތެރޭގައި ޗެނިންގ ޓޭޓަމް، ކޭޓް ބްލޭންޗެޓް، ކްރިސްޓަން ސްޓެވާޓް، މާގަރެޓް ޗޯ އަދި ލަވަކިޔުންތެރިޔާ ދުއާ ލިޕާ ފަދަ މަގްބޫލު ތަރިން ހިމެނެއެވެ.

"7 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން އެޅި 6000 ބޮމުން 5،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. މި އަދަދަށް ބަލައިފިއްޔާ ސިކުނޑިއެއް ހުރި މީހަކަށް ވިސްނޭނެ މިއީ ކިހާ ބޮޑު އިންސާނީ ކާރިސާއެއްކަން. އަހަރެމެން ގަބޫލުކުރާ ގޮތުގައި ކޮންމެ ފުރާނައަކީވެސް ހުރުމަތްތެރި ފުރާނައެއް، ކޮންމެ، ދީނެއްގެ ކޮންމެ ނަސްލެއްގެ މީހެއް ކަމުގައި ވިޔަސް. ފަލަސްތީނާއި އިޒްރޭލުގެ އާންމުންގެ ޤަތުލުއާންމު ކުށްވެރިކުރަން. ކޮންމެ 15 މިނެޓަކުން ކުޑަކުއްޖަކު ނިޔާވަމުންދޭ. އިތުރު ފުރާނައެއް ގެއްލުވާލަން އެއްވެސް މީހަކު ނޭދޭ" ބައިޑަންއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައި ވެއެވެ. އަދި ވީއެންމެ އަވަހަކަށް ހަނގުރާމަ ހުއްޓުވުމުގެ އިތުރަށް ހަނގުރާމައިގައި ރަހީނުކުރެވުނު އަސީރުން މިނިވަންކުރުމަށްވެސް ގޮވާލާފައި ވެއެވެ.

"އާޓިސްޓްސް4ސީޒްފަޔަރ" ގެ ނަމުގައި ހުށަހެޅި މި ސީޓީގައި ވަނީ ޣައްޒާގެ ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށާއި އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ ރެފިއުޖީންކަން ފާހަގަކޮށްފައެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް އެސިޓީގައި ގޮވާލާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން