ދިވެހި ފަންނާނުން ފަލަސްތީނަށް އެހީވާން ބާއްވާ ފިލްމް ފެސްޓިވަލްގައި ބެލުންތެރިން ރޮއްވާލި ދިވެހި ފިލްމު "ޔޫސުފް" އޮލިމްޕަސް ބޮޑު ސްކްރީނުގައި މިރޭ ދައްކާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ ފާތިމަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

އަސަރުގަދަ ލޯބީގެ ފިލްމު "ޔޫސުފް" އެޅުވުމަށް ހަމަޖެހިފައިވަނީ ދިވެހި ފިލްމު އެސޯސިއޭޝަނުން ފަލަސްތީނަށް އެހީވުމަށް ހިންގާ "އިންސާނިއްޔަތަށްޓަކައި" އިވެންޓް ތަކުގެ ތެރެއިން މިރޭގެ ފިލްމު ފެސްޓިވަލްގައެވެ.

ނިއުމާ މުޙައްމަދައި ޔޫސުފް ޝަފީއު، ޔޫއްޕެ އެކްޓްކޮށްފައިވާ މި ފިލްމު އޮލިމްޕަސް ސްކްރީނުގައި އަޅުވާނީ މިރޭ 08:30 ގައެވެ.

"ރަސް އޮންލައިން" އާއި ވާހަކަދައްކަވަމުން ނަހުލާ ބުނީ މިހާރުގެ އޮލިމްޕަހުގެ ސްކްރީންގައި ރަނގަޅު ސައުންޑް ސިސްޓަމާއި އެއްކޮށް މި ފިލްމު ބަލާލުމުން ފިލްމު ބަލާ މީހުންނަށް އިތުރު ފުރިހަމަކަމެއް އިހުސާސް ކުރެވިގެންދާނެ ކަމަށެވެ.

މި ފިލްމުގެ ޓިކެޓް އޮލިމްޕަސް ކައުންޓަރުން ވިއްކާނީ 50 ރުފިޔާއަށެވެ.

ނަހުލާ ތައްޔާރުކޮށްފައިވާ "ޔޫސުފް"ގެ ވާހަކަ ބިނާކޯށްފައިވަނީ އަޑުއިވުމުން މަހުރޫމްވެފައިވާ މެދުފަންތީގެ އާއިލާއެއްގެ ޒުވާން ފިރިހެނަކާއި މުއްސަނދި އާއިލާއެއްގެ އަންހެނެއްގެ ދިރިއުޅުމުގައި ދިމާވާ މައްސަލަތަކެއްގެ މައްޗަށެވެ. ނަހުލާގެ ފިލްމުތަކަކީ ޢާންމުކޮށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ފިލްމުތަކެކެވެ.



"އެ ހުރިހާ ފިލްމުތަކެއްގެ ތެރެއިން "ޔޫސުފް"އަކީ އެންމެ ބުރަ މަސައްކަތެއް ކުރެވުނު ފިލްމު. މުޖުތަމައުއަށް ފައިދާ ހުރި އިބްރަތްތެރި މެސެޖެއް ދެވޭ ފިލްމަކަށްވެފައި، ތަރައްޤީކުރެވިފައިވާ އޮލިމްޕަހުގައި މި ފިލްމު ބަލާލުމުން ތަފާތު އިހުސާސެއް ކުރެވޭނެ ކަަމަށް ޤަބޫލުކުރެވޭތީ މި ފިލްމު މިރޭ ދައްކަން ނިންމީ." ނަހުލާ ވިދާޅުވިއެވެ.

މި ފިލްމުގެ ޓިކެޓް 9911000 އަށް ގުޅައިގެން ވެސް ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން