ދިވެހި ފިލްމު އެސޯސިއޭޝަނުން ފަލަސްތީނަށް އެހީވުމަށް އިންތިޒާމްކޮށްފައިވާ "އިންސާނިއްޔަތަށްޓަކައި" ޕްރޮގްރާމްގެ ދަށުން މަސް ދަތުރެއް ރާވައިފިއެވެ.

ފިލްމު އެސޯސިއޭޝަނުން މި ހަރަކާތް ރާވާފައިވަނީ ދިވެހި މަސްވެރިންނާއި ސްޕޯޓްސް ފިޝިންގ ކޮމިއުނިޓީއާއި ގުޅިގެންނެވެ. މި ހަރަކާތް އޮންނާނީ ހުކުރު ދުވަހުގައެވެ.

މަސް ދަތުރުގައި ބައިވެރިވެގެން އެންމެ ގިނަ މަސް ބާނާ ފަރާތަކަށް އޯޝަން ކިލާ ދޮށްޓެއް އިނާމެއްގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބާނާ މަސްކޮޅު ވިއްކައިގެން ލިބޭ ލާރި ފަލަސްތީނަށް އެހީވާން ހަމަޖެހިފައިވާ ފަންޑަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފިލްމު އެސޯސިއޭޝަނުން ބުނެފައި ވެއެވެ. އަދި މި ދަތުރުގައި ކުންފުނިތަކާއި އަތޮޅު ތެރެއިންވެސް މީހުން ބައިވެރިވާ ކަމަށްވެސް އެސޯސިއޭޝަނުން ބުނެފަވެއެވެ.



މި ހަރަކާތް ބޭއްވޭ ސަރަހައްދުގައި ޖަމްބަލް ސޭލެއްވެސް އިންތިޒާމްކޮށްފައި ވެއެވެ. ޖަމްބަލް ސޭލްގައި އަންނައުނާއި އެކި ސާމާނު ލިބެން ހުންނާނެ ކަމަށް ފިލްމު އެސޯސިއޭޝަނުން ބުނެއެވެ.

ފިލްމު އެސޯސިއޭޝަނުން ބުނީ މަސް ދަތުރުގައި ގާތްގަނޑަކަށް 100 ވަރަކަށް ދޯނި ބައިވެރިވާނެ ކަމަށެވެ.



މަސް ދަތުރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް 9911000 އަށް ގުޅުމަށް ފިލްމު އެސޯސިއޭޝަނުން އިރުޝާދު ދެއެވެ. މި ދަތުރު ވަނީ ވީހާވެސް ގިނަ ޢާންމުންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން