ހެއްވާ މަޖާ ފިލްމުތައް ޑައިރެކްޓް ކުރުމުގައި ކުޅަދާނަ ފަރާ ޚާން، 3 ފިލްމެއްގެ މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފަރާ ޚާނަށް ވަނީ ޝާހް ރުކް ޚާންގެ ފިލްމު ޕްރޮޑަކްޝަން ކުންފުންޏާއި އެއްކޮށް މަސައްކަތް ކުރުމުގެ ފުރުޞަތުގެ އިތުރުން ބުޝަން ކުމާރްއާއި ޑައިރެކްޓަރ ރޯހިތް ޝެޓީގެ ފިލްމެއްގެ ސްކްރިޕްޓް ތައްޔާރުކުރުމުގެ މަސައްކަތްވެސް ލިބިފައެވެ. ހިޓް ފިލްމުތައް މަދުން ނޫނީ ޕްރޮޑިއުސް ނުކުރާ ރޯހިތްއާއި އެއްކޮށް ފަރާ ތައްޔާރުކުރަނީ އަންހެން ފުލުހެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެވޭ ސްކްރިޕްޓެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ބުޝަންއާއިއެކު އޭނާ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ޗުޕް ޗުޕް ކޭ"ގެ ސީކުއެލްއެއްގައި ކަމަށް ރިޕޯޓްތަކުގައި ފާހަގަކޮށްފަވެއެވެ.

ފަރާ ވަނީ ދިވެހިންގެ ތެރޭގައި މަޤްބޫލުވި "މޭ ހޫ ނާ"، "އޯމް ޝާންތީ އޯމް"، "ތީސް މާރް ޚާން" އަދި "ހެޕީ ނިއު ޔެއާ" ފަދަ ފިލްމުތައް ޑައިރެކްޓް ކޮށްފައެވެ.

ޝާހް ރުކް ހަރަކާތްތެރިވި "ހެޕީ ނިއު އިޔާ" އަށްފަހު ފަރާ މަސައްކަތްކުރަމުންދާ ކަމަށް ބުނި އެއްވެސް ފިލްމެއް ރިލީޒްވެފައިނުވާތާ 9 އަހަރު ފާއިތުވެއްޖެއެވެ. އެންމެ ފަހުގެ ޚަބަރުތަކުގައި ރިޕޯޓްކުރެވިފައިވާ ގޮތުގައި ފަރާއަށް މިވަގުތު މި ނޫންވެސް ފިލްމުތަކުގައި މަސައްކަތްކުރުމަށް ހުށަހެޅުންތައް ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން