ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ، ހަފްތާ14 ގެ މަގުޗާޓާއި އެއްގޮތަށް ރާއްޖޭގައި ޓެކްސީ ދުއްވާ ފަރާތްތަކުގެ ގައުމީ ދަފްތަރެއް އެކުލަވާލުމަކީ ރައީސްގެ ވައުދެއްކަމަށެވެ.

އެހެންކަމުން އެ ވައުދާއި އެއްގޮތަށް ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފްތަރެއް އެ މިނިސްޓްރީގެ ފަރާތުން އެކުލަވާލާފައިވާ ކަމަށާއި އަދި އެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް މިހާރު ހުޅުވާލެވިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ މި ދަފްތަރުގައި ރަޖިސްޓްރީވާން ހަމަޖައްސާފައިވަނީ އޮންލައިންކޮށް ކަމަށާއި، އެގޮތުން އެ މިނިސްޓްރީގެ ސިމްސް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެދޭ ކަމަށެވެ.

މިނިސްޓްރީން މި ފުރުސަތު ހުޅުވާލިއިރު، މިދިޔަ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު އެފަދަ ދަފްތަރެއް އެކުލަވާލަން ކެބިނެޓުގެ ލަފާގެމަތިން ރައީސް ވަނީ ނިންމަވާފައެވެ.

އެގޮތުން މި ދަފުތަރު އެކުލަވާލާއިރު، ޑިޖިޓަލް ޕޭމަންޓް ނިޒާމް އޭގެ ތެރެއިން ގާއިމުކުރެއްވުމަށާއި، ބޭންކުތަކާއި މަޝްވަރާކުރައްވައިގެން އެފަދަ ނިޒާމެއްގެ ދަށުން ބޭންކުން ނަގާ ނިސްބަތް އުވާލައިގެން އެކަން ކުރެއްވޭނެގޮތެއް ހަމަޖެއްސުމަށާއި، ޓެކްސީ ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ކޭޝް ޕޭމަންޓް ހަދާ ފަރާތްތަކުން ހަދާ ޕޭމަންޓްތަކަކީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގައި ރެކޯޑުކުރެވޭ މުއާމަލާތެއްކަމުގައި ހެދުމަށް ހަމަޖެއްސުމަށް ރައީސް ވަނީ ނިންމަވާފައެވެ.

އަދި ޓެކްސީ ޑްރައިވަރުންނާއި، މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުގެ ހައްގުތަކާއި، އެ ފަރާތްތަކުގެ ޒިންމާތައް ހިމެނޭގޮތަށް ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު އުސޫލެއް އެކުލަވާލުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތީން ރައީސް އެދުވަހުވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ފަސީހު

17-Feb-2024

ތިޔައީ ހަމައެކަނި ނަންހޯދަން ކުރާކަމެއް. ތިޔަކަމަކުން ޓެކްސީޑުރައިވަރުންނަކަށް ކުރާނެ އެއްވެސް ފްއިދާއެއް ނޯންނާނެ.



ޓްރެންޑިން