އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
މުދަލު ޒަކާތް ނެރުމާމެދު ޢާއްމުން ހޭލުންތެރި ކުރުމުގެ ފުރަތަމަ ބުރު މިއަދު ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިއަދު ވިދާޅުވީ ދިވެހިރާއްޖޭގެ ޒަކާތު ހައުސް އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުޅުދުއްފުށި ސިޓީގައި މިއަދު ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މިގޮތަށް ރާއްޖޭގައި ކުރިއަށް ގެންދާ ފުރަތަމަ ޕްރޮގްރާމް ކަމަށެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ތިލަދުންމަތީގައި 15 ފެބްރުއަރީ އިން 17 ފެބްރުއަރީއަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން މިއަދު ކުޅުދުއްފުށި ސިޓީއާއި، ހދ. ނޮޅިވަރަމުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މާދަމާ މިޕްރޮގްރާމް ކުރިއަށް ގެންދާނީ ހއ. ކެލާގައެވެ. އަދި މިމަހުގެ 17 ވަނަ ދުވަހު ޕްރޮގްރާމް ކުރިއަށް ގެންދާނީ ހއ. ދިއްދޫގައެވެ.

"މި ޕްރޮގްރާމްގެ އަމާޒަކީ އެކި ފަންތީގެ ވިޔަފާރިވެރިންނަށް މުދަލުން ޒަކާތް ނެރުމުގެ މައްޗަށް ހޭލުންތެރިކަން އިތުރު ކުރުވައި، ޒަކާތް ނެރޭނެ ގޮތާއި، މިކަންކަމާއި މެދުގައި މަޢުލޫމާތު ފޯރުކޮށްދިނުމާއި، ކަންކަން ފަސޭހަކޮށްދިނުމާއި އަދި ވިޔަފާރިވެރިންގެ ކިބައިން އަޑުއެހުމާއި، ދިވެހި ރާއްޖޭގެ ޒަކާތުގެ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި މަސައްކަތްކުރުން." ޑރ. ޝަހީމް ވިދާޅުވިއެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބުނީ، މިދަތުރުގައި ޒަކާތަށް އާންމުން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ކުރިޔަށް ގެންދިޔުމުގެ އިތުރުން ޒަކާތު ނަފާ ޕްރޮގްރާމްގެ އެހީލިބުނު ފަރާތްތަކުގެ ހާލަތު ދެނެގަތުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިސްކިތްތަކުގައި ޒަކާތާއި ގުޅޭ މަޢުލޫމާތު ދިނުމާއި، ކައުންސިލްތަކާވެސް ބައްދަލުކުރެވިގެން ދާނެ ކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތުދެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވާފައިވަނީ، 18 ޑިސެމްބަރު 2023 ގައެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމަށް މަސައްކަތްކުރުމުގެ ބޭނުމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން