އިމާމުން ތާޒާކުރުމުގެ ފުރަތަމަ ޕްރޮގްރާމް
އިމާމުން ތާޒާކުރުމުގެ ފުރަތަމަ ޕްރޮގްރާމް
އިމާމުން ތާޒާކުރުމުގެ ފުރަތަމަ ޕްރޮގްރާމްގައި 64 އިމާމުން ސެޓްފިކެޓް ހާސިލްކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވާ ގޮތަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން، އިމާމުންނަށް އަމާޒުކޮށްގެން އިމާމުންގެ އިލްމާއި ހުނަރު ތަރައްޤީކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް އަމާޒުކޮށްގެން ބާއްވާ ޕްރޮގްރާމުތަކެކެވެ.

އެގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ، އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު މިހާރު ނިންމާލާފައިވާ ކަމަށެވެ. މި ޕްރޮގްރާމްގައި ގއ. އަދި ގދ އަތޮޅުގެ 17 ރަށުން ޖުމްލަ 64 އިމާމުން ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައިވެއެވެ.

ގއ. ގެމަނަފުށީގައި ހަތަރު ދުވަހަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ ނުވަ މާއްދާއެއް ކިޔަވައިދީފައިވެއެވެ. އިމާމުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމަކީ އިމާމުކަމުގެ ދާއިރާއިން އިމާމުންނަށް އިންޓެންސިވް ތަމްރީން ފޯރުކޮށްދީ މި ޒަމާނުގައި އިމާމުންނަށް ބޭނުންވާ، މިސްކިތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

އިމާމުންނާ ޚަޠީބުންނަށް އިތުރު ތަމްރީނު ދިނުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ރާއްޖޭން ބޭރުން ތަމްރީނު ހޯދާ އިމާމުންނާއި ޚަޠީބުންގެ ފުރަތަމަ ބެޗް މިމަހުގެ 16 ވަނަ ދުވަހު މައްކާއަށް ފުރަން ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ވިދާޅުވެފައެވެ.

އޭގެއިތުރުން މިހާރު މާސްޓަރސް ހަދާފައިވާ އިމާމުންނަށް ޕީއެޗްޑީއަށް ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ސަރުކާރުން ވަނީ މަޝްރޫއެއް ކުރިއަށް ރޭވިފައިވާކަން އިއުލާނު ކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ސަރުކާރުގެ އަމާޒަކީ މި އަހަރުގެތެރޭ 700 އިމާމުން ތަމްރީނު ކުރުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން