ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމްގެ ތެރެއިން
ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމްގެ ތެރެއިން
ހަލާކުވެފައި ހުންނަ އުޅަނދުތައް ސަރުކާރަށް ގަންނަން އަންނަ އަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ހިމަނާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަމީން މި މޭރުމުން ވިދާޅުވެފައިވާއިރު، މާލޭ ސަރަޙައްދުގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށް، ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމެއް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން މިހާރުވަނީ ފަށައިފައެވެ.

އެ މަސައްކަތް ގޮސްފައިވާ ހިސާބާއި، މާލޭގައި ވެހިކަލްތައް ގިނަވެފައިވާތީ، އެމައްސަލަ ޙައްލުކުރުމުގައި ސަރުކާރުގެ ވިސްނުން އޮޅުންފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީއަށް މިނިސްޓަރު އަމީން މިއަދު ޙާޟިރުކުރުމުން ވިދާޅުވީ، ސަރުކާރުން ނިންމާފައިވަނީ ހަލާކުވެފައި ހުންނަ ވެހިކަލްތައް ގަންނަން ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް 500 މިލިއަން ރުފިޔާ ހިމަނާނެ ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ސަރުކާރުން ގަންނާނީ ބޭނުންކުރެވޭ ހާލަތުގައި ހުންނަ ބައު އުޅަނދުތައް ކަމަށެވެ. އަދި މިއީ ބައެއް ގައުމުތަކުން ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމެއްކަމަށްވެސް އަމީން ވިދާޅުވިއެވެ.

"ގަންނަ އުޅަނދުތައް ރީއެކްސްޕޯޓުކޮށްގެން ރަނގަޅު އާމްދަނީއެއް ލިބޭނެ. މިއީ އޮސްޓްރޭލިއާ ފަދަ ގައުމުތަކުން ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެއް." އަމީން ވިދާޅުވިއެވެ.

ވަޒީރު މިބީދައިން ވިދާޅުވެފައިވާއިރު، މާލޭ ސަރަޙައްދުގައި ޤަވާއިދާ ހިލާފަށް ބޭނުންނުކޮށް ބަހައްޓާފައިވާ އެއްގަމު އުޅަނދުތައް، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މަގުމަތިންނަގައި ނައްތާލުމުގެ ޕްރޮގްރާމްގެ ދަށުން 04 ފުރޮޅުލީ 100 އަށްވުރެ ގިނަ އުޅަނދު މިހާރުވެސް ވަނީ ނައްތާލާފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާޗް ތިންވަނަ ދުވަހުގެ ނިޔަލަށެވެ.

މިއީ އެއްގަމުގައި ދުއްވާ އުޅަނދު މާލެ ސަރަހައްދުގައި ގިނަވެ މަގުމަތި ތޮއްޖެހުމުގެ ސަބަބުން މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އަވަސް ހައްލެއް ހޯދުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލޭ ސިޓީކައުންސިލާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި، ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ނައްތާލުމަށް ނިންމާފައިވަނީ، މާލޭގެ މަގުތަކުގައި ޕާކްކޮށްފައި އޮންނަތާ ގިނަ ދުވަސްވީ އުޅަނދުތަކެވެ. އަދި އަމިއްލައަށް އެދިގެން ވެހިކަލެއް ނައްތާލުމަށް އެއްވެސް ފަރާތަކުން އެދޭނަމަ މި ޕްރޮގްރާމުގެ އިތުރު ބައެއްގައި އެކަން ހަމަޖެހިގެންދާނެ ކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

މާލެ ސަރަހައްދުގައި ދިމާވެފައިވާ އެއްގަމު އުޅަނދު ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން، މީގެކުރިން ދުވާލަކު 200 އުޅަނދު ރަޖިސްޓްރީ ކޮށްދިން ނަމަވެސް މިހާރު އެޢަދަދު ވަނީ 25 އުޅަނދަށް ތިރިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން