ރަމަޟާން މަހަށް ޚާއްސަކޮށް މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް ހާއްސަ އަގުތަކެއް ކަނޑައަޅައިފިއެވެ.

މޯލްޑިވިއަނުން މިއަދު ބުނީ އެކުންފުނިން އެތެރޭގެ ދަތުރުތައް އަގުހެޔޮ ކޮށްފައިވަނީ ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ކަމަށެވެ. އެގޮތުން މި ފެއަރގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮމެސްޓިކް 8 އެއާޕޯޓަކަށް ދަތުރުކުރެވޭނެ ކަމަށް މޯލްޑިވިއަނުން މަޢުލޫމާތުދެއެވެ.

މިހާރު މޯލްޑިވިއަނުން ސ. ގަމަށް ދިއުމަށް އެއްކޮޅު ޓިކެޓަށް ޚަރަދުވާނީ 1،222 ރުފިޔާއެވެ. އަދި ފުވައްމުލައް ސިޓީއަށް 1،155 ރުފިޔާއަށް ދަތުރު ކުރެވޭއިރު ގދ. ކާޑެއްދުއަށް އެއްކޮޅު ޓިކެޓްގެ އަގަކީ 1،333 ރުފިޔާއެވެ.

އޭގެ އިތުރުން ގއ. ކޫއްޑޫ އާއި ހދ. ހަނިމާދޫއަށް 1،111 ރުފިޔާއަށް ދަތުރުކުރެވޭއިރު ލ. ކައްދޫ އަށް 1،055 ރުފިޔާ އަދި ނ. މާފަރާއި ރ. އިފުރަށް 999 ރުފިޔާއަށް އެއްކޮޅު ޓިކެޓް ލިބޭނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

މޯލްޑިވިއަނުން ވަނީ އެތެރޭ އުދުހުމުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން އޭޓީއާރު މަރުކާގެ އިތުރު ދެ މަތިންދާ ބޯޓު ހޯދުމާ ގުޅޭ އެއްބަސްވުމުގައި އޭޓީއާރު ކުންފުންޏާ އެކު މިދިޔަ މަހު ސޮއިކޮށްފައިވެއެވެ.

ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ އަގުތައް ހެޔޮ ކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ އިންތިޚާބީ ވަޢުދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން