މިއަހަރުވެސް މާލޭ ސަރަޙައްދުގެ 6 ތަނެއްގައި ބޮޑު ޖަމާއަތުގައި ފިޠުރު ޢީދު ނަމާދުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މޫސުން ތަންދޭނަމަ މާލޭގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާނެކަމަށެވެ.

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން މާލޭގައި ހަމަޖެހިފައިވާ ތަންތަނަކީ، މާފަންނު ސްޓޭޑިއަމާއި، އިސްލާމީ މަރުކަޒާއި މައިދާން ސަރަޙައްދު، މަސްޖިލް މަލިކި ސަލްމާން މިސްކިތާއި މިސްކިތުގެ މާބްލް ސަރަޙައްދުގައެވެ.

ހުޅުމާލެ ފޭސް 1ގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރާނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. ހުޅުމާލެ ފޭސް 2ގައި ނަމާދުކުރަނީ ކްރިކެޓް ސްޓޭޑިއަމް އަޅާ ސަރަހައްދުގައެވެ.

ބޮޑު ޖަމާއަތުގައި ފިޠުރު ޢީދު ނަމާދުކުރުން ވިލިމާލޭގައި އޮންނަނީ ފުޓްބޯޅަ ދަނޑުގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ ހުކުރުކުރާ ހުރިހާ މިސްކިތެއްގައިވެސް ޢީދު ނަމާދުކުރާނެކަމަށެވެ.

މިނިސްޓްރީން ވަނީ ބޮޑު ޖަމާއަތުގައި ކުރާ އީދު ނަމާދަށް ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ކެއުމާއި ސައި ހަދައިދޭނެ މީހުން ހޯދުމަށާއި އެ ތަންތަނުގައި ސައުންޑް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ވެސް އިއުލާން ކޮށްފަ އެވެ.

ޢީދުނަމާދަށް ވަޑައިގަންނަވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތަކުގެ ތެރޭގައި ކޮންމެ ބޭފުޅަކުވެސް ގެއިން ވުޟޫކޮށްގެން އައުން، އަމިއްލަ މުޞައްލައެއް ގެނައުން، އަމިއްލަ ފެންފުޅިއެއް ގެނައުން، ފައިވާންލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެނައުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން