އަމިއްލަ ޚަރަދުގައި ތިން މިސްކިތެއް އެޅުމަށް އިސްލާމިކް މިނިސްޓްރީން ތިން ފަރާތަކާ މިއަދު ޙަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ހުޅުމާލޭ ލޮޓު ނަމްބަރު 22150 ގައި މިސްކިތެއް ބިނާކުރުމަށާއި އައްޑޫ ސިޓީ ހުޅުދޫގައި މިސްކިތެއް ބިނާކުރުމަށާއި މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީގައި މިސްކިތެއް ބިނާކުރުމުގެ އެއްބަސްވުން ތަކުގައި ސޮއިކޮށްފައިވަނީ މިއަދު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

އެގޮތުން ހުޅުމާލޭ ލޮޓު ނަމްބަރު 22150ގައި މިސްކިތް ބިނާކުރުމަށް ޙަވާލު ކޮށްފައިވަނީ މ. މާޔާ މުހައްމަދު ޔޫސުފަށެވެ. އަދި އައްޑޫ ސިޓީ ހުޅުދޫގައި މިސްކިތެއް ބިނާކުރުމަށް މ. ޝުއާޒް މުހައްމަދު ޞާލިހަށް ޙަވާލު ކޮށްފައިވާއިރު މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީގައި މިސްކިތެއް ބިނާކުރުމަށް ރ. އަލިފުށި، ޑިސްކޯ، އަބްދުއްރަހްމާން މޫސާ އަށް މިއަދު ވަނީ ޙަވާލު ކޮށްފައެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ އަމިއްލަ ފަރާތްތަކުން އެމީހުންގެ އަމިއްލަ ހަރަދުގައި މާތް ﷲ އަށް ޓަކައި މިސްކިތެއް ގާއިމްކުރުމަކީ ވަރަށް މާތް މަތިވެރިކަމެއްކަން ފާހަގަކުރަށްވައި މިފަދަ ކަމަކަށް އިސްނެންގެވީތީ އެފަރާތްތަކަށް ޝުކުރު އަދާކުރަށްވާފައެވެ.

މި މިސްކިތްތަކުގެ ތެރެއިން އައްޑޫ ސިޓީ، ހުޅުދޫ މޫންލައިޓް ގޯތީގެ ހުރި ބިމުގައި، ބިނާކުރާ 200 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 720 (ހަތްސަތޭކަ ވިހި) ދުވަހެވެ.

އަދި އަލިފުށީގައި ބިނާކުރާ 570 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 732 ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން