ފާތިމަތު ނަޒީފާ އަޙްމަދު   4 އޭޕްރީލު 2024 - 13:37
މާލެ ސިޓީގައި އީދު ނަމާދު ކުރާނީ ހަތަރު މައިދާނެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، މި އަހަރު މާލެ ސިޓީގައި ފިތުރު އީދު ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ ހަތަރު މައިދާނަކާއި 22 މިސްކިތެއްގައި ކަމަށެވެ. އަދި މޫސުން ތަން ނުދިނުމުގެ ސަބަބުން މައިދާނުގައި ކުރުމަށް ހަމަޖެހިފައިވާ ބޮޑު ޖަމާއަތުގެ އީދު ނަމާދު ކެންސަލް ކުރަން ޖެހިއްޖެ ނަމަ، މާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން މާލޭގައި ހަމަޖެހިފައިވާ ތަންތަނަކީ، މާފަންނު ސްޓޭޑިއަމާއި، އިސްލާމީ މަރުކަޒާއި، މައިދާން ސަރަޙައްދު، މަސްޖިލް މަލިކި ސަލްމާން މިސްކިތާއި މިސްކިތުގެ މާބްލް ސަރަޙައްދުގައެވެ.

ރާއްޖޭގައި ފިތުރު އީދު ނަމާދާއި އަޟްހާ އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތަކީ ހެނދުނު 07:00 ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައި ވަނީ މިދިޔަ މަހުގައެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ފިތުރު ޢީދާ އަޟްހާ ޢީދުގެ ޖަމާއަތް ފަށާ ގަޑި އަކަށް ހަމަޖައްސާފައިވަނީ ހެނދުނު 07:30 ގައެެވެ.

އެ ނިންމުން ބަދަލުކުރިކަން ހާމަކުރަށްވައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ، ހެނދުނު 7:30 އަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަށް ވެފައި، ރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި އީދު ނަމާދު ކުރަމުން ގެންދާތީއާއި، ޢީދު ނަމާދުގެ ޖަމާއަތަށް ހާޒިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ވެސް ހިމެނޭތީއާއި، ހޫނުގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އުފުލަންޖެހޭތީއާއި، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާގޮތުން ވެސް އެކަލޭގެފާނު އީދު ނަމާދު ކުރައްވާފައިވަނީ އިރުގެ ހޫނުކަން ގަދަވުމުގެ ކުރިން ޟުޙާ ވަގުތުގައިކަން ފެންނަން އޮންނަ ކަމަށެވެ.

އެހެންކަމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެކަލޭގެފާނުގެ އަސްހާބު ބޭކަލުންގެ ޢަމަލުފުޅުގައިވާ ގޮތަށް ތަބައަވުމަކީ މޮޅު އިތުރުގޮތް ކަމަށްވާތީއާއި، އާންމު މަސްލަހަތަށް ރިއާޔަތްކުރުމަށް ޝަރުއުގައި ކަނޑައަޅުއްވާފައިވާ ގަވާއިދުތަކަށް ރިއާޔަތްކޮށް، މި އަހަރުން ފެށިގެން ރާއްޖޭގައި ފިޠުރު ޢީދު ނަމާދާއި އަޟްޙާ ޢީދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތަކީ ހެނދުނު 07:00 ކަމަށް ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

އެގޮތުން އީދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތު އަވަސްކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލްމުވެރިންނާއި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ޤާއިމުކުރެވިފައިވާ ފަލަކީ ހިސާބުތަކާބެހޭ ކޮމެޓީއާއި މަޝްވަރާކުރުމަށް ފަހުކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގައި އީދު ނަމާދުގެ ޖަމާއަތް ފަށާ ގަޑި އަވަސް ކުރުމަށް ގިނަ ދީނީ އިލްމްވެެރިންނާއި ފަލަކީ ކޮމެޓީގެ ތާއިދު ވެސް އެބައޮތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން