ޒަކާތު ފަންޑުން ޣައްޒާގެ ރައްޔިތުންނަށް އެއްލައްކަ ޑޮލަރު ފޮނުވަން ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޒަކާތުގެ ފައިސާ ބެހުމަށް އަމުރު ކުރައްވާފައިވަނީ އަށް ބަޔަކަށެވެ. އެގޮތުން ޒަކާތުގެ ފައިސާ ބަހާ އަށް ބަޔަކީ، ފަޤީރުންނާއި، މިސްކީނުންނާއި، އާމިލުންނާއި، މުއައްލިފަތު ގުލޫބުހުމް އަދި ދަރަނިވެރިންނާއި، އިބުނުއްސަބީލުގެ އިތުރުން އަޅުން މިނިވަން ކުރުމެވެ.

ޑރ. ޝަހީމް މިއަދު ވިދާޅުވީ ޒަކާތު ފަންޑުން ޣައްޒާގެ އަޚުންނާ އުޚުތުންނަށް ފޮނުވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނީ ޤަޠަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ކަމަށެވެ.

އެގޮތުން މީގެ ކުރިން ވެސް ދިވެހިރައްޔިތުންގެ ޤައުމީ ފެންވަރުގެ އެހީ 2 ފަހަރެއްގެ މަތިން ޤަޠަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ޣައްޒާ އަށް ފޮނުވާފައިވާކަން ޑރ. ޝަހީމް ވަނީ ފާހަގަ ކުރަށްވާފައެވެ.

“ޒަކާތު ފަންޑުން ފުރަތަމަ މަރުޙަލާގައި ފޮނުވަން ޤަސްތުކުރަނީ 1 ލައްކަ ޑޮލަރ. މި ފައިސާ ފޮނުވާނީ 2 ޕޭމަންޓަކަށް ބަހައިގެން، މި ފައިސާއަކީ ޣައްޒާގެ ރައްޔިތުންގެ ކާބޯތަކެއްޗަށް ހޭދަކުރުމަށްޓަކައި ފޮނުވޭ އެހީއެއް.” ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ މިއީ ރައީސުލްޖުމުހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދެވޭކަމެއް ކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ބޭރުގެ ފަރާތަކަށް އެހީވާ ފުރަތަމަ ފަހަރުކަމަށްވެސް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

އިޒްރާއީލުން މެދުނުކެނޑި ދެމުން ގެންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން ވަނީ ކާބޯތަކެއްޗާއި ބޭސްފަރުވާއިން މަހުރޫމުވެ ވަރަށް ނިކަމެތި ހާލަތަކަށް ވެއްޓިފައެވެ. އަދި ކާނާއާއި ބޯފެނަށް ޖެހި ބަނޑުހައިހޫނުކަން އާންމުވެފައި ވާއިރު އިޒްރޭލުން ދަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ވެސް ހުރަސް އަޅަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން