ޒަކާތު ހައުސް މެދުވެރިކޮށް ޔަތީމު ކުދިންނަށް މާލީ އެހީ ލިބޭނެ ނިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ޒަކާތުގެ ފައިސާ ބެހުމަށް އަމުރު ކުރައްވާފައިވަނީ އަށް ބަޔަކަށެވެ. އެގޮތުން ޒަކާތުގެ ފައިސާ ބަހާ އަށް ބަޔަކީ، ފަޤީރުންނާއި، މިސްކީނުންނާއި، އާމިލުންނާއި، މުއައްލިފަތު ގުލޫބުހުމް އަދި ދަރަނިވެރިންނާއި، އިބުނުއްސަބީލުގެ އިތުރުން އަޅުން މިނިވަން ކުރުމެވެ.

ޑރ. ޝަހީމް މިއަދު ވިދާޅުވީ، ޔަތީމު ކުދިންނަށް ޒަކާތު ހައުސްއިން ދާއިމީ ގޮތެއްގައި ކޮންމެ އަހަރަކު މާލީ އެހީތެރިކަމެއް ދެވޭނެ ގޮތަކަށް ނިޒާމެއް ގާއިމުކުރައްވާނެ ކަމަށާއި މި ނިޒާމުގެ ދަށުން އެކުދިން ބޮޑުވަންދެން ކޮންމެ އަހަރަކު އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

އެކަމާއި ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އުފެއްދެވީ 18 ޑިސެމްބަރ 2023ގައެވެ. އަދި މި އަހަރު ޖެނުއަރީ 2 ވަނަ ދުވަހު އެމަނިކުފާނު ވަނީ 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އިފްތިތާހްކޮށްދެއްވައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ''ޒަކާތު ހައުސް'' އަކީ އިސްލާމީ ޝަރީއަތުގެ އަލީގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ގާއިމްކުރެވޭ ޒަކާތާއި ސަދަގާތުގެ އަދުލުވެރި އަދި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، ޒަކާތް ނެގުމާއި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމާއި ފުދުންތެރި މުޖުތަމައެއް ބިނާކުރުމުގެ ދަށުން އެކުލަވާލެވިފައިވާ އިދާރާއެކެވެ.

އެގޮތުން އެ އިދާރާއިން ވަނީ އެހީގެ ގޮތުގައި ފެބްރުއަރީ މަހުގެ ނިޔަލަށް 700،000 އަށް ވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކަށް ފޯރުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން